މިސް ވޯރލްޑްގައި ދިވެހިރާއްޖެ ތަމްސީލު ކުރާ މަރިޔަމް އީމާ މުހައްމަދު، މިސް ވޯރލްޑްގެ "ހެޑް ޓު ހެޑް ޗެލެންޖު" ގެ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ އެވެ. 

ވިއެޓްނާމްގައި ކުރިއަށްދާ 73 ވަނަ މިސް ވޯރލްޑް މުބާރާތުގައި އީމާ އަންނަނީ ދިވެހި ރާއްޖެ ތަމްސީލު ކުރަމުންނެވެ. މިއީ ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު އެއް ރީތީގެ މުބާރާތެވެ. އަދި މިސް ވޯރލްޑްގައި ދިވެހިރާއްޖެ ތަމްސީލް ކުރާ މިއީ ފުރަތަމަ ފަހަރެވެ. 

އޭޝިއާ އަދި އޯޝޭނިއާ ބައްރުން އީމާއާ އެކު ގަދަ ފަހެއްގައި ހިމެނެނީ ކުކް އައިލެންޑްސް، ކޮރެއާ، ފިލިޕީންސް އަދި ވިއެޓްނާމްގެ ބައިވެރިން ކަމަށް މިސް ވޯރލްޑް އިން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެ އެވެ. 

މި ޗެލެންޖުގެ ގަދަ ފަހަކުން އީމާއަށް ޖާގަ ލިބުނީ އޭނާ ދެއްކި ވާހަކަތަކާއި ހިއްސާކުރި ކަންކަމަށް ބިނާކޮށެވެ. އެގޮތުން އޭނާ ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމާއި ކަނޑުފަޅުތައް ރައްކާތެރިކުރުމުގެ އިތުރުން ރާއްޖޭގެ ރަށްތަކުގެ މުސްތަގުބަލާ ގުޅޭ ގޮތުން ވާހަކަ ދައްކާފައި އެވެ. 

އީމަގެ ވާހަކައިގައި، ދިވެހިރާއްޖެއަކީ ކަނޑުގެ ލެވެލްއަށްވުރެ އެވްރެޖްކޮށް އެންމެ 1.5 މީޓަރު އުސްމިނުގައި އޮތް ގައުމަކަށް ވުމާއެކު، ދިވެހިންގެ ދިރިއުޅުން ވަނީ ކަނޑާ ވަރަށް ބޮޑަށް ގުޅިލާމެހިފައި ކަމަށާއި ރާއްޖޭގެ ފަރުތަކަކީ ހަމައެކަނި ރީތި މަންޒަރެއް ނޫން ކަމަށް ބުނެފައިވެ އެވެ. އަދި 2004 ވަނަ އަހަރު ކުރިމަތިވި އިންޑިއާ ކަނޑުގެ ސުނާމީ ކާރިސާއިން ފަރުތަކަކީ ރަށްތަކުގެ ގޮނޑުދޮށްތަކާއި އާންމު ރައްޔިތުން ހިމާޔަތްކޮށްދޭ މުހިންމު އައްޑަނައެއްކަން ހަނދާންކޮށްދިން ވަރުގަދަ ހާދިސާއެއް ކަމަށް ވެސް ބުނެފައިވެ އެވެ.    

އީމާ މިސް ވޯލްޑް މުބާރަތުގައި ބައިވެރިވަނީ އަމިއްލަ ޖަމިއްޔާއެއްގެ ފަރާތުން، ސަރުކާރުގެ ބައިވެރިވުމެއް ނެތި އެވެ. 

އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިފައިވުމުން އެމްޑީޕީގެ ޗެއާޕަރސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެފަ އެވެ.