ދިވެހިރާއްޖޭގެ މަސައްކަތް ކުރާ ބިދޭސީންނަށް ދޭން ޖެހޭ މުސާރައާއި އިނާޔަތްތައް އެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރަންޖެހޭ ގޮތަށް ގަވާއިދު އިސްލާހު ކޮށްފި އެވެ.

އަންގާރަ ދުވަހު ދިވެހި ސަރުކާރުގެ ގެޒްޓްގައި ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް ތިންވަނަ އިސްލާހެއް ގެނެސް އިއުލާންކޮށްފައިވެ އެވެ. އެގޮތުން އެ ގަވާއިދުގެ 58  ވަނަ މާއްދާގެ (ނ) ގެ ފަހަތަށް (ރ) ގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީ މުވައްޒަފުންނަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ މުސާރަ ޖަމާކުރަންވާނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބޭންކެއްގައި އެ މުވައްޒަފެއްގެ ނަމުގައި ހުޅުވައިފައިވާ ބޭންކް އެކައުންޓަކަށް ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ. 

މި ގަވައިދަށް އަމަލުކުރަން ފަށާނީ، އޮގަސްޓް 25ން ފެށިގެން 30 ދުވަހުގެ ފަހުންނެވެ.

މީގެ ކުރިން ވެސް ބިދޭސީން މުސާރަ ޖަމާކުރަން ޖެހޭނީ ބޭންކު އެކައުންޓަށް ކަމަށް ކަނޑައަޅައި ގާނޫނަށް އިސްލާހު ހުށަހަޅި އެވެ. އަދި އެ ގާނޫނަށް އަމަލު ނުކުރާ ކުންފުނިތައް ޖޫރިމަނާ ކުރެވެ އެވެ. ނަމަވެސް، ވަކި ހިސާބަކުން ވަނީ ޖޫރިމަނާ ފައިސާ ނެގުން މަޑުޖައްސާލާފައި އެވެ. އެއީ ސައްހަ ލިޔުން ނެތް ބިދޭސީން ގިނަވުމުން ބޭންކު އެކައުންޓު ނުހުޅުވުމެވެ. 

އޭރު ބިދޭސީންގެ މުސާރައާއި، އިނާޔަތްތައް ބޭންކް އެކައުންޓަކަށް ޖަމާކުރާ ގޮތަށް މަޖުބޫރު ކުރީ ބިދޭސީން އަތުން ރެމިޓެންސް ޓެކްސް ނެގުމަށެވެ.

ރެމިޓަންސް ޓެކްސްއަކީ އަކީ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ދައުލަތަށް ނަގާ ޓެކްސްއެވެ. އެގޮތުން ރެމިޓެންސް ޓެކްސްގެ ގޮތުގައި ބޭރަށް ފޮނުވާ ފައިސާއިން ތިން އިންސައްތަ އަންނަނީ ދައުލަތަށް ނަގަމުންނެވެ.