ދިވެހިރާއްޖޭގެ ފަސް ރައީސަކު ބޭނުންކުރެއްވި މޭޒުކޮޅެއް
12،500 ރުފިޔާއަށް ރައީސް އޮފީހުން ވިއްކާލާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ
ޚަބަރުތަކަކީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށް ސަރުކާރުން ބުނެފި އެވެ.

މިކަމާ
ގުޅިގެން ރާއްޖެއެމްވީން ސުވާލު ދެންނެވުމުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން
ޝަރީފް (މުންދު) ވިދާޅުވީ، ކުރީގެ ރައީސުން ބޭނުންކުރެއްވި ރަސްމީ މޭޒުކޮޅުތައް މިހާރު ވެސް
ރައީސް އޮފީހުގައި އެބަހުރި ކަމަށާއި، އެއިން އެއްވެސް މޭޒެއް ނީލަމަށް ލާފައި ނުވާނެ
ކަމަށެވެ.

ތަރުޖަމާނު ވިދާޅުވީ، ދާދި ފަހުން ނީލަމަށް ލާފައިވަނީ
ރައީސުން ބޭނުންކުރެއްވި ރަސްމީ މޭޒުކޮޅުތަކެއް ނޫން ކަމަށެވެ. އެއީ އެކި ކަހަލަ އެއްބަސްވުންތަކުގައި
ސޮއިކުރުމުގެ ރަސްމިއްޔާތުތަކުގައި ބޭނުންކުރުމަށް ބައެއް ފަހަރު ނެރޭ މޭޒެއް ކަމަށް
އޭނާ ފާހަގަކުރެއްވި އެވެ.

އެ މޭޒު ނީލަމަށް ލާން ޖެހުނީ ގަވާއިދުގެ ދަށުން،
އާބާތުރަ ނުފިލުވޭ ވަރަށް ތަކެތި ހަލާކުވުމުން އަމަލުކުރާ އުސޫލުގެ ތެރެއިން ކަމަށްވެސް
މުންދު ވިދާޅުވި އެވެ.

މި މޭޒު ނީލަމަށް ލާން ނިންމި ސަބަބާ ގުޅޭގޮތުން
އިތުރަށް ތަފްސީލު ދެއްވަމުން ތަރުޖަމާނު ވިދާޅުވީ، އެ މޭޒުގައި ކަތުރުފަނި އަޅައި،
ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. އަދި އެ މޭޒު ނީލަމަށް ލީއިރު، އޭގައި
ހުރި ދައުލަތުގެ ނިޝާން ވެސް ވާނީ ގަވާއިދާ އެއްގޮތަށް ނައްތާލާފައި ކަމަށް އޭނާ ވިދާޅުވި
އެވެ.

ނަމަވެސް، ނީލަމުން އެ މޭޒު ގަތް ފަރާތުން ވަނީ
އެ މޭޒު އަލުން މަރާމާތުކޮށް، އާބާތުރަ ފިލުވާފަ އެވެ. އަދި އެ ފަރާތުން އަމިއްލައަށް
މޭޒުގައި ދައުލަތުގެ ނިޝާން ޖަހާފައިވާ ކަމަށް ވެސް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު
ހުސައިން ޝަރީފް ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި މި ވާހަކަ ފެތުރިގެން ދިޔައީ،
ތާރީޚީ މުހިންމު އެއްޗެއްގެ ގޮތުގައި ބެލެވޭ މޭޒެއް ވަރަށް ކުޑަ އަގަކަށް ވިއްކާލާފައިވާ
ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.