ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ޑޮލަރު ގަންނަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެއީ މަނީލޯންޑަރިންގ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ، ރާއްޖޭގައި ހުއްދަ ނުނަގައި ޑޮލަރު މާރުކުރުމަކީ ގިނަ ބަޔަކު އާދައިގެ ކަމެއް ކަމަށް ދެކުނު ނަމަވެސް އެއީ ގާނޫނުގައި ޖިނާއީ ކުށެއް ކަމަށެވެ. 

ޑޮލަރު މާރު ކުރުމުގައި ވަކިވަކި ފަރުދުން ހަރަކާތްތެރިވާކަން ފާހަގަކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ، މުސާރަ ޑޮލަރުން ލިބުމުން އެ ކަޅު ބާޒާރަށް ވިއްކާ ކަމަށެވެ. އެއީ ހުއްދައެއް ނެތި މަނީ ޗޭންޖު ކުރުން ކަމުގައި މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

މިސާލަކަށް އަޅުގަނޑަށް މުސާރަ ލިބެނީ ޑޮލަރުން. އަޅުގަނޑު އަނެއްކާ ކަޅުބާޒާރަށް މި ޑޮލަރު ވިއްކަނީ. އެއީ ހުއްދަ ނުނަގާ މަނީ ޗޭންޖްކުރުން. އެހެންވީމަ ނޭނގި ތިބެގެން ނަމަވެސް މިފަދަ ޖިނާއީ ކުށްތަކުގެ ތެރެއަށް ނުވަނުމަށް ހުރިހާ ބޭފުޅުންނަށް ވެސް އިލްތިމާސްކުރަން
އަލީ އިހުސާން

ޑޮލަރު ނުވަތަ ބޭރު ފައިސާ މާރުކުރަންވާނީ އެކަމުގެ ހުއްދަ އޮންނަ ލައިސެންސް ލިބިފައިވާ ތަންތަނުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރޭޓުގައިކަން ފާހަގަކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ، ހުއްދަ އޮންނަ މަނީ އެކްސްޗޭންޖްތަކުން ވެސް ކަނޑައެޅިފައިވާ ރޭޓަށްވުރެ ބޮޑުކޮށް މުއާމަލާތްކުރާނަމަ، އެމްއެމްއޭގެ ގަވާއިދުގެ ދަށުން ކޮންމެ މުއާމަލާތަކަށް އެވްރެޖްކޮށް ފަސް ލައްކަ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. 

މިނިސްޓަރު އިހުސާން ވިދާޅުވީ އެފަދަ ގާނޫނުތަކާއި އުސޫލުތައް އެބަހުރި ކަމަށާއި ކުރިއަށް އޮތްތަނުގައި ފިޔަވަޅުތައް އަޅައި ތަންފީޒު ކުރާނެ ކަމަށެވެ. އަދި ފާއިތުވި ޒަމާންތަކުގައި މި ގާނޫނުތައް ތަންފީޒު ނުކުރެވި އޮތުމަކީ އެއީ ދާއިމަށް އޮންނާނެ ސަގާފަތެއް ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ. 

ހަރުދަނާ ގޮތެއްގައި ރެގިއުލޭޓްކޮށް، ފިޔަވަޅުތައް އަޅަން ފެށި ސަބަބުތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ ޑޮލަރުގެ ބާޒާރު މެނިޕިއުލޭޓްކޮށް ސިޔާސީ ބަޔަކު މިކަމުގެ ތެރެއަށް ވަދެ، މަންފާ ހޯދަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިނިސްޓަރު އިހުސާން މިމޭރުން ވާހަކަ ދެއްކެވިއިރު، ކަޅު ބާޒާރަކީ ސަރުކާރުން ބަލައިގަންނަ ރަސްމީ މުއާމަލާތްތައް ހިންގަމުންދާ ބާޒާރެއް ކަމަށް "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސުލްޖުމްހުރިއްޔާގެ އޮފީހުން 27 މާރިޗް 2025 ގައި ކުރިއަށް ގެންދިޔަ ޕޮޑްކާސްޓްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެމވެ. 

އެގޮތުން ޑޮލަރުގެ ކަޅު ބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ޑޮލަރު ގަންނަމުން ދިޔަކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.