އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި ނަމަށް ޝަކުވާ ފޮނުވަން އެންމެ ހަ ގަޑިއިރު ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައިފި އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި މިހާރު ހުންނެވި އަލްއުސްތާޒް އަހްމަދު އާހިދު ރަޝީދުގެ މަގާމުގެ މުއްދަތު 6 ސެޕްޓެމްބަރު 2026 ގައި ހަމަވާތީ، އެ މަގާމަށް އައްޔަނު ކުރުމަށް ރައީސް މުއިއްޒުގެ ފުލް ކޮންޓްރޯލު އޮންނަ 21 ވަނަ ރައްޔިތުންގެ މަޖިލީހަށް ރައީސް މުއިއްޒު ފޮނުއްވާފައިވަނީ، ލ. މާވަށު، މާޒީ އަލްއުސްތާޒް އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރުގެ ނަމެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް އަޒީޒުގެ އިތުރުން އަލްއުސްތާޒާ އައިޝަތު އިޝާ، ހުޅުމާލެ އަދި މ. ދިއްގަރު އަނީސާ މަންޒިލް އިދްރީސް އިސްމާއީލު ވެސް ވަނީ ކުރިމަތިލައްވާފަ އެވެ.
ރައީސް މުއިއްޒު މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ތާރީޚުގައި ފޮނުއްވި ސިޓީއަކުންނެވެ.
މި މައްސަލަ ދިރާސާކުރުމަށް
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ފޮނުވާފައިވަނީ 23 އޮގަސްޓް 2026 ގައި
ދައުރުގެ 27 ވަނަ ޖަލްސާގަ އެވެ.
ހަމަ އެ ދުވަހު މަޖިލީހުގެ އިދާރާއިން
މިކަމާ ބެހޭ ގޮތުން ކުރި އިއުލާނުގައި ބުނެފައިވަނީ، އަޒީޒު އާ ބެހޭ ގޮތުން އެއްވެސް
ޝަކުވާއެއް އޮތް ނަމަ، 23 އޮގަސްޓް 2026 ގެ ހަވީރު 18:00 ގެ ކުރިން ކޮމިޓީއަށް
އީމެއިލު ކުރުމަށް ނުވަތަ މަޖިލީހުގެ އިދާރާ އަށް ލިޔުމުން ފޮނުވައިދިނުމަށް އެދޭ
ކަމުގަ އެވެ.
މި އިއުލާނު
ކޮށްފައިވަނީ ވެސް 23 އޮގަސްޓް 2026ގަ އެވެ.
މަޖިލީހުގެ އިދާރާ
އަށް ލިޔުމުން ޝަކުވާ ފޮނުވޭނެ ކަމަށް ބުނެފައިވާއިރު އެކަމަށް ހުޅުވާލާފައިވާ
ވަގުތަކީ މަޖިލީހުގެ އިދާރާ އާންމުކޮށް ބަންދުކޮށްފައި ހުންނަ ގަޑިކަން ފާހަގަ
ކުރެވެ އެވެ.
މި އިއުލާނު
މިގޮތައް ކުރުމާ ގުޅިގެން 6 ގަޑިއިރުގެ ވަގުތަކީ މާނަ ހުރި ގޮތެއްގައި މިކަމުގައި
ބައިވެރިވާން ބޭނުން ފަރާތްތަކަށް އެކަށީގެންވާ ވަގުތެއް ނޫން ކަމަށް
ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ. އެގޮތުން ޝަކުވާ ހުށަހެޅުމަށް
އިތުރު ވަގުތު ދިނުމަށް ވެސް އެ ޖަމްއިއްޔާ އިން ވަނީ ގޮވާލާފަ އެވެ.
އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރަކީ ރާއްޖޭގެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަނު ކުރެވުނު އަދި 2014 އިން 2019 އަށް މި މަގާމު ފުރުއްވި ފަރާތެވެ.
ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު)ގެ 43 ވަނަ މާއްދާގެ (ހ) ގެ ދަށުން، ރައީސް ޔާމީން ގެ ވެރިކަމުގައި "އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް" އުފެއްދީ 13 ޖުލައި 2014 ވަނަ ދުވަހު އެވެ.