އަމިއްލަ ބޭނުމަށް ދުންފަތުގެ ބާވަތްތައް އެތެރެ ކުރަން ކުރިން ފަތުރުވެރިންނަށް ދީފައި އޮތް ލުއިތައް، ދިވެހިންނަށް ވެސް ދިނުމަަށް ނިންމާ ކަމާ ގުޅޭ އުސޫލު އިސްލާހުކޮށްފި އެވެ.

ހޯމަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓްގައި ދަތުރުވެރީން ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެއްޗާއި، ވިޔަފާރި ސާމްޕަލުގެ ގޮތުގައި ގެންނަ ތަކެތީން ޑިއުޓީ މާފުކުރުމުގެ އުސޫލު އިސްލާހުކޮށް އިއުލާނުކޮށްފައިވެ އެވެ.

ރާއްޖެއިން ބޭރުން ދަތުރުކޮށްފައި އަންނަ އުމުރުން 21 އަހަރު ފުރިފައިވާ ދަތުރުވެރިންނަށް އަމިއްލަ ބޭނުމަށް ގެންނަ ދުންފަތުގެ ބައެއް ބާވަތްތަކުން ލުއި ދިނުމަށް ވަނީ ނިންމާފައި އެވެ. އެގޮތުން 200 ސިގިރޭޓާއި 20 ސުއްޓާ އަދި 100 ގުރާމްގެ ދުންފަތާއި ހަމައަށް ޑިއުޓީ ނުދައްކާ އެތެރެ ކުރެވޭނެ އެވެ.

ހަމައެއާއެކު، ރާއްޖެއިން ބޭރުން ދަތުރުކޮށްފައި އަންނަ އުމުރުން 21 އަހަރު ފުރިފައިވާ ދަތުރުވެރީންގެ އަމިއްލަ ބޭނުމަށް ގެންނަ ރޯލިންގ ޓޮބޭކޯ ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުމަށްޓަކައި ދުންފަތް އޮޅުމަށް ބޭނުންކުރާ ދުންފަތުގެ ބާވަތެއް ދޫކުރާ ހާލަތުގައި ފަހަރަކު ސިނގިރޭޓެއް ނުވަތަ ބިޑިއެއް އެނބުރޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ މެނުއަލް ކުދިކުދި ޕޯޓަބަލް މެޝިނާއި ސިނގިރޭޓު ނުވަތަ ބިޑި އަނބުރަން ބޭނުންކުރާ ނޯޅާ ހުންނަ 50 ކަރުދާހާއި ސިނގިރޭޓު ނުވަތަ ބިޑި އަނބުރަން ބޭނުންކުރާ 50 ފިލްޓަރު އަދި ސިނގިރޭޓު ނުވަތަ ބިޑި އަނބުރަން ބޭނުންކުރާ 50 ހުސް ޓިޔުބު ނުވަތަ ޕައިޕް ދޫކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.  

މީގެއިތުރުން، ޝީޝާ އާއި ފްލޭވަރޑް ސިނގިރެޓުގެ ބާވަތްތައް ޑިއުޓީ ނުދައްކާ ނުގެނެވޭނެ ކަމަށާއި 2007 ވަނަ އަހަރު އުފަންވެފައިވާ އެއްވެސް މީހަކަށް އެ އުސޫލުގެ ދަށުން ދުންފަތުގެ ބާވަތްތައް އެތެރެ ކުރުމުގައި އެއްވެސް ލުޔެއް ނުދެވޭނެ ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވެ އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ދުންފަތާއި ދިވެހީން ދުރުކުރުމަށްޓަކައި ގިނަ ގާނޫނުތަކެއް ހަދާފަ އެވެ. ނަމަވެސް އޭގެތެރެއިން ގިނަ ނިންމުންތައް ވަނީ ބަދަލުކޮށްފައި އެވެ. މީގެ ތެރޭގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ލަފާގެ މަތިން ކަމަށް ބުނެ ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރުން ހިމެނެ އެވެ.