މާލެ ޓެކްސީ ލައިންއާ ގުޅިގެން ފާހަގަ ކުރެވޭ އެތައް މައްސަލައެއް ފާހަގަކޮށް، އެ ކަންކަން ތަހުގީގު ކުރުމަށް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މާޒް އަހުމަދު ސަލީމް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ސިޓީ އެއް ފޮނުއްވައިފި އެވެ. 

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލް އަށް އަށް މާޒް ސަލީމް ފޮނުއްވި ސިޓީގައި ވަނީ މާލެ ސަރަހައްދުގައި އާއްމުންގެ
ދަތުފަތުރު މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް ކަމަށް ބުނެ ސަރުކާރުން ވަނީ
އެމްޓީސީސީ 150 އީވީ ކާރު ރާއްޖެއަށް ގެނައުމަށްޓަކައި ދައުލަތުގެ ބަޖެޓުން 80 މިލިއަން
ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. މިއީ އެވެރެޖުކޮށް ބަލާއިރު ނިސްބަތުން ކާރަކަށް ބައިމިލިއަނަށް
ވުރެ ގިނަރުފިޔާ ކަމަށާއި ޓެކްސީގެ ޚިދުމަތް ދިނުމުގެ ނަމުގައި އެމްޓީސީސީ އިން އެތެރެކޮށްފައިވާ
މިއިން އެއްވެސް ކާރަކަށް ކަސްޓަމްސްގެ ޑިއުޓީ ދައްކާފައި ނުވާ ކަމަށެވެ. އަދި ދުނިޔޭގެ
މާކެޓު ރޭޓަށް ބަލާއިރު މިއީ ވަރަށް ބޮޑު އަގެއްކަމުގައި، ރާއްޖެއަށް ކާރު
އެތެރެކުރާ ކުންފުނިތަކުން ބުނެ ނުރުހުން ފާޅުކޮށްފައިވާ ކަމަށެވެ. 

މި ސިޓީގައި ބުނީ ޑުރައިވަރުންގެ ގޮތުގައި 400 އަށް ވުރެ ގިނަ
މުވައްޒަފުންނަށް ވަޒީފާ ދީފައިވާއިރު ދައުލަތުގެ ބަޖެޓުން މިލިއަން ރުފިޔާ އިން
މި ހިނގާ ޚަރަދާ އެއްވަރުގެ އެއްވެސް ޚިދުމަތެއް ރައްޔިތުންނަށް އެ ކާރުތަކުން ނުލިބޭ ކަމަށެވެ. އަދި މާލޭ
ޓެކްސީ ލައިންގެ މަޝްރޫއަކީ ހަމައެކަނި ޤަވާއިދާ ޚިލާފުވުމުގެ އިތުރަށް މާލިއްޔަތު
ޤާނޫނާއި އަދި ޕުރޮކިޔުމެންޓު އުސޫލުތަކަށް ބަލާއިރު ބޮޑު ކޮރަޕްޝަނެއް
އެކުލެވިގެންވާ މަޝްރޫއެއް ކަމަށް އެ ސިޓީގައިވެ އެވެ.

އެހެން ނަމަވެސް އެމްޓީސީސީން
ޓެކްސީ ކުރުމަށް ގެނައި ކާރުތަކުގެ ތެރެއިން ބައެއް ކާރުތައް ޓުރާންސްޕޯޓުގެ ޤަވާއިދަކަށް ނުފެތޭ ކަމަށާއި އިލެކްޓްރިކް
ކާރުތަކެއް މިހާ ބޮޑު އަގުގައި ގެނައުމުގެ ފަހަތުގައި ކުންފުނީގެ އިސްވެރިންގެ
މަޤާމާއި ބާރާއި ނުފޫޒު ބޭނުންކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

މީގެ
އިތުރުން، ސަރުކާރުން ބޮޑު ޚަރަދުކޮށްގެން ގެނެސްފައިވާ ކާރުތައް ނުދުއްވާ
ބަހައްޓާފައި ހުންނާތީ އާއްމުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ކަމަށާއި މީގެ ތެރެއިން ބައެއް ކާރުތައް ދައުލަތުގެ މުއައްސަސާތަކުގެ ސިޔާސީ މަޤާމުތަކުގައި
ތިއްބަވާ ބޭފުޅުންނާއި އަދި އެބޭފުޅުންގެ އާއިލީ ބޭބޭފުޅުންގެ ދަތުރުތަކަށް ބޭނުން
ކުރަމުންދާކަން ރައްޔިތުން ދަނީ ފާހަގަ ކުރާ ކަމަށް ސިޓީގައިވެ އެވެ.

ސިޓީގައި ބުނީ ކާރުތައް މާލެތެރޭގައި
ދުއްވުމަށް ބޭނުންވާ އެޕްލިކޭޝަން އުފެއްދުމަށްޓަކައި ފިކްސްޑް މޯލްޑިވްސް އަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ އޯޕަން ބިޑިންގް ޕުރޮސެސްއެއް ނުހިންގާ
ސިއްރިޔާތުގައި 13 މިލިއަން ދިވެހި ރުފިޔާ އަށް ކަމަށެވެ. އަދި މި ކުންފުންޏަކީ މިކަހަލަ
އެޕްލިކޭޝަން ހެދުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ކުންފުންޏެއް ކަމަށާއި ރާއްޖޭގައި
މިފަދަ އެޕްލިކޭޝަންތައް އުފެއްދުމުގެ ޤާބިލްކަން ހުރި އެއްވެސް ކުންފުންޏަކަށް
ނުވަތަ އެއްވެސް ބަޔަކަށް މި އެޕްލިކޭޝަން ހެދުމަށް ޕުރޮޕޯސަލް ހުށަހެޅުމަށް
ދައުވަތު ދީފައިނުވާ ކަމަށެވެ.

"ފިކްސްޑް
މޯލްޑިވްސް" އަކީ ހދ. ނޮޅިވަރަންފަރު ޑޭޒީމާގޭ އިބްރާހީމް އަބްދުﷲގެ
ނަމުގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދެއްގެ ވިޔަފާރިއެއް ކަން ފާހަގަކޮށް ސިޓީގައި ބުނީ މައުލޫމާތު
ލިބޭގޮތުގައި އިބްރާހީމް އަބްދުﷲ އާއި އެމްޓީސީސީގެ އެސިސްޓަންޓް
ޖެނެރަލް މެނޭޖަރު އަބްދުﷲ ފާރިޝް އަކީ އެއް އެޑްރެހަކަށް ރަޖިސްޓްރީވެފައިވާ
އާއިލީ ގުޅުން އޮތް ދެ މީހުން ކަމަށެވެ.  

 މި އެޕްލިކޭޝަން އާއްމުންނަށް
ތައާރަފް ކުރުމުން، ރާއްޖޭގައި މިފަދަ ސޮފްޓްވެއަރ ޑިވޮލޯޕްކުރާ ޑިވޮލޮޕަރުން، މި އެޕްލިކޭޝަނަކީ
ވަރަށް ފެންވަރު ދަށް އަދި ވަރަށް އާދައިގެ އެޕްލިކޭޝަނެ ބުނެފައިވާ ކަމަށާއި މި ސޮފްޓްވެއަރ އާއި ބެހޭގޮތުން ކަންބޮޑުވުންތައް ފާޅުކޮށްފައި ވަނިކޮށް، ސޮފްޓްވެއަރ އަށް
ސައިބާ ހަމަލާއެއްދީ ހެކްކޮށް، އެޕްލިކޭޝަން ބޭނުންކުރި ގިނަ އަދަދެއްގެ
މީހުންގެ ޒާތީ މައުލޫމާތުތަކާއި ސިސްޓަމްގެ އެތެރޭގެ މައުލޫމާތުތައް ލީކޮށްލާފައިވާ ކަން ވެސް ސިޓީގައި ފާހަގަ ކޮށްފައިވެ އެވެ. އަދި
އެޕްލިކޭޝަންގެ އެތެރޭގެ ވޮލެޓް މައުލޫމާތާއި ޑްރައިވަރުންގެ ނަންތަކާއި ފްލީޓްގެ ތަފުސީލާއި ކަސްޓަމަރުން ކުރި ދަތުރުތަކުގެ ތަފުސީލާއި ފޯނު
ނަންބަރުތަކުގެ އިތުރުން ގެއްލޭ ތަކެއްޗާ ބެހޭ ބަޔަށް ފޮނުވާފައިވާ މެސެޖުތަކުގެ
ސްކްރީން ޝޮޓްތައް ވެސް ހެކަރު އާންމުކޮށްފައިވާކަން ސިޓީގައި ފާހަގަ ކޮށްފައިވެ އެވެ. 

އެހެންކަމުން މާލެ ޓެކްސީގެ ނަމުގައި ޓެކްސީ ކުރުމަށް 80
މިލިއަން ރުފިޔާ އަށް ރާއްޖެ އެތެރެކޮށްފައިވާ 150 ކާރު ގެނައުމުގެ ފަހަތުގައި
ކޮރަޕްޝަން ހިނގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި މާލެ ޓެކްސީ
ލައިންގައި ޚިދުމަތް ދިނުމަށް ރާއްޖެ އެތެރެކޮށްފައިވާ 150 ކާރުގެ ތެރެއިން ގިނަ އަދަދެއްގެ ކާރު ޓެކްސީގެ ޚިދުމަތް ދިނުމަށް ބޭނުންނުކޮށް، ހުޅުމާލެ ފޭސް 2 ގައި
ހާމަޔަށް އޮންނަ ހުސްބިމަކަށް ދޫކޮށްލާފާ އޮންނަ މައްސަލަ ތަހުގީގު ކުރުމަށް ވަނީ އެދިފަ އެވެ.

އޭގެ އިތުރުން، ބައެއް ކާރުތައް ސަރުކާރުގެ ބައެއް ސިޔާސީ މުވައްޒަފުންނާއި
އަދި އެފަރާތްތަކުގެ އާއިލާތަކުގެ އަމިއްލަ ބޭނުންތަކަށް ބޭނުން ކުރަމުންދާ  ކޮރަޕްޝަނަށް ތުހުމަތުކުރެވޭ މައްސަލަ އާއި މުޅި މަޝްރޫއުގެ ފަހަތުގައި ފޮރުވިފައިވާ ކޮރަޕްޝަން ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގު ކުރުމަށް ވެސް ވަނީ އެދިފަ އެވެ.