މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން
ގެނެސްފައިވާ ކާރުތައް ބޭނުން ކުރަމުންދަނީ ދައުލަތުގެ އިސްވެރިންގެ އަމިއްލަ
ބޭނުމަށް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް)
ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީ އަށް
ދެއްވި އިންޓަވިއުއެއްގައި މާޒް ސަލީމް ވިދާޅުވީ އެމްޓީސީސީ އިން ފޯރުކޮށްދޭ
ޓެކްސީގެ ހިދުމަތް ދައުލަތުގެ އިސްވެރިން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން، ސަރުކާރުގެ ވަސީލަތެއް ބޭނުން ކުރުމަކީ ގާނޫނީ ގޮތުން އަދަބު ލިބޭ ކުށެއް
ކަމަށެވެ.

ކާރުތައް
ގެނައުމުގައި ކޮރަޕްޝަނުގެ މައްސަލަތަކެއް ހިމެނޭކަން ފާހަގަކުރައްވާ މާޒް ސަލީމް
ވިދާޅުވީ، ރާއްޖެ އަށް ކާރު އިމްޕޯޓް ކުރާ ފަރާތްތަކުން މައުލޫމާތު ދިންގޮތުގައި
އެމްޓީސީސީ އިން އެތެރެކޮށްފައިވާ 150 ކާރަށް 80 މިލިއަން ރުފިޔާ ޚަރަދުވުމަކީ
ވަރަށް ބޮޑު އަގެއް ކަމަށެވެ. އަދި އެންމެ ބޮޑުވެގެން ކާރެއް ތިން ހާސް ޑޮލަރަށް
ލިބޭނެ ކަމަށް ކުންފުނިތަކުން ލަފާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާޒް ސަލީމް
ވިދާޅުވީ އެތެރެކޮށްފައިވާ ކާރުތަކަކީ ދައުލަތުން ގެނަސްފައިވާ އެއްޗަކަށް ވުމުން، ކަސްޓަމްސް އަށް ދައްކަން ޖެހޭ ޑިއުޓީ އާއި ރަޖިސްޓްރީ ފީ ދައްކާފައި ނުވާ
ކަމަށެވެ.

ރައްޔިތުންނަށް
މި ކާރުގެ ސަބަބުން މަންފާއެއް ނުވާ ކަމަށް ފާހަގަކުރައްވާ މާޒް ސަލީމް ވިދާޅުވީ
މިހާރު ވެސް ގިނަ ރައްޔިތުންނަށް ލިބެނީ އަމިއްލަ މީހުންގެ ޓެކްސީތައް ކަމަށެވެ.
އަދި އެމްޓީސީސީގެ ޓެކްސީތަކުން ހިދުމަތް ލިބިގެންދަނީ މަދު ފަހަރުތަކެއްގައި
ކަމަށް އޭނާ ވިދާޅުވި އެވެ.

މާޒް ސަލީމް
ވިދާޅުވީ ޓެކްސީ ހިދުމަތް ފޯރުކޮށްދިނުމަށް ހެދި އެޕްލިކޭޝަންގެ މަސައްކަތް 13
މިލިއަން ރުފިޔާ އަށް ސިއްރީޔާތުގައި ހަވާލުކޮށްފައިވަނީ، މި މަސައްކަތާ ހަވާލުވެ
ހުރި އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ އަބްދުﷲ ފާރިޝްއާ އެއް ގެއަކަށް ނިސްބަތްވާ
މީހަކަށް ކަމަށެވެ. އަދި މިއީ މާލިއްޔަތު ގާނޫނާ ހިލާފު ކަމެއް ކަމަށް ވެސް އޭނާ
ވިދާޅުވި އެވެ.

ކާރު ބޭނުންކުރުމަށް އެޕްލިކޭޝަން އެއް ހެދުމަށް ސިއްރިއްޔާތުގައި ބަޔަކަށް މިއޮތީ ދީފަ. ދީފަ މިއޮތީ 13 މިލިއަން ރުފިޔާއަށް ފިކްސް މޯލްޑިވްސްގެ ނަމުގައިވާ ކުންފުންޏަކަށް. މި ކުންފުނި ނިސްބަތްވަނީ ހދ.ނޮޅިވަރަންފަރު ޑެއިޒީމާގެ އިބްރާހީމް އަބްދުﷲ އަށް. މި މަސައްކަތް ރާވާ ހިންގުމަށް އެމްޓީސީސީގެ ފަރާތުން މަސައްކަތް ކުރަމުން ދިޔައީ އެތަނުގެ ޖެނެރަލް މެނޭޖަރ އަބްދުﷲ ފާރިޝް. މި ދެބޭފުޅުންނަކީ އެއް ގެއަކަށް ނިސްބަތްވާ ދެ ބޭފުޅުން. މީވެސް މާލިއްޔަތު ގާނޫނާ ހިލާފު ކަމެއް
މާޒް އަހުމަދު ސަލީމް

މި
އެޕްލިކޭޝަނަކީ ވަރަށް ފެންވަރު ދަށްކޮށް، އާދައިގެ ގޮތަކަށް ހަދާފައިވާ
އެޕްލިކޭޝަނެއް ކަމަށް މާޒް ސަލީމް  ވިދާޅުވި
އެވެ.

އެމްޓީސީސީ އިން
ގެނައި ކާރުތަކުގައި ކޮރަޕްޝަނުގެ މައްސަލަތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް
އާދީއްތަ ދުވަހު މާޒް ސަލީމް ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް
ޝާމިލް އަށް އެޑްރެސް ކުރައްވާ ސިޓީއެއް ފޮނުއްވާފައި އެވެ.