މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރ މުހައްމަދު އަރީޝް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަގާމަށް އައްޔަނުކޮށްފި އެވެ. 

މިއީ ޚަރަދު ކުޑަ ކުރުމަށްޓަކައި ސަރުކާރުގެ ކުންފުނިތައް "ރައިޓް ސައިޒް" ކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްކަމަށް ބުނެފައިވަނިކޮށް އަރީޝް އެ މަގާމަށް އައްޔަނު ކޮށްފައިވާއިރު އޭނާ އެ މަގާމަށް އައްޔަނު ކުރި ސީދާ ތާރީޚެއް ހާމަކޮށްފައެއް ނުވެ އެވެ. 

ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގައި ކައުންސިލްގައި މަސައްކަތް ކުރެއްވި އަރީޝް އޭރު ތަމްސީލު ކުރެެއްވީ މާފަންނު ހުޅަނގު އުތުރު ދާއިރާ އެވެ. އޭރު އޭނާ އެ މަގާމަށް އިންތިޚާބުވެވަޑައިގަތީ އެމްޑީޕީގެ ޓިކެޓުގަ އެވެ. އެހެން ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އިންތިޚާބުވެވަޑައިގަތުމާއެކު އޭނާ ވަނީ ޕީއެންސީ އަށް ސޮއި ކުރައްވާފަ އެވެ. 

މިފަހަރުގެ ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ފަރާތުން އަރީޝް ވާދަ ކުރެއްވި ނަމަވެސް އޭނާ ވަނީ އިންތިޚާބުން ނާކާމިޔާބުވެ ވަޑައިގަންނަވާފަ އެވެ.

ޚަރަދު ކުޑަކުރުމަށް ކަމަށް ބުނެ މި ސަރުކާރުން ދަނީ ރަށްރަށުން ސަރުކާރުގެ އެސްއޯއީތަކަށް ނަގާފައިވާ ގިނަ އަދަދެއްގެ މުވައްޒަފުން އެއް ފަހަރާ ވަޒީފާއިން ވަކިކުރަމުންނެވެ. އަނެއްކޮޅުން ސަރުކާރުން ބޭނުންވާ ތަންތަނުގައި ވަޒީފާތައް އުފައްދައި މަގާމުތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގަމުންދާކަން ފާހަގަ ކުރެވެ އެވެ.

ޚާއްސަކޮށް، ރައީސްގެ އަރިސް ބޭފުޅުންނާއި ޕީއެންސީގެ އެކި ފަރާތްތަކަށް ވަޒީފާތައް ބަހަމުންދާ ކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ.