ތިންވަނަ ފަރާތުގެ މަސްލަހަތު ހިމެނޭ ކަމަށް ބުނެ، އިހަވަންދިއްޕޮޅުގައި އޮފްޝޯ ބަންކަރިން ހިދުމަތް ދިނުމަށް ގެނައި ދެ ބޯޓަށް ދައްކާފައިވާ ފައިސާގެ އަދަދާއި، ވިޓޯލް އާ އެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމުގެ ދަށުން ދައްކާފައިވާ ފައިސާގެ އަދަދު ހާމަކުރަން އެސްޓީއޯ އިން ދެކޮޅު ހަދައިފި އެވެ.

އެސްޓީއޯ އިން މި މައުލޫމާތު ހާމަކުރަން ދެކޮޅު ހެދީ އެއީ "ތިންވަނަ ފަރާތެއްގެ މަސްލަހަތު ހިމެނިފައިވާ މައުލޫމާތުތަކެއް،" ކަމަށް ބުނެ އެވެ.

ރައީސް މުއިއްޒު ސަރުކާރުން މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއުގެ ދަށުން އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް އިހަވަންދިއްޕޮޅު ގައި ރަސްމީކޮށް 19 ސެޕްޓެމްބަރ 2024 ގައި ފަށާފައިވާކަމަށް ވަނީ ބުނެފަ އެވެ. އޭރު ހާމަކޮށްފައިވާ މައުލޫމާތައް ބަލާއިރު، އޮފްޝޯ ބަންކަރިން ހިދުމަތް ދެނީ ދެ ބޯޓާ އެކުގައި ކަމަށާއި، 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ ކަމަށް ބުނެފައިވެ އެވެ. އެ ދެބޯޓަކީ ޗާޓާ ކޮންސެޕްޓަށް ދެ އަހަރުގެ ތެރޭގައި އެއްކޮށް މިލްކުވާ ގޮތަށް ހޯދާފައިވާ ދެ ބޯޓް ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން ހަކަތައިގެ ވިޔަފާރިކުރާ ކުންފުނި ވިޓޯލްއާ އެކު 13 މާޗް 2024 ގައި ވަނީ އެސްޓީއޯ އިން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މިކަމާ ގުޅިގެން ރާއްޖެޓީވީން ހޯދަން އެދުނު މައުލޫމާތަކީ މިހާތަނަށް އެ ދެ ބޯޓަށް ކިހާ ފައިސާއެއް ދައްކައިފިތޯ؟ އާއި ދެ ބޯޓު މިލްކުވާ ތާރީޚަކީ ކޮބައިތޯ؟ އާއި މިލްކުވާއިރު ޖުމްލަ ކިހާ ފައިސާއެއް ދައްކާ ނިމޭނެތޯ؟ އާއި ވިޓޯލް އާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ދިވެހި ދައުލަތުން ކިހާ ފައިސާއެއް ދައްކައިފިތޯ؟ އެވެ.

ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް ވިދާޅުވެ، ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގަމުންދާ އެސްޓީއޯ އިން ބުނެފައިވަނީ އެއީ ދޫކުރެވިދާނެ މައުލޫމާތުތަކެއް ކަަމަށް ނުދެކޭ ކަމަށެވެ.

އެކިއެކި ސަބަބުތައް ދައްކައިގެން ރައްޔިތުންގެ ފައިސާ އަށް ވަމުންދާ ގޮތް ސިއްރުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާއިރު، ނަޒާހަތްތެރިކަން އިތުރުކުރުމާއި، ޖަވާބުދާރީކުރުވުމާއި، ދެފުށްފެންނަ އުސޫލުތަކުގެ މަތީގައި ދެމިތިބެ، އިޚުލާސްތެރިކަމާއެކު، އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށް، ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް ސިމްޕޯޒިއަމް ނިންމުމާއި، އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި މި ހިނގާ އޮގަސްޓް މަހުގެ ފަސްވަނަ ދުވަހު އުކުޅަހުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުން ދައުލަތުގެ މާލިއްޔަތަށް ދޫކޮށްލާ ކޮންމެ ޑޮލަރަކީވެސް އަދި ތަރައްޤީގެ ބައިވެރިން ދޭ ކޮންމެ ޑޮލަރަކީވެސް ކަނޑައެޅިފައިވާ މަގުސަދުގައި ހޭދަކުރެވޭ ފައިސާއަށް ވާންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ޒިންމާދާރުކަމާއެކު މާލީ ކަންކަން ބަލަހައްޓާ ދެފުށްފެންނަ އުސޫލުތައް ގެންގުޅެން ޖެހޭނެ ކަމަށް ވިދާޅުވެ، ޙަޤީޤީ ވިލުންތެރިކަމުގެ ބިންގަލަކީ ހަރުދަނާ މުއައްސަސާތައް ކަމަށާއި، ވިލުންތެރިކަން ދެމެހެއްޓެނީ ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރުންކަމުގައި ވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އެސްޓީއޯ އިން ބުނީ ހޯދަން އެދިފައިވާ މައުލޫމާތު ދޫކޮށްފިނަމަ ކުންފުނީގެ ވިޔަފާރިއަށް އެކަމުގެ ނޭދެވޭ އަސަރު ފޯރާނެ ކަމަށާއި، އެއީ ކުންފުނީގެ ސިއްރު މައުލޫމާތެއް ކަމަށެވެ.

ރާއްޖެޓީވީ އިން ބުނެފައިވަނީ، ރައްޔިތުންގެ ފައިސާ އިން ކުރެވޭ ޚަރަދުތަކަކީ ސިއްރުކުރެވޭނެ އެއްޗެއް ނޫން ކަމަށާއި، އަދި އެއީ ހާމަކުރަން ޖެހޭނެ އެއްޗެއް ކަމަށް ގަބޫލުކުރެވޭތީ އެސްޓީއޯ އިން ދިން ޖަވާބާ މެދު ހިތްހަމަ ނުޖެހޭ ކަމުގަ އެވެ. އަދި އެހެން ކަމުން ދީފައިވާ ޖަވާބު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އިސްތިއުނާފު ކުރާނެ ކަމުގަ އެވެ.