ލޯންޗަކާ
ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓަށްފަހު، އެ ދޯނި މަޑުނުކޮށް ފިލައިގެން ދިޔުމާ ގުޅިގެން،
އެ އުޅަނދުގެ ކެޕްޓަންގެ ލައިސަންސް ހިފަހައްޓައިފި އެވެ.
ފުލުހުން
މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން މި އަހަރުގެ ޖުލައި 9 ވަނަ ދުވަހުގެ
ރޭ ހިނގި ހާދިސާއެކެވެ. އެގޮތުން އެކްސިޑެންޓުވެފައިވަނީ އިއްޒުއްދީން ފާލަމާ ދިމާ
ބޭރުން ލީޖަން 1 ނަމަކަށް ކިޔާ ލޯންޗަކާއި ދޯންޏެއް ޖެހިގެންނެވެ.
ފުލުހުން
ބުނީ، އެކްސިޑެންޓަށްފަހު ދޯނި މަޑުނުކޮށް ފިލައިގެން ދިއުމާ ގުޅިގެން އެ އުޅަނދު
ދެނެގަނެ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރެވިފައިވާ ކަމަށެވެ.
މި މަސައްކަތުގެ
ތެރެއިން، މި މަހުގެ 22 ވަނަ ދުވަހުގެ ހަވީރު 17:52 އެހައިކަންހާއިރު މި ދޯނި ހުޅުމާލެ
ފަޅުގައި އަޅާފައި އޮއްވާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ފުލުހުން
އެ އުޅަނދު ބަލައި ފާސްކޮށް، ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް އެއްކޮށްފައިވާއިރު،
ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރުމަށްފަހު، މި ހާދިސާއާ ގުޅިގެން ދޯނީގެ ކެޕްޓަންއާ
ސުވާލުކޮށްފައިވާކަމަށް ވެސް ފުލުހުން ބުނެ އެވެ.
މީގެއިތުރުން،
ތަހުގީގީ މަރުހަލާގެ ތެރެއިން މިހާރު ކެޕްޓަންގެ ލައިސަންސް ވެސް ހިފަހައްޓާފައިވާކަން
ފުލުހުން ހާމަކުރި އެވެ.
ފުލުހުން
ބުނީ މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި ހާދިސާގައި އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ 5 މީހުންގެ ތެރޭގައި ހިމެނެނީ 4 ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި، "އެލްޖީއެން 101" ނަމަކަށް ކިޔާ މި ލޯންޗަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. އެގޮތުން ލޯންޗުގެ އެއްފަޅި ވަރަށް ބޮޑަށް ހަލާކުވެ، ސީޓުތައް ވެސް ވަނީ ފުނޑުފުނޑުވެފަ އެވެ. އަދި ލޯންޗުގައި ތިބި ބައެއް މީހުންނަށް ބޮޑެތި ޒަޚަމްތަކެއް ވެފައިވާ މަންޒަރު ފެނެ އެވެ.