ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒުގެ އާއިލީ ވަކީލު އާޒިމާ ޝަކޫރު ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކެރެޓަރީގެ މަޤާމަށް އައްޔަނު ކޮށްފި އެވެ.
އާޒިމާ އެ މަޤާމަށް އައްޔަނު ކުރައްވާފައިވާކަން ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދެއްވާފަ އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މުންދު ވިދާޅުވީ، އާޒިމާ އައްޔަނު ކުރައްވާފައިވަނީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކެރެޓަރީގެ މަޤާމަށް ކަމަށާއި އޭނާ އެ މަޤާމަށް އައްޔަނު ކުރެއްވީ އާދިއްތަ ދުވަހު ކަމަށެވެ.
އާޒިމާއަކީ ރައީސް މުއިއްޒުގެ އާއިލީ ވަކީލެކެވެ. އެގޮތުން ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ދައުވާކުރެއްވި ބައެއް މައްސަލަތަކުގައި ވެސް އެމަނިކުފާނުގެ އާއިލާ ތަމްސީލު ކުރައްވަނީ އާޒިމާ އެވެ.
އާޒިމާ ރައީސް އޮފީހުގެ މަޤާމަކަށް އައްޔަނު ކުރައްވާފައިވަނީ ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުގެ ކުންފުނިތަކުގައި ތިބި އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ދަނޑިވަޅެއްގަ އެވެ. މިކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.
ރައީސްގެ އާއިލާގެ ގާނޫނީ ވަކީލް އާޒިމާ ޝަކޫރުގެ މައްޗަށް އެމްއެމްޕީއާރުސީ ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ދެ ދައުވާ އެއް މީގެ ކުރިން ވަނީ އުފުލާފަ އެވެ. އެއީ މަނީ ލޯންޑްރިންގ އަށް މަގުފަހިކޮށްދިނުމާއި، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އެވެ.
އެހެންނަމަވެސް، މި ސަރުކާރުގައި އެ ދައުވާތައްވެސް ވަނީ އަނބުރާ ގެންގޮސްފަ އެވެ.