މާލެ ސިޓީ މއ. ދޫގަސްގައި ގޭސްފުޅިއެއް ގޮވައި ހިނގި
ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ހަތަރު ބިދޭސީއަކަށް އަނިޔާވެ، އައިޖީއެމް
ހޮސްޕިޓަލުގައި ފަރުވާދީފައިވާއިރު، މި ހާދިސާއާ ގުޅިގެން 41 މީހަކަށް ވަގުތީ ގޮތުން
އެހީތެރިކަން ފޯރުކޮށްދެވިފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ
(އެންޑީއެމްއޭ) އިން ބުނެފި އެވެ.

މި ހާދިސާގައި
އަނިޔާވި މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ރިޕޯޓުކޮށްފައިވާއިރު،
އޭގެ ތެރެއިން އެކަކަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގެ އެހީގަ އެވެ. އަނެއް ތިން
މީހުންނަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތުދެ
އެވެ.

އެންޑީއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި، މި
ހާދިސާ ހިނގި ވަގުތު އެ ގޭގެ ފަސް ކޮޓަރިއެއްގައި ދިރިއުޅެމުން ދިޔަ 15 ބިދޭސީން ވަނީ
ރައްކާތެރިކަމާއެކު އެ ސަރަހައްދުން ބޭރަށް ނެރެވިފަ އެވެ. އަދި މި ހާދިސާއާ ގުޅިގެން
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ޖެހިގެން ހުރި އިމާރާތް ހިމެނޭހެން ޖުމުލަ
41 މީހަކު ވަނީ ވަގުތީ ގޮތުން އެ ސަރަހައްދުން ދުރަށް ގެންދެވިފަ އެވެ.

އެންޑީއެމްއޭ އިން ގެންދަނީ މި ހާދިސާގައި އަސަރުކުރި
ފަރާތްތަކަށް ބޭނުންވާ ޒަރޫރީ ބޯހިޔާވަހިކަމާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ
މަސައްކަތް ކުރަމުންނެވެ. އެގޮތުން ވަގުތީ ގޮތުން ގެއިން ނެރުނު މީހުންނަށް ބޭނުންވާ
ކާބޯތަކެއްޗާއި އެހެނިހެން އަސާސީ ތަކެތި ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ކަމާބެހޭ
އިދާރާތަކާ ގުޅިގެން އެ އޮތޯރިޓީން ވަނީ ހަމަޖައްސާފަ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ކަމާބެހޭ ސަލާމަތީ ބާރުތަކުންނާއި އެންޑީއެމްއޭ
އިން މިހާރު ދަނީ ކުރަމުންނެވެ. އަދި ހާދިސާގައި އަނިޔާވި މީހުންގެ ހާލަތު ވަރަށް ގާތުން
ބަލަމުންދާ ކަމަށްވެސް އެ އިދާރާއިން މައުލޫމާތުދެ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ގޭސްފުޅިއެއް
ގޮވުމުގެ ސަބަބުން ކަމަށް މިހާތަނަށް ބެލެވުނު ނަމަވެސް، ހާދިސާ ހިނގި ސީދާ ސަބަބު
ދަނީ އިތުރަށް ބަލަމުންނެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން
ބަލައި، ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.