ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހިމެނޭ ދައުލަތުގެ ސިއްރު ހެކިވެރިޔަކު ދީފައި އޮތް ހެކިބަސް އަނބުރާ
ނުގެންދެވޭނެކަމަށް ދައުލަތުން ބުނެފި އެވެ.
ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ
މައްސަލައިގައި ދައުލަތުން 6 މީހެއްގެ މައްޗަށް ދައުވާކުރި އެވެ. އެއީ މ.
އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދު އާއި މ. ކޮޅުފުށީ އީސްޓް ހުސައިން
ޒިޔާދު އާއި މ. ތާއިފް އިސްމާއީލް ރަޝީދު އާއި މ. ކުދެހިގެ ހަސަން ޝިފާޒް އާއި ގދ.
ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގޭ އަހުމަދު
ޒިހާން އިސްމާއީލްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން މި މައްސަލައިގެ ހުކުމްކޮށް
ނިންމާފައިވަނީ ދައުވާލިބޭ ހައިޝަމާއި ޒިހާންގެ މައްޗަށް ކުށް ސާބިތުވާ ކަމަށާއި،
ބާކީ ތިބި 4 މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތުނުވާ
ކަމަށެވެ.
ހައިޝަމްއާއި ޒިހާންގެ ފަރާތުން އެ ނިންމުން
އިސްތިއުނާފު ކުރުމުން ހައިކޯޓުން ނިންމާފައިވަނީ މައްސަލަ އަލުން ބަލައި،
ކްރިމިނަލް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަމަށެވެ. އެގޮތުގެ މަތިން ބޭއްވި އަޑުއެހުމުގައި
ސިއްރު ހެކިވެރިޔާގެ ސިޓީއާ ގުޅޭގޮތުން ވަނީ ވާހަކަ ދައްކާފަ އެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ
އަޑުއެހުން ނިމި، ހުކުމް ކުރުމަށް ތާވަލުކޮށްފައި ވަނިކޮށް ސިއްރު ހެކިވެރިއެއްގެ
ކުއްލިސިޓީއެއް އޭރުގެ އިސްގާޒީ އަހުމަދު ޝަކީލަށް ލިބިވަޑައިގަތެވެ.
އެކަން އޭރު ހުކުމް
ކުރުމަށް ބޭއްވި އަޑުއެހުމުގައި ގާޒީ އާދަމް މުހައްމަދު ވަނީ ސާފު
ކޮށްދެއްވާފަ އެވެ.
ގާޒީ ވިދާޅުވީ، އެ ސިޓީން ސިއްރު
ހެކިވެރިޔާއަށް މަޖުބޫރީ ހާލަތެއް މެދުވެރިވި ގޮތުގެ ތަފްސީލެއް އެނގެން ނެތް
ކަމަށެވެ. އަދި އޭރުގެ ހެއްކާބެހޭ ޤާނޫނުގައި ހެކިބަހުން ރުޖޫއަވެވޭނެ ގޮތެއް
ނެތްއިރު، މިއީ ޤާނޫނީ ނިޒާމުގެ ތެރެއިން ހައްލު ހޯދައިދެވެންޖެހޭ ކަމެއްކަމަށް
ހުކުމް ކުރެއްވިއިރު ގާޒީ ވިދާޅުވެފައިވެ އެވެ.
މި މައްސަލައިގައި ދައުލަތުން ވެސް އޭރު ވަނީ
ސިއްރު ހެކިވެރިންނަށް ނުފޫޒު ފޯރުވައި، ބިރު ދައްކާކަމަށް ބަޔާންކޮށް
ލިއެކިއުންތަކެއް ހުށައަޅާފަ އެވެ. އެ ލިއެކިއުންތަކަށް ރިއާޔަތް ކުރައްވައި ގާޒީ
ނިންމެވީ އެ ސިޓީއަށް ރިއާޔަތް ނުކުރައްވައި ހުކުމާއިގެން ކުރިއަށް
ވަޑައިގެންނެވުމަށެވެ.
އެކަމާ ގުޅޭގޮތުން މިހާރު ކުރިއަށްދާ
އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ހެކިވެރިޔާ ސިޓީ ހުށަހެޅީ ހެކިބަސް
ނެގުމަށްފަހު ދެ އަހަރު ފަހުން ކަމަށާއި ހެކިބަސް ދިންއިރު ވެސް އެކަންކަން
ފާހަގަކުރެވެން އޮތް ކަމަށެވެ.