އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު
އައްޔަނު ނުކުރުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ގޮވާލައިފި އެވެ.

2026 އޮގަސްޓް 23 ގައި ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ރައްޔިތުންގެ
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ހުސެއިން ރިޒާ
އާދަމް އަށް އެޑްރެސްކޮށް ފޮނުވައިފައިވާ ސިޓީގައި ވަނީ
ކޮމިޝަނަރެއްގެ މަގާމުގައި އަބްދުލްއަޒީޒް ހުންނެވި އިރު އޭނާ އަށް ގާނޫނު
ފުރިހަމަ އަށް ތަންފީޒު ނުކުރެއްވޭ ކަމަށެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނީ އަބްދުލްއަޒީޒްގެ ދައުރުގައި
ފަރުމާކުރެވުނު މައުލޫމާތު ހޯދުމުގެ ފޯމު އެ ހައްގަށް ހުރަސްއެޅޭ ފަދަ ގޮތަކަށް
ފަރުމާ ކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ޓްރާންސްޕޭރަންސީ
މޯލްޑިވްސްގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް ކުރި މަސައްކަތްތަކަށް
ބެލުމެއް ނެތި އެ މައްސަލަތައް ދޫކޮށްލާފައިވާ ކަމަށެވެ.

ޤާނޫނުގައި ލާޒިމު ކޮށްފައިވާ އާންމު އަޑުއެހުން އިންފޮމޭޝަން ކޮމިޝަނުން
ފުރަތަމަ ފަހަރު ބޭއްވީ އެ މަގާމުން އަބްދުލްއަޒީޒް ވަކިވެވަޑައިގެން، ދެވަނަ އިންފޮމޭޝަން
ކޮމިޝަނަރަކު އައްޔަނު ކުރުމަށް ފަހު ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވަނީ
ބުނެފައި އެވެ.

މިހެންކަމުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒް އަކީ އެންމެ
ގާބިލް ފަރާތެއް ނޫން ކަމަށާއި، މި
މިގާމަށް އަލުން ނަން ހުށަހަޅަން މަޖިލީހުން ހުޅުވާލުމަށް ޓްރާންސްޕޭރަންސީ
މޯލްޑިވްސް އިން ވަނީ އެދިފައި އެވެ.

އާދިއްތަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިންފޮމޭޝަން
ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒް އައްޔަނު ކުރުމަށް މަޖިލީހަށް ނަން ފޮނުއްވާފައި އެވެ. ނަމަވެސް ރައީސް މުއިއްޒު ހުށަހެޅުއްވި ނަމަށް ޝަކުވާ ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން ދީފައި ވަނީ އެންމެ ހަ ގަޑިއިރުގެ ވަގުތެކެވެ.