ކުރީގެ
ނައިބު ރައީސް އަހުމަދު އަދީބު ދައުލަތަށް ދައްކަންޖެހޭ އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ
ދައުލަތަށް އަނބުރާ ދައްކައިފި އެވެ.

މޯލްޑިވްސް
މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ
ގުޅިގެން އަދީބުގެ މައްޗަށް ކުރި ހަތް ދައުވާއެއް ސާބިތުވުމުން 20 އަހަރުގެ ޖަލު
ހުކުމަކާ އެކު، ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ހުކުމެއް ކްރިމިނަލް ކޯޓުން
ކުރިން އިއްވި އެވެ.

އޭގެ
ތެރެއިން އެއް މިލިއަން ރުފިޔާ ދައުލަތަށް ނުދައްކާތީ، އެ ފައިސާ ހޯދަން
ދައުލަތުން ދައުވާ ކުރުމުން ސިވިލް ކޯޓުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ކުރި
ހުކުމުގައި ވަނީ އެ ފައިސާ އެއްފަހަރާ ދައްކަން އުނދަގޫ ކަމަށް އަދީބުގެ ފަރާތުން
ބުނެފައިވާ ކަމަށެވެ. ނަމަވެސް އެއް މަސް ދުވަހަށް ވުރެ ދިގު މުއްދަތެއް އަދީބަށް
ދިނުމަށް ދައުލަތުން އިންކާރު ކުރާތީ، އެ ފައިސާ އެއް މަސް ތެރޭގައި ދައުލަތަށް
ދައްކަން އަންގާ ކަމަށް އެ ހުކުމުގައިވެ އެވެ.

ސިވިލް
ކޯޓުން ހޯމަ ދުވަހު ވަނީ، މިދިޔަ ހަފުތާގައި އަދީބު އެ ފައިސާ ދައްކައި
ޚަލާސްކޮށްފައިވާކަން ދައުލަތުން އަންގައިފައިވާކަން ފާހަގަކޮށް އެ މައްސަލަ
ނިންމައިފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އަދީބު އެއް ލައްކަ
ރުފިޔާ ދައްކާފައިވާ ކަމާށާއި، މިދިޔަ ހަފުތާގައި ބާކީ 900،000 ރުފިޔާ ދައްކާފައިވާކަމަށް ހުކުމުގައިވެ އެވެ.

އެމްއެމްޕީއާރުސީގެ
ޚިޔާނާތުގެ ލިސްޓުގައި ސިޔާސީ ބެފުޅުންނާއި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ
މެންބަރުން ވެސް ހިމެނެއެވެ. އެގޮތުން މި ޚިޔާނާތުގެ ފައިސާ 260ށް ވުރެ ގިނަ
ފަރާތްތަކަށް ލިބުނުކަން ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

އޭގެ
ތެރޭގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެންބަރުންނާއި 19 ވަނަ މަޖިލީހުގައި
ހިމެނިވަޑައިގަންނަވާ 16 މެންބަރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގައި
ތިއްބެވި 5 މެންބަރުން ހިމެނޭކަން ހާމަވެފައިވެއެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ތިއްބެވި 7 ފަރާތަކާއި ކޯޓުތަކުގައި
ފަނޑިޔާރުކަން ކުރައްވާ 6 ފަނޑިޔާރަކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ
ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި 23 ފަރާތެއްގެ އިތުރުން ސަލާމަތީ
ޚިދުމަތްތަކުގެ ތެރެއިން 7 އޮފިސަރެއް ހިމެނޭ ކަން ހާމަވެފައިވެ އެވެ.