ލ. މާވަށު،
މޫސާ އިބްރާހީމް އަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ މުހައްމަދު
އިބްރާހީމް އަށް ކުށް ސާބިތުވެ، އޭނާ މަރަން ހުކުމްކޮށްފި އެވެ.
ކްރިމިނަލް
ކޯޓުގައި ހޯމަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި މި ހުކުމް ކުރެއްވީ އިސްގާޒީ އާދަމް
މުހައްމަދު އެވެ.
މި މައްސަލައިގައި
މުހައްމަދު އިބްރާހީމްއާ ދެކޮޅަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި
މީހަކު މެރުމުގެ ކުށުގެ ދައުވާއާއި މަޤްބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު
އެއްޗެއް ބޭނުން ކުރުމުގެ ކުށުގެ ދައުވާ އެވެ.
މި ދައުވާތަކަށް
އިއުތިރާފުވެ، މުހައްމަދު ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ވެފައިވާއިރު،
އޭނާ އެދުނީ ވީހާވެސް ލުއި އަދަބެއް ދޭންކަމަށް އިސްގާޒީ ފާހަގަކުރެއްވި އެވެ.
ނަމަވެސް
މިއީ ގަސްތުމަރުގެ މައްސަލައަކަށްވާއިރު، އޭނާއަށް ލުއި އަދަބެއް ދިނުމާއި، އޭނާއަށް
ކަނޑައެޅޭ ސީދާ އަދަބު ބިނާވަނީ ވާރިސުން ނިންމާ ގޮތެއްގެ މައްޗަށްކަމަށް އިސްގާޒީ
ވިދާޅުވި އެވެ. އެކަން އޭނާއަށްވެސް ބުނެދެވިފައިވާ ކަމަށާއި، އަދި ދެން އޮތް ދައުވާ
އަނބުރާ ގެންދިއުމަށް ދައުލަތުން އެއްބަސްވެފައިވާކަމަށް އިސްގާޒީ ފާހަގަކުރެއްވި އެވެ.
ވާރިސުންގެ
ބަސް ނެގުމަށް ބޭއްވި އަޑުއެހުމުގައި މޫސަގެ ދެ ވާރިސުންކަމަށްވާ އޭނާގެ މަންމައާއި
ބައްޕަ ވެސް ބުނެފައިވަނީ މަރަށް މަރު ހިފަން ބޭނުންވާ ކަމަށެވެ. އެހެންކަމުން އިތުރު
އަދަބެއް ދެވޭކަށް ނޯންނާނެކަމަށް އިސްގާޒީ ވިދާޅުވި އެވެ.
އެހެންވެ
މައްސަލައިގައި އިތުރު އަޑުއެހުމެއް ބާއްވައި، ދައުލަތާއެކު ވެފައި އޮތް އިއުތިރާފުގެ
އެއްބަސްވުމާ އެއްގޮތަށް ކުރިއަށްދާން ބޭނުންވޭތޯ ސާފު ކުރުމަށް ފުރުސަތު ދިނުމުން،
މުހައްމަދު ވަނީ ޝަރީއަތުގައި ކުށުގެ އަމަލަށް އަނެއްކާ ވެސް އިއުތިރާފުވެފަ އެވެ. ނަމަވެސް
ހަމަލާ ދިނީ ގަސްތެއް ނެތިކަމަށް އޭނާ ބުނެފައިވެ އެވެ.
މުހައްމަދު
ކިޔާދިން ގޮތުގައި އެ ދެމީހުންގެ މެދުގައި މާރާމާރީ ހިނގާފައިވަނީ 500 ރުފިޔާގެ މަސްތުވާތަކެއްޗާ
ގުޅޭ މައްސަލައެއްގަ އެވެ.
އޭނާ ހަމަލާދިނީ ގަސްތެއް ނެތިކަމަށް ބުނެފައިވާތީ،
އޭނާއާއެކު ވެފައިވާ އިއުތިރާފުގެ އެއްބަސްވުން ވަނީ ނިމުމަކަށް ގެނެސްފަ އެވެ. އަދި
ދިފާއީ ހެކި ހުށަހަޅަން ފުރުސަތު ދިން ނަމަވެސް، އޭނާ ދިފާއީ ހެކިންގެ ތަފްސީލު ހުށަހަޅާފައެއް
ނުވެ އެވެ.
ދައުވާލިބޭ
މުހައްމަދު ތިން މަހައްލެއްގައި ކުށުގެ އަމަލަށް އިއުތިރާފުވެފައިވާކަމަށް އިސްގާޒީ
ފާހަގަކުރެއްވި އެވެ. އަދި މޫސަ މަރާލުމުގެ ގަސްދެއް ނެތްކަމަށް މުހައްމަދު ބުނި ނަމަވެސް،
ހަމަލާ ދީފައިވާ ގޮތާއި، ޒަހަމްގެ ފުންމިނުގެ އިތުރުން، ހަބީރުންގެ ހެކިތަކާއި، މައްސަލައިގެ
ހެކިތަކަށް ބަލާއިރު، އެއީ ގަސްތުގައި ދިން ހަމަލާއެއްކަމަށް ބުރަވެވޭކަމަށް އިސްގާޒީ
ވިދާޅުވި އެވެ.
މިއީ ގަމީސް
ފޮޅާލާފައި ދިއުމުގެ ތެރޭގައި އޮޅިގެން ދެވުނު ހަމަލާއެއްކަމަށް މުހައްމަދު ބުނި ނަމަވެސް،
މިއީ އޮޅުމަކުންވީ ކަމެއްނަމަ، އޭނާ މޫސާއަށް ފަރުވާދެވޭތޯ އަވަސްވެގަންނާނެކަމަށް
އިސްގާޒީ ވިދާޅުވި އެވެ. ނަމަވެސް އޭނާ ހަމަލާދިނުމަށްފަހު ބެލީ އަވަހަށް އެތަނުން
ދުރަސްގޮސް، ވަޅި ފޮރުވަންކަމަށް އިސްގާޒީ ފާހަގަކުރެއްވި އެވެ.
އެ ދެމީހުންގެ
ދެމެދުގައި ހިނގި މާރާމާރީގެ ތެރެއިން ތޫނު ވަޅިއެއް ބޭނުންކޮށްގެން މި ހަމަލާ ދީފައިވަނީ
ގަސްތުގައިކަމަށް ބުރަވެވޭކަމަށް އިސްގާޒީ ވިދާޅުވި އެވެ. އެގޮތުން ހަމަލާ ދީފައިވަނީ
ކަނާތްފަރާތުގެ ކަރުގެ ބުޑަށްކަމަށްވާއިރު، އެއީ 3.1 އިންޗީގެ ފުން ޒަހަމެކެވެ.
ކޯޓުން ވަނީ މީގެ ކުރިން ބޭއްވި
އަޑުއެހުމެއްގައި ޑޮކްޓަރަކު ހާޒިރުކޮށް ހެކިބަސް ނަގާފަ އެވެ. އެއީ އިއުތިރާފާ
އެއްގޮތަށް އެކަން ހިނގާ ދިޔަތޯ އިތުރަށް ކަށަވަރު ކުރުމަށެވެ.
އެ އަޑުއެހުމުގައި ދައުވާލިބޭ ފަރާތުން ވަނީ
އޭނާ މޫސާ މަރާލި ގޮތް ދައްކުވައިދީފަ އެވެ. އެގޮތުން މޫސާއާ އެއް އިސްކޮޅެއްގެ
މީހަކު ބަހައްޓައިގެން އެ އަޑުއެހުމުގައި ހާދިސާ ހިނގިކަމަށް ބުނާ ގޮތް
ދައްކުވައިދީފައިވެ އެވެ.
އެ ޑޮކްޓަރުވެސް ވަނީ ވަޅި ހެރީ
ގަސްތުގައިކަމަށް ބުރަވެވޭކަމަށް ބުނެފަ އެވެ. އެގޮތަށް ނިންމުމުގައި ޒަޚަމްގެ ފުން
މިނާއި، ވަޅި ހަރާފައިވާ އޭންގަލް ފަދަ ކަންކަމަށް ރިއާޔަތްކޮށްފައިވެ އެވެ.
އިސްގާޒީ އާދަމް މުހައްމަދު ވަނީ މި
މައްސަލައިގައި އުފުލާފައިވާ ދައުވާތައް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް
ކަނޑައަޅުއްވައި، މޫސަގެ މަރުގެ މައްސަލައިގައި އޭނާ ކުށްވެރިވާކަމަށް ކަނޑައަޅުއްވާފަ
އެވެ. އަދި އަދަބެއްގެ ގޮތުން އޭނާ މެރުމަށް ގާޒީ ވަނީ ހުކުމް ކުރައްވާފަ އެވެ.