އޮންލައިން
ނޫސް "އަދަދު" ގެ ސޯޝަލް މީޑިއާ މަންސަތަކުގައި އާންމުކުރި
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ފުލުހުން
އެ ނޫހުގެ އޮފީސް ބަލާފާސްކުރުމަށްފަހު ގެންދިޔަ ތަކެތި އަނބުރާ ރައްދު ކުރުމަށް
އަމުރު ކުރާނެ ތަނެއް ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ފުލުހުން
އޭރު އެ ނޫހުގެ އޮފީހަށް ވަދެފައިވަނީ، އެ ޑޮކިއުމަންޓްރީގައި ހިމެނޭ ވާހަކަތަކަކީ
ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ، އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ގާނޫނީ
ފިޔަވަޅު އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމާބެހޭ
އިދާރާތަކުގައި އެދިވަޑައިގެންފައި ވަނިކޮށެވެ.

އަދަދު
ނޫހުގެ ފަރާތުން މައްސަލަ ހުށަހެޅުމުން މި މައްސަލައިގައި ކޯޓުން ނިންމި
ނިންމުމުގައި ބުނެފައިވަނީ، އަދަދު ނޫސް ބަލައި ފާސްކުރުމާއި، އެތަނުން ތަކެތި
ގެންދިއުމާއި، އެތަކެތި ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމުގެ މުއްދަތު
އިތުރުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާ އެއްގޮތަށް ކަމަށެވެ.

އެހެންކަމުން
އޭގެ ތެރެއިން އަނބުރާ ހަވާލު ނުކުރެވިވާ ތަކެތި އަނބުރާ ރައްދުކުރުމަށް
ފުލުހުންގެ މައްޗަށް އަމުރުކުރާނެ ޤާނޫނީ އަދި ޝަރުއީ ހަމައެއް އޮތްކަމަށް
ނުފެންނަކަމަށް ވެސް ވަނީ ހުކުމްކޮށްފަ އެވެ.

ކްރިމިނަލް
ކޯޓުން މި ނިންމެވުން ނިންމެވީ ގާޒީ އިބްރާހީމް ޛިހުނީ އެވެ.