ހދ. ނޭކުރެންދޫގައި މި ސަރުކާރުން ވެފައިވާ ވައުދުތަކާ އެއްގޮތަށް އެއްވެސް އައު މަޝްރޫއެއް ފެށިގެން ކުރިއަށް ނުދާ ކަމަށާއި ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ވެސް ހުއްޓިފައިވާކަން ހާމަވެއްޖެ އެވެ.
ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު ރާއީ ވަނީ ހދ. އަތޮޅުގެ ތަރައްގީ ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ރާއީ ވިދާޅުވީ، ނޭކުރެންދޫ ބަނދަރު އިތުރަށް 200 ފޫޓަށް ބޮޑުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރުގައި އެ ރަށުގެ ބަނދަރު ތަރައްގީ ކުރުމުގެ ބޮޑުބައެއް ނިންމާފައިވަނިކޮށް ސަރުކާރު ބަދަލުވި ފަހުން، އިތުރަށް ބަނދަރު ބޮޑުކުރުމަށް މި ސަރުކާރުން ވީ ވައުދާ އެއްގޮތަށް އެއްވެސް މަސައްކަތެއް ހިނގަމުން ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ރާއީ ވިދާޅުވީ، އެ ރަށު ސްކޫލުގައި އިމާރާތް ކުރި 4 ކްލާސްރޫމަކީ އެމްޑީޕީ ސަރުކާރުގައި ސްޓްރަކްޗާގެ ބޮޑުބައި ނިންމާފައި ހުރި ތަނެއް ކަމަށާއި، މި ސަރުކާރުން ތިން އަހަރު ވަންދެން އެ މަސައްކަތް ދިގުދައްމާލުމަށް ފަހު ކިޔަވައިދެވޭ ވަރު ކޮށްލީ ދާދި ފަހުން ކަމަށެވެ. އަދި އެ ރަށުގައި އެޅުމަށް ނިންމި ސްޕޯޓްސް ކޮމްޕްލެކްސްގެ މަޝްރޫއު ބަޖެޓުން ވެސް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
މަގު ހެދުމުގެ މަޝްރޫއަށް އިޝާރާތް ކުރައްވައި ރާއީ ވިދާޅުވީ، އެއީ ރައީސް މުއިއްޒުގެ ވައުދުފުޅެއް ނަމަވެސް އެކަން ވެސް ނުވާ ކަމަށެވެ. އަދި ކުރީ ސަރުކާރުން ފަށައި ނިމުމާ ގާތްވެފައި އޮތް ފެނާއި ނަރުދަމާގެ ހިދުމަތް ވެސް މިހާތަނަށް ރައްޔިތުންނަށް ލިބިފައި ނުވާ ކަމަށް ވިދާޅުވެ ރާއީ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.