ހުއްދަ ނެތި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތެރެއަށް ވަންނަން މަސައްކަތް ކުރި އިންޑިއާ މީހެއް ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ އަމުރުން އެނގޭ ގޮތުގައި، ހުއްދަ ނެތި ތަނަކަށް ވަންނަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އިންޑިއާ އަށް ނިސްބަތްވާ 45 އަހަރު ސަންޖީވާ ރެއްޑީ ޔެލްމާ އެވެ. 

25 އޮގަސްޓް 2026 ގައި އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފަ އެވެ. 

ކޯޓު އަމުރުގައި ބުނީ، އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް  އޭނާ ކުރިކަމަށް ތުހުމަތު ކުރެވޭ ކޮންމެ ވެސް މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށެވެ.

އެގޮތުން، އޭވިއޭޝަން އެންޑް ޕޯޓު ސެކިއުރިޓީ ކޮމާންޑް އިން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ރިޕޯޓާއި ހާދިސާ ރިޕޯޓާއި މައްސަލައިގައި ހެކިބަސްދޭ އޭވިއޭޝަން ސެކިއުރިޓީ އޮފިސަރު ތަހުގީގަށް ދީފައިވާ ބަޔާންތަކާއި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތުން ބޭނުންކުރި ފާސް ކަމަށް ބުނެ އޭވިއޭޝަން އެންޑް ޕޯރޓް ސެކިއުރިޓީ ކޮމާންޑް އިން ހިއްސާކޮށްފައިވާ ފާސްގެ ފޮޓާ އާއި ފާސް ދޫކުރެވިފައިވާ ފަރާތުގެ ޕާސްޕޯޓު ކޮޕީ އަދި ފާސް ދޫކޮށްފައިވާ ފަރާތަކީ ވޯރކް ވިސާ ކެންސަލުކޮށްފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުމާއި ތުހުމަތު ކުރެވޭ ފަރާތުގެ ޕާސްޕޯޓު ކޮޕީ އަދި އެމްޕްލޯއީމަންޓް އެޕްރޫވަލް ލިޔުން ހުށަހަޅާފައިވާ ކަމަށެވެ. 

މީގެ އިތުރުން އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަކަށް ކަމަށް ކަނޑައަޅާފައިވާއިރު، އޭނާ އޭވިއޭޝަނަށް އެންޑް ޕޯރޓް ސެކިއުރިޓީ ކޮމާންޑުން އެހެން މީހަކަށް ދޫކޮށްފައިވާ އެކްސެސް ކޮންޓްރޯލް ފާހެއް ބޭނުންކޮށްގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އީސްޓަން ފަޅީގެ ގޭޓް ނަންބަރު 51 އިން ހުއްދަ ނެތި އެއަރޕޯޓު ތެރެއަށް ވަންނަން އުޅުނު ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ. 

ނަމަވެސް އޭނާ މިކަން ކޯޓުގައި ވަނީ އިންކާރުކޮށްފަ އެވެ. އަދި އެ ފާހަކީ އޭނާގެ ބޮސް ދީފައިވާ ފާހެއް ކަމަށް އޭނާ ބުނެފައިވެ އެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.