ދިވެހިރާއްޖޭގެ
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު
މިހާރު އޮތްގޮތަށް ފާސްކޮށްދިނުމަށް ގޮވާލައި ތައްޔާރުކޮށްފައިވާ ޕެޓިޝަނަށް
10،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފި އެވެ.
ތުޅާދޫ
ދާއިރާގެ މެންބަރު އަބްދުލް ހައްނާން އަބޫބަކުރު ސްޕޮންސަރ ކުރައްވައި މަޖިލީހަށް ހުށަހަޅާފައިވާ
މި އިސްލާހަކީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް ސަރުކާރަށް
އަތުލެވޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހެކެވެ.
މި ޕެޓިޝަނަށް
ގިނަ އަދަދެއްގެ ސޮއި ލިބިފައިވާއިރު، މިއީ ސަރުކާރުގެ ވަޒީފާތަކުގައި ތިބި މީހުންނަށް
މަޖުބޫރުކޮށްގެން ހޯދާފައިވާ ސޮއިތަކެއް ކަމުގެ ބޮޑެތި ތުހުމަތުތަކެއް ވަނީ ފެންމަތިވެފަ
އެވެ. "ރާއްޖެ އެމްވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުގެ އެކި
އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށާއި އެ މީހުންގެ އާއިލާގެ މެންބަރުން
ލައްވައި މި ޕެޓިޝަނުގައި ސޮއިކުރުވުމަށް ދަނީ ޕްރެޝަރު ކުރަމުންނެވެ.
މިގޮތުން
އޮފީސްތަކުގެ ރަސްމީ ވަޓްސްއަޕް އަދި ވައިބަރ ގްރޫޕްތަކަށް ޕެޓިޝަނުގެ ލިންކް ފޮނުވައި،
ހުރިހާ މުވައްޒަފުން ސޮއިކުރުމަށް ދަނީ އަންގަމުންނެވެ.
މީގެ އިތުރުން،
އޮންލައިންކޮށް ސޮއިކުރުމުން ޕޯޓަލުން ސޮއި ބަލައިގަތްކަން ކަށަވަރުކޮށްދޭ "ސްކްރީންޝޮޓް"
އޮފީސްތަކުގެ އިސްވެރިންނަށް ފޮނުވަން މަޖުބޫރު ކުރަމުންދާ ކަމުގެ ޝަކުވާތައް ވެސް
ވަނީ އާންމުވެފަ އެވެ.
ސަރުކާރުން
އިސްވެ މި ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތް މި ފެށީ، މި އިސްލާހާ ދެކޮޅަށް އާންމުންގެ
ޖަމިއްޔާގެ ފައުންޑަރު މިދުއަމް ސައުދު ހުށަހެޅި ޕެޓިޝަނަށް ބޮޑު ތަރުހީބެއް ލިބެމުންދަނިކޮށެވެ.
އެ އިސްލާހު ބޭރުކޮށްލުމަށް ގޮވާލައި ހުށަހެޅި ޕެޓިޝަނަށް މިހާތަނަށް 2،300 އަށް ވުރެ
ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ.
ރައްޔިތުންގެ
މަޖިލީހުގެ އީ-ޕެޓިޝަން ގަވާއިދު ބުނާ ގޮތުން، މަދުވެގެން 2،100 ސޮއި ހަމަވާ ޕެޓިޝަންތަކަކީ
މަޖިލީހުން އެންމެ އިސްކަމެއް ދީގެން ބަލަންޖެހޭ މައްސަލަތަކެވެ. އަދި އެފަދަ ޕެޓިޝަނެއްގައިވާ
ކަންކަމާ ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން ޖެހޭނެ ކަމަށް ވެސް ގަވާއިދުގައި
ބަޔާންކޮށްފައިވެއެވެ.
ލާމަރުކަޒީ
ގާނޫނަށް ގެންނަން އުޅޭ މި ބަދަލާ ގުޅިގެން ކައުންސިލްތަކުގެ ބާރުތައް ކެނޑިގެންދާނެ
ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުންނާއި އާންމު ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ނަމަވެސް ސަރުކާރުން ދަނީ ނުފޫޒު ބޭނުންކޮށްގެން މި އިސްލާހަށް ރައްޔިތުންގެ ތާއީދު
އޮތްކަން ދެއްކުމަށް މަސައްކަތް ކުރަމުންނެވެ.