މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މަސައްކަތު މީހުންގެ ގޮތުގައި ތިބި އަންހެން މުވައްޒަފުން ތިލަފުއްޓަށް ކައްކަން ގެންދާކަމަށް އެމްޕީއެލްއިން އެއްބަސްވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގެ ތެރެއިން އެމްޕީއެލްއަށް ގުޅުމުން ބުނެފައިވަނީ، ތިލަފުށީގައި އެމްޕީއެލްއިން ބައެއް މަސައްކަތްތައް ކުރިއަށް ގެންދާތީ، ވަގުތީ ގޮތުން އެމްޕީއެލްގެ އެޑްމިން ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ މަސައްކަތު މުވައްޒަފުން ތިލަފުށްޓައް ކައްކަން ގެންދާ ކަމަށެވެ.

އެގޮތުން، ތިލަފުށްޓަށް ކައްކަން ދާން ޖެހެނީ ވަކި ޝެޑިއުލްއެއްގެ ތެރެއިން ހަފްތާއަކު އެއް ދުވަހު ކަމަށް އެމްޕީއެލްއިން މައުލޫމާތު ދިނެވެ. އަދި ތިލަފުށްޓަށް ކައްކަން ގެންދަނީ މަޖުބޫރުން ކަމަށް ބައެއް މުވައްޒަފުން ބުނެފައިވީ ނަމަވެސް އެމްޕިއެލްއިން ބުނީ އެއްވެސް މުވައްޒަފަކަށް މަޖުބޫރު ކޮށްފައި ނުވާނެ ކަމަށެވެ.

އެމީހުންނާ މަޝްވަރާ ކޮށްފައި، އަނެއްކާ ކޮންމެ ދުވަހަކު ކޮންމެ މީހަކު ދާން ޖެހެނީ ކީ ނޫން، ވަކި ގޮތަކަށް ބަހާލައިގެން ހަފްތާއަކު އެއް ދުވަހު ކަހަލަ ގޮތަކަށް ކޮންމެ މީހަކު ދާން ޖެހެނީ، މިބުނީ އެއްވެސް ވަރަކަށް ތިދަންނަވާހެން މަޖުބޫރު ކޮށްގެން، ވަޒީފާ ބިރު ދައްކައިގެން އެކަހަލަ ގޮތަކަށް ނޫން 
އެމްޕީއެލް މީޑިއާ އޮފިޝަލް 

އެމްޕީއެލް އިން ބުނީ މިވަގުތު މަސައްކަތު މުވައްޒަފުން ފޮނުވަން ޖެހުނީ އެތަނުގައި އެމްޕީއެލްގެ މަސައްކަތް ކުރިއަށް ދާތީ، ކޮންމެވެސް ގޮތެއް ހޯދަން މަޖުބޫރުވުމުން ކަމަށެވެ. 

ނަމަވެސް މާލެގައި ވަޒީފާ އަދާކުރާ މުވައްޒަފުން ރަށުން ބޭރަށް ދާން ޖެހެމުން ގިނަ ދަތިތަކަކާއި ކުރިމަތި ލާން ޖެހޭތީ އެކަމުގެ ކަންބޮޑުވުން އެމްޕީއެލްގެ އެ މުވައްޒަފުން ދަނީ ފާޅުކުރަމުންނެވެ.