ވަޒަން އަޅައިފައިވާ މެގަޒިނަކާއެކު ރާއްޖެ އެތެރެވި އެމެރިކާ ރައްޔިތަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށް، 10 ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފި އެވެ.

އަންގާރަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 24 އޮގަސްޓް 2026 ވަނަ ދުވަހު ދިވެހިރާއްޖެއަށް ވައިގެ މަގުން އެތެރެވި އެމެރިކާ ރައްޔިތެއްގެ ލަގެޖު ބަލައި ފާސްކުރުމުގެ ތެރޭގައި ވަޒަން އަޅާފައިވާ މެގަޒިނެއް ފެނުނު މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. 

އެގޮތުން ހައްޔަރު ކޮށްފައި ވަނީ 36 އަހަރުގެ ކޮބޯލް ބްރިޓެއިން ޓައިލަރ އެވެ. 

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް 25 އޮގަސްޓުގައި، ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.  

މީގެއިތުރުން މި މައްސަަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.