މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އޮފީސް ސާފުކުރުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުން ކ. ތިލަފުއްޓަށް ކައްކަން ގެންދާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މިފަހުން ސާފުކުރުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުން ތިފުއްޓަށް ގޮސް ކެއްކުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެ މަސައްކަތް ކުރުމަށް މަޖުބޫރު ކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ނުކުރުމަށް ދެކޮޅު ހަދާ ކަމަށްވާނަމަ މަސައްކަތަށް ފަރުވާ ކުޑަ ކަމަށް ބުނެ، ކަނޑާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަަމަށް މައުލޫމާތު ލިބެ އެވެ. 

އެ މުވައްޒަފުންނަކީ ކެއްކުމުގެ ވަޒީފާއަށް ނަގާފައިވާ ބަޔަކަށްނުވާއިރު، އޮފީސް ސާފުކުރަން ނަގާފައިވާ މުވައްޒަފުން ލައްވާ އެފަދަ މަސައްކަތް ކުރުވާތީ އެކަމުގެ ސަބަބުން ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެ މުވައްޒަފުން ދަނީ ބުނަމުންނެވެ. 

މީގެއިތުރުން، މި މައްސަލައާ ގުޅިގެން މީޑިއާއަށް މައުލޫމާތު ދިން މީހަކު ހޯދައި، އޭނާ ވަޒީފާއިން ކަނޑާލާނެ ކަމުގެ ބިރުދައްކައި، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

މިކަމަކީ ކޮން އުސޫލަކުން ހިނގާ ކަމެއްތޯ ބެލުމަށް އާދިއްތަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގެ ތެރެއިން، އެމްޕީއެލްގެ ބަހެއް ހޯދުމަށް އެ ކުންފުނީގެ މީޑިއާ އޮފިޝަލަށް ގުޅުމުން ބުނީ، އެ މައުލޫމާތު ސާފުކުރުމަށްފަހު ހިއްސާކުރާނެ ކަމަށެވެ.

އެމްޕީއެލްގެ ސާފުކުރާ މުވައްޒަފުން ތިލަފުއްޓަށް ކައްކަން ގެންދާ މައްސަލައެއް ފެންމަތިވެފައިވާއިރު، މުވައްޒަފުން ކުރަންޖެހޭ މަސައްކަތުގެ ބޭރުން ސިޔާސީ ބައެއް މަސައްކަތްތައް ވެސް ކުރުވާ ކަމަށް ބުނެ އެކަމުގެ ޝަކުވާތައް ވެސް މީގެ ކުރިން އެކިއެކި ސަރުކާރުތަކުގެ ކުންފުނިތަކުގެ މުވައްޒަފުން ކޮށްފައިވެ އެވެ. އަދި މި ސަރުކާރުން މުވައްޒަފުންނަށް ވަޒީފާއިން ކަނޑާލާނެ ކަމުގެ އިންޒާރު ދެމުންދާ ކަމަށް ވެސް ތުހުމަތު ކޮށްފައިވެ އެވެ.