ގއ. ވިލިނގިލީގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރަން ސޮއިކުރި ފަހުމުނާމާއަކީ އެއްވެސް ތާކުންތާކު ނުޖެހޭ އެއްޗަކަށްވެ ނިމިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 22 ފެބްރުއަރީ 2024 ގައި ވިލިނގިލީގައި ރައީސް މުއިއްޒުގެ ހާޒިރުގައި ބޭއްވި ރަސްމިއްޔާތުގައި ސޮއިކުރި އެ ފަހުމުނާމާގެ ދަށުން އެއްވެސް ކަމެއް ނުހިނގާ މިހާރު ވަނީ އެ ފަހުމުނާމާ ބާތިލުވެފަ އެވެ.
އެ ފަހުމުނާމާގައި ސޮއިކުރިފަހުން ދެ އަހަރަށްވުރެ ގިނަ ދުވަސްވީ ފަހުން، އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބުނީ، ގއ. ވިލިނގިލީގައި އެޅުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ
އިތުރުން އެއަރޕޯޓުގެ އުމްރާނީ މަސައްކަތްތައް ފެށުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ވަމުންދާކަމުގަ އެވެ. އެގޮތުން ޑިޒައިން ކުރުމާއި އީއައިއޭ ހެދުމުގެ މަރުހަލާ ނިމުމާއެކު އަމަލީ
މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
މިކަންކަން ނިމި އަމަލީ މަސައްކަތް ފެށޭނެ ތާރީޚެއް ބުނެފައެއް ނުވެ އެވެ.
ގއ. ވިލިނގިލީ ކައިރީގައި އޮންނަ އެކެފަރު ހިމެނޭ ގޮތަށް ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހަދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތީ 28 އޯގަސްޓް 2023 ގަ އެވެ. މަޝްރޫއުގެ ބިޔަކަން ސިފަކޮށްދެއްވަމުން، ގއ. އަތޮޅުގައި ވެރިކަން ކުރާ ރަށް، ވިލިނގިލީގައި އެއާޕޯޓް އަޅާނީ ބިން ހިއްކައިގެން ކަމަށާއި ބިން ހިއްކުމަށް ހިންގާނީ ބޮޑު މަޝްރޫއެއް ކަމަށް މުއިއްޒު އިއުލާން ކުރެއްވި އެވެ. އަދި ހިއްކާ ބިމުގައި ގެދޮރުވެރިކަމުގެ ބިޔަ މަޝްރޫއެއް ހިންގަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
22 ފެބްރުއަރީ 2024 ގައި ގއ. ވިލިނގިލީގެ ރައްޔިތުންނާއެކު ރައީސް މުއިއްޒު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހެދުމަށް ބެލްޖިއަމްގެ ކުންފުންޏެއްކަމަށްވާ އެންވީ ބެސިކްސް އެސްއޭ އާއެކު ވަނީ ސޮއިކޮށްފަ އެވެ. އެ ކުންފުނީގެ ފަރާތުން ސޮއި ކުރީ ބިޒްނަސް ޑެވެލޮޕްމަންޓް މެނޭޖަރު ސަވް ޑޮލޮމަންސް އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް އެވެ.
ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހެދުމަށް އެންވީ ބެސިކްސް އެސްއޭ ނަމަކަށް ކިޔާ ބެލްޖިއަމްގެ ކުންފުންޏާއެކު ސޮއިކުރަނީ
މި ކަމާ ގުޅިގެން ރައީސް އޮފީހުން އާންމު ކުރި ޚަބަރުގައި ވަނީ ގއ. ވިލިނގިލީގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ ފަހުމުނާމާގައި ސޮއިކޮށްފި ކަމަށާއި، މި ފަހުމުނާމާ ގެ ދަށުން ދެ ފަރާތުން މަޝްވަރާކޮށް، އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގަ އެވެ.

ރައީސް މުއިއްޒު ގއ. ވިލިނގިލީ ރައްޔިތުންނާ ބައްދަލުކުރައްވަނީ|ރައީސް އޮފީސް
އެހެން ނަމަވެސް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ރާއްޖެޓީވީ އަށް ކަށަވަރު ދިން ގޮތުގައި، އެންވީ ބެސިކްސް އެސްއޭ ކުންފުންޏާއެކު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން އެއްވެސް މަސައްކަތެއް ވެސް އަދި ރައީސް އޮފީހުން ބުނި އެއްބަސްވުމުގެ މަސައްކަތަކެއް ވެސް ކޮށްފަ އެއް ނުވެ އެވެ. އެއާ ޚިލާފަށް މިހާރު ވަނީ އެ ފަހުމުނާމާ ބާތިލުކޮށްފަ އެވެ.
"އަމަލީ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ
މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖެހުމުން ކަމަށްވާތީ، ފަހުމުނާމާގެ ދަށުން
އެއްވެސް މަސައްކަތެއް ކުރިއަށް ގެންދެވިފައެއް ނުވެ އެވެ. މިހާރު އެ ފަހުމުނާމާ
ވަނީ ނިމުމަކަށް ގެނެވިފަ އެވެ." މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓުން 24 އޮގަސްޓް 2026 ގައި ރާއްޖެޓީވީ އަށް ލިޔުމުން ފޮނުވި ޖަވާބުގައި ބުނެފައިވެ އެވެ.
ސަރުކާރަށް ތިން އަހަރު ފުރެން ގާތްވެފައިވާއިރު، ގއ. ވިލިނގިލީގައި ކުރިއަށް ގެންދަވަން ވިދާޅުވި ބައިނަލްއަގްވާމީ އެއަރޕޯޓާއި، ބިޔަ ހައުސިންގ މަޝްރޫއުގެ އަމަލީ މަސައްކަތުގެ އެއްވެސް ކަމެއް ހިނގާފައި ނުވާއިރުވެސް ސަރުކާރުން ބުނަނީ، މަޝްރޫއުގެ އެއްވެސް މަސައްކަތެއް ހުއްޓިފައި ނުވާ ކަމަށާއި، ހިނގަމުންދާ ރިޔާސީ
ދައުރުގެ ތެރޭގައި އެއަރޕޯޓުގެ އަމަލީ މަސައްކަތް ނިންމާ ޚިދުމަތްދޭން ފަށާން
ތާވަލު ކުރެވިފައިވާކަމަށެވެ. އެހެން ނަމަވެސް އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ޖަވާބުން މަޝްރޫއުއަށް އަދި ފައިސާ ވެސް ހަމަނުޖެހޭކަން ވަނީ އެނގިފަ އެވެ.
2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަަނަ ދުވަހު ވިލިނގިލީ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި އަބަދާއި އަބަދު ކުލަ ނުޖެހޭ ހުވަފެނެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި ވިލިނގިލީގެ ތަރައްޤީގެ ހުރިހާ މަޝްރޫޢެއް ފުރިހަމަ ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވި އެވެ.