ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ އަދަދު އިތުރުކުރުމަށް ގާނޫނަށް ގެނައި ބަދަލު ތަސްދީގު ކޮށްފި އެވެ. 

ޤާނޫނު ނަންބަރު 26/2020 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރެއްވީ އާދިއްތަ ދުވަހު އެވެ.

މި ބިލު ފާސްކޮށްފައިވަނީ، 17 އޮގަސްޓު 2026 ވީ ހޯމަ ދުވަހު ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއިންނެވެ.

މި ގާނޫނަށް ގެނައި ބަދަލުގެ ނަތީޖާ އެއްގެ ގޮތުން ކުރިން ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވަނީ އަލަށް އައްޔަނުކުރެވޭ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވާއެކު، 7 (ހަތެއް) މެންބަރުންގެ މައްޗަށެވެ. އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްގެ މަޤާމަށް މީހަކު އައްޔަނުކުރާނީ ވެސް ރައީސުލްޖުމްހޫރިއްޔާ އެވެ. މީގެ އިތުރުން، ބޯޑަށް ޤާނޫނީ ދާއިރާގެ މެންބަރެއް އިތުރުކުރުމާއެކު، ބޯޑުގެ ބައްދަލުވުންތައް ބޭއްވުމުގެ އުސޫލުތައް ވަނީ މި އިޞްލާޙުގައި ކަނޑައަޅާފަ އެވެ.

މި އިޞްލާޙުތަކާ ގުޅިގެން، އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރަށް ޢައްޔަންކުރަންޖެހޭ މެންބަރުން، ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ޢައްޔަންކުރަންވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ބިލު ޝާއިޢުކުރުމާއެކު މި ބިލަށް މިހާރު ވަނީ ޢަމަލުކުރަންފަށައިފަ އެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރު 2 މެމްބަރުން ހަމަޖައްސާ ގޮތަށް ގާނޫނަށް ބަދަލުގެނައީ އެތަނުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކަމަށް ސަރުކާރުން ހުށަހެޅި ބިލުގައި ބުނެފައިވެ އެވެ. އެހެން ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނެފައިވަނީ މި ބަދަލު ގެނައުމުގެ ބޭނުމަކީ އަނެއްކާ ވެސް އިތުރު ބަޔަކަށް ބޮޑު މުސާރަ ލިބޭ ވަޒީފާ އެއް ހަމަޖައްސައި ދިނުމުގެ ބޭނުމުގައި ކަމުގަ އެވެ.

ސަރުކާރުގެ ހިންގުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެ، ސަރުކާރުގެ ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން މަދުކުރަނީ ކުންފުނިތައް "ރައިޓް ސައިޒް" ކުރަން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް ސަރުކާރުގެ އެކި އެކި މަގާމުތަކަށް ހުއްޓުމެއްނެތި މީހުން އައްޔަނުކުރަމުން ގެންދާކަން ވަނީ ފާހަގަ ކުރެވިފަ އެވެ.