ޕްލާސްޓިކް ކޮތަޅަކުން ނަގާ 2ރ. ގެ ޓެކްސް ނުވަތަ ފީ، ކޮތަޅު ބޮނޑިއެއް ގަންނަނަމަ ނުނަގާ ގޮތަށް ގާނޫނަށް ގެނައި ބަދަލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.

މި ބަދަލާއެކު ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން ނަގާ 2ރ. ނެގުން، 50 ކޮތަޅަށް ވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކު ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި އަށް އިސްތިސްނާވެގެންދާނެ އެވެ. ކުރީ ސަރުކާރުން ޕްލާސްޓިކް ކޮތަޅަށް 2ރ. ގެ ޓެކްސް އެއް ނަގާ ގޮތަށް ނިންމުމުން އެކަމަށް ވަރަށް ބޮޑަށް ފާޑުކީ ނަމަވެސް، މި ސަރުކާރުން ޕްލާސްޓިކް ކޮތަޅަކަށް ނަގާ 2ރ. ޓެކްސް ކުޑަކޮށްފަ އެއް ނުވެ އެވެ. މި ގެނެވުނު ބަދަލާ ބެހޭ ގޮތުން ސަރުކާރުން ބުނީ މިކަމުގެ ސަބަބުން އޭރު ނެގެމުން އައި ޑަބަލް ޓެކްސް ހުއްޓިގެންދާނެ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޕްލާސްޓިކް ކޮތަޅުން ނަގާ ފީ އިން މިދިޔަ އަހަރު ދައުލަތަށް 5.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. 

ޤާނޫނު ނަންބަރު 2022/24 (ކުނި މެނޭޖުކުރުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރެއްވީ އާދިއްތަ ދުވަހު އެވެ.

މި ބިލު ފާސްކުރައްވާފައިވަނީ، 17 އޮގަސްޓު 2026 ވީ ހޯމަ ދުވަހު ބޭއްވެވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއިންނެވެ.

 ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވާ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން މި ޤާނޫނަށް ޢަމަލުކުރަން ފަށާނެ އެވެ.