ޓޭންކަރާއި ބޮޑު ބަޑި، އަދި ހުރިހާ އެއްޗެއް ނެރެގެން ހައްޔަރު ކުރަން ޖެހޭ
މީހާ ވަރަށް ސާފުކޮށް ހޯމް މިނިސްޓަރު އަލީ އިހުސާން އަށް އެނގިވަޑައިގަންނަވާނެ ކަމަށް
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު
(ބޮންޑާ) ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ބޮންޑާ
ވިދާޅުވީ، ކަޅުބާޒާރުގައި ޑޮލަރު ވިއްކުމާއި ގަތުމުގައި ދައުލަތުގެ އެންމެ
އިސްވެރިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮޑު ދައުރެއް އަދާކުރައްވާ ކަމަށެވެ.

އެގޮތުން މިފްކޯ އިން ވިއްކާ މަސް، ބޭރު ގައުމުތަކަށް ވިއްކަނީ ޑޮލަރުން ކަމަށް
ފާހަގަކުރައްވާ ބޮންޑާ ވިދާޅުވީ، ބޭރުގެ ގައުމުތަކަށް މަސް ވިއްކައިގެން ލިބޭ ޑޮލަރު
މާރު ކުރި ތަނެއް، މާރު ކުރި ބައެއް އަދި މާރުކުރި ރޭޓެއް ރައްޔިތުންނަށް އެނގިފައި ނުވާ ކަމަށެވެ. އަދި ލިބުނު ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވަނީ
ސަރުކާރުން ކަމަށް ބޮންޑާ ވަނީ ތުހުމަތުކުރައްވާފަ އެވެ.

ބޭންކުތަކުން 19 ރުފިޔާ އަށް ކަޅުބާޒާރުން ޑޮލަރު ގަންނަމުންދާ ކަމަށާއި، އެކަން ކުރުވަނީ ވެސް ރައީސް މުއިއްޒު ކަމަށް ބޮންޑާ ވިދާޅުވި އެވެ. ބޮންޑާ
ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން ޑޮލަރު މާރުކުރާ ނަމަ، މާރުކޮށްފައިވަނީ ކިހާ ޑޮލަރެއް ކަމާއި ކިހާވަރެއްގެ ރޭޓަކުންކަން
ރައްޔިތުންނަށް ހާމަކުރަންޖެހޭ ކަމަށެވެ.

މަނީ އެކްސްޗޭންޖަރުންނަށް އެއާޕޯޓުން ވެސް ހުއްދަ ނުދޭކަން ފާހަގަކުރައްވާ ބޮންޑާ ވިދާޅުވީ، މިއީ ސަރުކާރުން ޑޮލަރުތައް ނަގައިގެން ކަޅު ބާޒާރެއް ހިންގުމަށް
ފާޅުގައި ކުރާ ބޮޑު ވައްކަމެއް ކަމަށެވެ. އަދި ސަރުކާރުގެ އެންމެ އިސްވެރިޔާ
ރައީސް މުއިއްޒު ކަޅުބާޒާރުގައި ވިޔަފާރި ކުރައްވަމުން ގެންދަވަމުންދާ މައްސަލަ ބެލުމަކީ
ޕްރޮސެކިއުޓަރ ޖެނެރަލްގެ ޒިންމާއެއް ކަމަށާއި ގާނޫނުގެ ކުރިމަތީގައި އެ
މަނިކުފާނު އިސްތިސްނާ ނުވާނެ ކަމަށް ބޮންޑާ ވިދާޅުވި އެވެ.

މަނީ ޗޭންޖަރުތަކަށް ލައިސެންސެއް ނުދޭ. ސަރުކާރުން މި ހުރިހާ ޑޮލަރެއް ނަގައިގެން ކަޅުބާޒާރު ހިންގައިގެން މިއީ ފާޅުގައި ކުރާ ބޮޑު ވައްކަމެއް. އެންމެނަށް އެނގޭ ރައީސުލްޖުމްހޫރިއްޔާ ކަން މިކަން ކުރަނީ. ޕްރޮސެކިއުޓަރ ޖެނެރަލް އަށް އެނގޭނެ މިއީ ޖިނާއީ ކުށެއްކަން. ޕްރޮސެކިއުޓަރ ޖެނެރަލްގެ ޒިންމާއެއް އެއީ ކުށެއް ކުރާ މީހަކު ހައްޔަރުކޮށް ނުވަތަ ތަހުގީގު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުން. މިއަދު ކަޅުބާޒާރުގައި ވިޔަފާރި ކުރަނީ މުއިއްޒު. އޭނާގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ ޒިންމާ އެއް. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރީމަ އޭނާ ގާނޫނު ކުރިމަތީގައި އިސްތިސްނާ އެއް ނުވޭ
އިބްރާހީމް ރަޝީދު (ބޮންޑާ)

ބޮންޑާ ވިދާޅުވީ ޑޮލަރަކީ މުދަލެއް ނޫން ކަމަށާއި ޑޮލަރުގެ އަގު
މަތިވަމުންދަނީ ފައިސާ މުދަލެއްގެ ގޮތުގައި ދައުލަތުން ބޭނުންކުރަމުންދާތީ ކަމަށެވެ.

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް
މިނިސްޓަރު އިހުސާން ވިދާޅުވީ ޑޮލަރު ނުއަގުގައި ގަނެ ވިއްކުމަކީ ޖިނާއީ ކުށެއް ކަމަށެވެ.
އަދި މިފަދަ ވިޔަފާރި ކުރާ މީހުންނާ މެދު އެދެވޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް
މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ސަރުކާރުގެ ކުންފުނިތަކުން ކަޅުބާޒާރުގައި ޑޮލަރު ގަންނަ ކަމަށާއި ޑޮލަރުގެ ކަޅުބާޒާރަކީ ސަރުކާރުން ބަލައިގަންނަ ރަސްމީ މުއާމަލާތްތައް ހިންގާ
ބާޒާރެއް ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.