ދ. ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއު ހުއްޓި، މިހާރު އެ މަގުތަކުގެ ހާލަތު ހުރި ގޮތުން ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭތީ ކުޑަހުވަދޫ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

ރާއްޖެޓީވީން ގެނެސްދޭ "ހާލުކިހިނެއް" ޕްރޮގްރާމްގައި ކުޑަހުވަދޫއިން ވާހަކަ ދެއްކި އެތަށް ބަޔަކު ވަނީ އެ ރަށުގެ މަގު ހެދުމުގެ މަޝްރޫއު ހުއްޓި، މިހާރު މަގުތަކުގެ ހާލަތު ހުރި ގޮތުން ދިމާވާ އެކިއެކި ދަތިތައް ހިއްސާކޮށްފައި އެވެ. 

އުމުރުން ދުވަސްވީ މީހަކު ވަނީ ކުޑަހުވަދޫ މަގުތައް ހެދުމުގެ މަޝްރޫއު ހުއްޓި، މަގުގެ އެކި ހިސާބުތަކުގައި ކޮނެފައި ހުރުމުންނާއި، 7 އިންޗި އުސްމިނުގައި ޖަންކްޝަންތައް ބަހައްޓާފައި ހުރުމުން ދަތިތަކާއި ކުރިމަތި ލާން ޖެހޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައި އެވެ. އެގޮތުން އޭނާ ބުނީ މަގުތައް ކޮނެފައި ހުރުމުގެ ސަބަބުން ހިނގަން ވެސް އުނދަގޫ ކަމަށެވެ. 

ކުޑަހުވަދޫއިން ވާހަކަ ދެއްކި އިތުރު މީހެއް ބުނި ގޮތުގައި ވިއްސާރަ މޫސުމުގައި މަގުގައި ފެން ހެނދި ގެޔަށް ވެސް ފެން ވަންނަމުންދާ ކަމަށެވެ. އަދި މަގުމަތީގައި ފެންބޮޑުވެފައި ހުންނައިރު ސައިކަލް ފަދަ އުޅަނދުތައް ފެންގަނޑު ތެރޭގައި ހުރުމުން އެތަކެއްޗަށް ގެއްލުންވާ ކަމަށާއި، ފެންގަނޑު ތެރޭގައި ސައިލަކު ސްޓާޓް ނުވެގެން އުޅެން ޖެހޭ ކަމަށް އޭނާ ބުނި އެވެ. 

މިތާނގައި، މިރަށުގައި ވާރޭ ވެހެންޏާމު، އެކޮޅުގައި އޮންނާނެ ތާރު އަޅާފައި، މިކޮޅުގައި މިއޮތީ ތާރު އަޅާފައި، މި މުޅިތަން އެއްކޮށް ފެންބޮޑުވެގެން ގޭތެރެޔަށް ފެންވަދޭ، މިއޮތީ އަހަރެމެންގެ ކެނޯ ގޭދޮރުމަތީގައި ބާއްވާފައި، ފޮށި އެއްޗެހި މީހުން ފުރަން ވީމަ ކެނޯއަށް ލައިގެން ވީޑިއޯ ހުންނާނެ މިހާރު ވެސް ފޯނުގައި ހަމަ ކެނޯގައި ދަތުރު ކުރަނީ އެކޮޅަށް މީ ރާއްޖެތެރޭ ރަށެއް މިއީކީ ވިއެޓްނާމެއް ނޫން އެއްނުން ކެނޯގައި ދަތުރު ކުރާކަށް 
ދ. ކުޑަހުވަދޫ ރައްޔިތެއް 

މީގެއިތުރުން، އުސްކޮށް ޖަންކްޝަން ބަހައްޓާފައި ހުރުމުގެ ސަބަބުން، ހަތަރު ފުރޮޅުލީ އުޅަނދަށް ނުވަދެވޭ މަގުތައް އެބަހުރި ކަމަށާއި، މި މަގުތަކަށް އެމްބިއުލާންސްއަށް ވެސް ނުވަދެވޭނެ ކަމަށް ކުޑަހުވަދޫއިން ވާހަކަ ދެއްކި ރައްޔިތެއް ބުނި އެވެ. ހަމައެއާއެކު ފެންބޮޑުވެފައި ހުންނަ އިރު އުސްކޮށް ނަގާފައި ހުރި ޖަންކްޝަންތަކުގެ ސަބަބުން މީހުންނަށް އަނިޔާވާ ކަމަށް ބުނެ ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ.

ދެން މީގެ މޮޅުކަމަކީ އަދި އަޅުގަނޑަކަށް ނޭނގެ މިކަން ހިނގާ ދިޔަ ގޮތެއް، ކޮނެގެން މީހުންނަށް ދަތުުރު ނުކުރެވޭ ވަރުން މީހުންގެ ޝަކުވާތައް އައިސްގެން އުޅެނިކޮށް އެއްދުވަހު އަޅުގަނޑަށް ދެމީހެއްގެ ދެމެދުގައި ހިނގި ޒުވާބެއްގައި އަޑު އިވެނީ އެމްޕީ ގޭ ހުންނަ މަގުގައި ތާރު އަޅާފިއޭ، އެކަމަކު އަޅުގަނޑު ދިޔައިރުގައި ތާރެއް ނޫން، އެތަނަށް އޮތީ ހިލަ އަޅާފައި އެ ކޮނުނު ތަން، ދެން ހަމަ ތާރުގެ ލެޔަރެއް އެކަނި އެތަނުގައި މަދީ އޭބީސީ އަޅާފައި، ދެން އަޅުގަނޑަކަށް ނޭނގެ ހަމަގައިމު ވެސް ހިލައެއް އެބަހުރި އަޅާފައި
ދ. ކުޑަހުވަދޫ ރައްޔިތެއް 

ކުޑަހުވަދޫ މަގުހެދުމުގެ މަޝްރޫއުއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު 2023 ވަނަ އަހަރު ޑިސެންބަރު މަހުގެ ތެރޭގައި އަލުން މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން ކުޑަހުވަދޫގައި ވެސް ފަށާފައިވާ މަޝްރޫއުއެކެވެ. ނަމަވެސް ނިމިދިޔަ މާރޗް މަހުގެ ތެރޭގައި އޭބީސީ ލޭޔާރ އެޅުމަށް މަގުތައް ކޮނެ، ވެލިގަނޑު ނެގުމަަށް ފަހު، އިތުރަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ކުޑަހުވަދޫ ކައުންސިލްގެ ރައީސް މުހައްމަދު ސަލީމް ވިދާޅުވި އެވެ.