މާލެ ސިޓީ މއ. ދޫގަސްގައި ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަތަރު ބިދޭސީއަކަށް އަނިޔާވެ، އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.

މި ހާދިސާ ހިނގާފައިވާ ކަމުގެ ރިޕޯޓު ކަމާބެހޭ ފަރާތްތަކަށް ލިބިފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 5:27 އެހައިކަންހާއިރު އެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ބަންގްލަދޭޝްގެ ދެ މީހުންނާއި އިންޑިއާގެ ދެ މީހުންނެވެ.

ފުލުހުންނަށް އައިޖީއެމް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި، ފަރުވާ ދެމުންދާ ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް އެވެ.

އެމްއެންޑީއެފް އިން މައުލޫމާތުދޭ ގޮތުގައި، މއ. ދޫގަސްގައި ރޯވި އަލިފާންގަނޑު ސިފައިން ކުރި މަސައްކަތުން މިހާރު ވަނީ އެއްކޮށް ކޮންޓްރޯލް ކުރެވިފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ގޭސްފުޅިއެއް ގޮވުމުގެ ސަބަބުން ކަމަށް މިހާތަނަށް ބެލެވުނު ނަމަވެސް، ހާދިސާ ހިނގި ސީދާ ސަބަބު ދަނީ އިތުރަށް ބަލަމުންނެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.