އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިން ވެސް އެ މަގާމު އަދާކުރައްވި، މާޒީ، ލ. މާވަށް އަލްއުސްތާޛު އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރުގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވައިފި އެވެ.
ރައީސް މުއިއްޒު ފޮނުއްވި ނަން އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަމީންއާާންމު ވަނީ އިއްވާފަ އެވެ. އަދި ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައި އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި މިހާރު ހުންނެވި އަހުމަދު އާހިދު ރަޝީދުގެ މަގާމުގެ މުއްދަތު އަންނަ ސެޕްޓެމްބަރު މަހު ހަމަވާތީ، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައި އެވެ. ނަމަވެސް އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ހުށަހެޅި މީހުންގެ އަދަދެއް ހާމަކޮށްފައެއް ނުވެ އެވެ.
އަބްދުލްއަޒީޒް އަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، އައްޔަނު ކުރި ފުރަތަމަ އިންފޮމޭޝަން ކަމިޝަނަރު އެވެ. އޭނާ އޭނާ މަގާމުން ވަކިވެވަޑައިގަތީ 2019 ޖުލައި 22 ގައި އެވެ.
މީގެއިތުރުން އަބްދުލްއަޒީޒް ވަނީ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައި އެވެ. އަދި މިވަގުތު ހުންނެވީ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި އެވެ.