ސިނަމާލެ ބްރިޖާ ގުޅިފައިވާ ހައިވޭގައި
ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ލަމްބޮގިނީ މަރުކާގެ ކާރެއް ކޮންޓްރޯލުން ނެއްޓި ހިނގި
ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން، އެ ކާރު ދުއްވަން އިން މީހާގެ ޑްރައިވިންގ ލައިސަންސް
ފުލުހުން ހިފަހައްޓައިފި
އެވެ.

މި ހާދިސާގައި ކާރު ދުއްވަން އިނީ ބ.
ކަމަދޫ، މިއުނިކް، ހަސަން ރިފާއު ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ
2026 އޯގަސްޓް 21 ވީ ހުކުރު ދުވަހުގެ ހެނދުނު 08:42 ހާއިރު ކަމަށް ފުލުހުންގެ އިދާރާއިން
މައުލޫމާތުދެ އެވެ.

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ މި ކާރު ކޮންޓްރޯލުން ނެއްޓި، ހައިވޭގައި
ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހި ވަނީ ފުރޮޅާލާފަ އެވެ. މި ހާދިސާ ހިނގި ވަގުތު ކާރުގައި ހަސަން ރިފާއުގެ އިތުރުން
13 އަހަރުގެ ކުޑަކުއްޖަކު އިން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

މި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް
ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާއިރު، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް
ލިބިފައި ނުވާކަން ފުލުހުން ކަށަވަރުކޮށްދެ އެވެ. ނަމަވެސް، މި
ހާދިސާގައި ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.

ފުލުހުން ބުނީ ތަހުގީގަށް ބޭނުންވާ
މައުލޫމާތު އެއްކުރުމަށްފަހު، ކާރުގެ ބައިތައް މިހާރު އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ
ކަމަށެވެ.

މި އެކްސިޑެންޓާ ގުޅިގެން ގިނަ ބަޔަކު
ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް މީހުން ދިރިއުޅޭ ސަރަހައްދެއްގައި
މިފަދަ ބާރުގަދަ އަދި އަގުބޮޑު ކާރެއް ނުރައްކާތެރިކޮށް ދުއްވުމުން ފިޔަވަޅު އަޅާފައިވޭތޯ
ގިނަ ބަޔަކު ސުވާލު އުފައްދަމުން ދަނިކޮށް، ފުލުހުން ވަނީ ހަސަން ރިފާއުގެ ލައިސަންސް
ހިފަހައްޓާފައިވާކަން ހާމަކޮށްފަ އެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު
ކުރަމުންދާއިރު، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމަށާއި ކަނޑައެޅިފައިވާ
ދުވެއްޔަށްވުރެ ބާރަށް އުޅަނދުތައް ނުދުއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.