ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރު ކަމުގައި ހުންނެވި އިރު
މާލޭގެ މަގުމަތިން ކާރު ޕާކު ކުރަން ދީފަ ހުރި ތަންތަން އެމަނިކުފާނު ވެރިކަމަށް
ވަޑައިގެން އުވާލައްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ
މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ. 

ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިޔުއެއްގައި ބޮންޑާ ވިދާޅުވީ
ރައީސް މުއިއްޒު މޭޔަރު ކަމުގައި ހުންނެވި އިރު
50،000 (ފަންސާސް ހާސް) ރުފިޔާ އަށް މާލޭގެ މަގުމަތިން ކާރު ޕާކް ކުރުމަށް އެތައް ޖާގައެއް
ދޫކުރައްވާފައިވާ ކަމަށެވެ.

ދިރިއުޅުމުގެ ޚަރަދު އިތުރުވަމުންދާ ކަމަށް ފާހަގަކުރައްވާ ބޮންޑާ ވިދާޅުވީ، ރައްޔިތުން ދިރިއުޅޭނެ ގޮތެއް ހޯދުމަށް ޓެކްސީގެ ހިދުމަތްތައް އެތައް ބަޔަކު
ދެމުންދާ ކަމަށެވެ. އަދި މި ޕާކިން އޭރިޔާތައް ލިބޭނެ ކަމުގެ އުންމީދުގައި އެތައް
ބަޔަކު ކާރު ގަތުމަށް ލޯނު ނަގައި އަދި އެއް ގަރާޖަކަށް އެތައް ކާރުތަކެއް
ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މި ފައިސާ އިން ރައްޔިތުންނަށް އެއްވެސް ޕާކިން ޖާގައެއް ދީފައި ނުވާ
ކަމަށާއި، މި ރުފިޔާ ރައީސް މުއިއްޒުގެ އަމިއްލަފުޅު ބޭނުމަށް ނަންގަވާފައިވާ ކަމަށް
ބޮންޑާ ވިދާޅުވި އެވެ.

މާލެ ސިޓީގެ މޭޔަރު ކަމުގައި ހުރެގެން ގަރާޖްތައް ދޫކުރަން ފެށީ މަގުމަތިން. ވިއްކަން ފެށީ ފަންސާސް ހާސް ރުފިޔާއަށް. މުޅި މާލެ އެއްކޮށް ހުސްކޮއްލި. އެ ކަމުގެ އުންމީދުގައި ޓެކްސީ ދުއްވައިގެން އިތުރު އާމްދަނީ އެއް ހޯދުމުގެ އުންމީދުގައި އެއް ގަރާޖައް ފަންސާސް ކާރު 200 ކާރު ރަޖިސްޓްރީ ކޮށްގެން ތިބީ. ބޭންކުން ލޯނުވެސް ދިނީ ބޭރުން ކާރުތަކެއް ވެސް އެތެރެކުރީ. އެ ކާރުތައް މިހާރު މަގުމަތީގައި ފީވެގެންދަނީ. މުއިއްޒު މި ކުރެއްވި ކަމަކީ އެ ފައިސާ ނެންގެވީ
މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)

ބޮންޑާ ވިދާޅުވީ ޕާކިން ސަރަހައްދު ގަނެފައިވާ މީހުން މިހާރު ތިބީ އެމީހުން
ބޭންކުތަކުން ނެގި ލޯނުތަކުގައި ޖެހި ފަގީރުވެ، އާއިލާތައް ބިކަވެ އަދި ނިކަމެތިވެފައި ކަމަށެވެ. އަދި މިފަދަ ނިކަމެތިކަމެއް ރައްޔިތުންނަށް ލިބެނީ ސަރުކާރުން
ވިޔަފާރި ކުރާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޮންޑާ ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މި
މައްސަލަތައް ނުބައްލަވާ ނަމަ ކުރިޔަށް އޮތް ވެރިކަމެއްގައި އޭނާ އަށް ޖިނާއީ
ދައުވާ ކުރާނެ ކަމަށެވެ.

މި ހިނގަމުންދާ ސަރުކާރުގެ އެތައް ކޮރަޕްޝަނުގެ މައްސަލަތައް ވަނީ
ފެންމަތިވެފައި އެވެ. އެގޮތުން މާލެ ސިޓީ ޓެކްސީ ލައިންގެ ނަމުގައި މާލެ އެތެރެކުރި ޓެކްސީތައް ގެނައުމުގައި ކޮރަޕްޝަނުގެ މައްސަލަތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް އާދީއްތަ ދުވަހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވަނީ އެންޓި
ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލް އަށް އެޑްރެސް ކުރައްވާ ސިޓީއެއް
ފޮނުއްވާފައި އެވެ.