ރައްޔިތުންގެ މަޖިލިސް ހިންގަނީ ގާނޫނު އަސާސީގައި އޮތް ރޫހާ ހިލާފަށް ކަމަށާއި، މިއަދު މަޖިލީހުގައި އޮތީ ހިޓްލަރުގެ އުސޫލު ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލާ ހުށަހަޅާފައިވާ ޕެޓިޝަނަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަކީ ގާނޫނެއް ކަމަށާއި ކޮންމެ ދުވަހަކު އެއްފަހަރު އިސްލާހެއް ހުށަހަޅައިގެން ގާނޫނު ބަދަލުކުރާނަމަ އޭގެ އަގެއް ނުހުންނާނެ ކަމަށެެވެ. އަދި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ބޭނުން ނުވާ ގޮތަކަށް މަޖިލީހުގައި ކަމެއް ހިނގާނަމަ ގާނޫނާއި ގަވައިދު ދަނީ ބަދަލުކުރަމުން ކަމަށް މެންބަރު މީކާއިލް ވިދާޅުވި އެވެ.
އީ-ޕެޓިޝަން ނިޒާމެއް ގާއިމުކުރެވިގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކައިރިއަށް ދާން ނުޖެހި، ރައްޔިތުން ބޭނުންވާ ކަންކަން މަޖިލީހުގައި ބަހުސް ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ކަމަށް މީކާއިލް ވިދާޅުވި އެވެ. ނަމަވެސް މަޖިލީހުން މިހާރު ފާހަގަކުރެވެނީ ރައްޔިތުންގެ ފަރާތުން ހުށަހަޅާފައިވާ ބަހުސެއް ހުއްޓުވަން ސަރުކާރުން ކުރަމުންދާ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
މާދަމާ ވެސް އިއްޒަތްތެރި ރައީސް، މަޖިލީހުގައި ޕީއެންސީން ބޭނުންނުވާ ގޮތަކަށް ކަމެއް ހިނގާ ނަމަ ހަމަ އުސޫލު ބަދަލުކޮށް، ގާނޫނު ބަދަލުކޮށް، ގަވާއިދު ބަދަލުކޮށް، އަނެއް ދުވަހު އެކަން ނިންމާލާފައި އެކަން ކުރީ ގަވާއިދާ އެއްގޮތަށްށޭ ބުނީމަ އަޅުގަނޑަށް ހަމަ ހަދާން ވަނީ ނާޗީ ޖަރމަނީ، އިއްޒަތްތެރި ރައީސް ނާޗީ ޖަރމަނީގައި އޮތް ހިޓްލަރުގެ އުސޫލު އަޅުގަނޑުމެންނަށް މިހާރު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދާތަން މިފެންނަނީ، ހަމަ ކޮންމެ ކަމެއް ކުރަން ވީމަ ގަވާއިދު ބަދަލު ކޮށްލަނީމީކާއިލް އަހުމަދު ނަސީމް
އެއް މައްސަލައަކާއި ގުޅޭ ގޮތުން ދެ ޕެޓީޝަނެއް ހުށަހެޅޭ ގޮތަށް ގާނޫނު އިސްލާހު ކުރީ، ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އަނބުރާ ގެންދަން ގޮވާލާ ޕެޓިޝަނާއި ގުޅިގެންކަން ފާހަގަކުރައްވައި މީކާއިލް ވިދާޅުވީ މި ގާނޫނު އިސްލާހު ކުރީ ސަރުކާރުން ފައިސާ ދީގެން ގެންގުޅޭ ސޯޝަލް މީޑިއާ އެކްޓްވިސްޓުން ލައްވާ ޕީއެންސީން ޕެޓިޝަނެއް ހުށަހަޅަން ކަމަށެވެ.
މީގެއިތުރުން، މީކާއިލް ވަނީ 70 ވަރަކަށް މެންބަރުންނާއެކު ސުޕަރ މެޖޯރިޓީއެއް އޮތްއިރު، ރައްޔިތުން ހުށަހަޅާފައިވާ ޕެޓިޝަނެއް ޕީއެންސީއަށް ހަޖަމް ނުވެގެން އުޅެނީ ކީއްވެ ތޯ ސުވާލު އުފައްދަވާފައި އެވެ. އަދި ޕީއެންސީން ކުރަމުންދާ މިފަދަ ކޮންމެ ކަމަކަށް ރައްޔިތުން ދާނީ އިންތިހާބުތަކުން ޕީއެންސީއަށް ނަތިޖާ ދައްކަމުން ކަމަށް މީކާއިލް ވިދާޅުވި އެވެ.
އެއް މައްސަލައަކާ ގުޅޭގޮތުން އެއް ޕެޓިޝަނަށްވުރެ ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބަދަލުކުރަން މަޖިލީހުން ވަނީ 18 އޮގަސްޓުގައި ފާސްކޮށްފަ އެވެ.