ޓެރަރިޒަމްގެ މައްސަލަތަކެއްގައި ހޫދު
މުހައްމަދު ޒާހިރުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެ، އޭނާގެ މައްޗަށް
ކޮށްފައިވާ 23 އަހަރުގެ ޖަލު ހުކުމް އޭނާގެ ފަރާތުން އިސްތިއުނާފު ކުރުމުން، އެ
އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި އެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް
ދައުވާ އުފުލާފައިވާއިރު، ޓެރަރިޒަމާ ގުޅުންހުރި 5 ދައުވާއެއް ވަނީ އުފުލާފަ އެވެ.
އެގޮތުން އޭނާގެ ފޯނުން ސޯޝަލް މީޑިއާގެ އެކި އެކައުންޓްތައް ބޭނުންކޮށްގެން
ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ، މީހުންނަށް އަނިޔާ ދިނުމަށާއި މީހުން
މެރުމަށާއި ތަންތަނަށް ގެއްލުންދީ އުދުވާނީ ހަމަލާތައް ދިނުމަށް
ގޮވާލާފައިވާކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެ އެވެ.

މި މައްސަލައިގެ ދައުވާތައް ހުށަހެޅިއިރު ޕީޖީ
އޮފީހުން ބުނީ، އޭނާ ސޯޝަލް މީޑިއާ އެކި ޕްލެޓްފޯމްތަކުގައި، އެކި
އެކައުންޓްތަކުން ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތައް
ތާއީދުކޮށް، އެ ޖަމާއަތުގެ ލިޔެކިޔުންތަކާއި ފޮޓޯ އާއި ވީޑިއޯ އިންޓަނެޓް
މެދުވެރިކޮށް ފަތުރައި ޝާއިއުކޮށް، ޓެރަރިޒަމްގެ އަމަލެއް ރާވައި
ހިންގައިފާނެކަމުގެ އިންޒާރު ދެމުންދާކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އޭނާގެ މައްޗަށް މި ދައުވާތައް އުފުލައި
ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 18 އޭޕްރީލް 2022 ގަ އެވެ.

ޕީޖީ އޮފީހުން މައުލޫމާތުދޭ ގޮތުގައި ހޫދު މުހައްމަދު
ޒާހިރުއާ ގުޅޭ މައުލޫމާތު ދިވެހިރާއްޖެއާ ހިއްސާކޮށްފައިވަނީ ބޭރުގެ
އިންޓެލިޖެންސް އޭޖެންސީތަކުންނެވެ. މި މައްސަލައިގެ ތަހުޤީޤަށް ބޭރުގެ އެކި
ޤައުމުތަކުގެ އިންޓެލިޖެންސް އޭޖެންސީތަކާއި ތަހުޤީޤީ އިދާރާތަކުގެ އެހީތެރިކަން
ލިބިފައިވާކަމަށް ވެސް ޕީޖީ އޮފީހުން ބުނެ އެވެ.

އެ ދައުވާތައް ސާބިތުވެ، ހޫދު މުހައްމަދު
ޒާހިރުގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

އެ ނިންމުން އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު
ކުރުމުން ހައިކޯޓުން މިހާރު ވަނީ މައްސަލަ ބަލައިގެންފަ އެވެ.