ދ.ކުޑަހުވަދޫ ރަށް ގިރުމުގެ މައްސަލަ އަށް ހައްލު ހޯދުމަށް ސަރުކާރުން
ކުރަމުންދާ މަސައްކަތު ތަފްސީލަށް އެދި ފޮނުވި ސިޓީގެ ޖަވާބު އަދިވެސް ނުލިބޭ ކަމަށް
ކުޑަހުވަދޫ ކައުންސިލުގެ ރައީސް މުހައްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުގައި މުހައްމަދު ސަލީމް ވިދާޅުވީ ކުޑަހުވަދޫގެ ރަށްގިރަމުންދާ
ހިސާބަކީ މީގެ ކުރިން ބޮޑު ބީޗެއް އޮތް ހިސާބެއް ކަމަށެވެ. އަދި މި
ބީޗުގައި ޖިއޯ ބޭގް ޖަހައިގެން އެތަން ހިމާޔަތް ކޮށްދިނުމަށް ސަރުކާރުގައި އެދިފައިވާނެ ކަމަށާއި އެގޮތަށް އެދި ފޮނުވި ސިޓީއަށް އެއްވެސް ޖަވާބެއް މިހާތަނަށް ލިބިފައި ނުވާކަމަށް
އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެން ކައުންސިލާ ހަވާލުވެފަ ކުރި އެންމެ ފުރަތަމަ އެއް
ކަމަކީ މިތަން ހިމާޔަތް ކުރުމަށް ސިޓީއެއް ފޮނުވީ. މިއަދާ ހަމަޔަށް އެ ސިޓީގެ
ޖަވާބެއް އަޅުގަނޑުމެންނަކަށް ނުލިބޭ
މުހައްމަދު ސަލީމް

މުހައްމަދު ސަލީމް ވިދާޅުވީ ކުރީގެ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ރަށް
ގިރުމުގެ މައްސަލަ ބައްލަވާލެއްވުމަށް ކުޑަހުވަދޫއަށް ވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އޭގެ ފަހުން ވެސް
މި މައްސަލައަށް ހައްލެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުހައްމަދު ސަލީމް ވިދާޅުވީ ކައުންސިލުތަކުގެ ބިންތައް ސަރުކާރަށް އަތުލެވޭ ގޮތަށް
ގާނޫނަށް އިސްލާހު ގެނެވޭއިރު މިފަދަ ކުދި މަސައްކަތްތައް ވެސް ހައްލު ކުރުމަށް
ސަރުކާރު ނުކުޅެދިފައިވާ ކަމަށެވެ.

އަދި ސަރުކާރުގެ އެހީ ނުލިބުމުގެ ސަބަބުން ކައުންސިލުގެ ފަރާތުން އެ ބީޗު ހިމާޔަތް
ކުރުމުށް ކުރެވުނު އެންމެހާ މަސައްކަތެއް ކުރަމުންދާ ކަމަށް ސަލީމް ވިދާޅުވި އެވެ.

ކުޑަހުވަދޫގެ އެ ބީޗު ރީތިކޮށް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވައި މުހައްމަދު ސަލީމް
ވިދާޅުވީ އެ ސަރަހައްދަކީ އެތައް ބަޔަކު ރާޅާ އަޅާ އަދި ގިނަ އަދަދެއްގެ ސަފާރީތައް އަންނަ ސަރަހައްދެއް ކަމަށެވެ.

ކުޑަހުވަދޫގައި ރަށް ގިރަމުންދާ ހިސާބަކީ މީގެ އެއް ދައުރު ކުރީގެ
ކައުންސިލުން ހަދާފައިވާ ބޮޑު ބީޗެކެވެ. ނަމަވެސް އެދެވޭ ފިޔަވަޅުތަކެއް ނޭޅުމުގެ
ސަބަބުން މި ބީޗުގެ ވަރަށް ބޮޑު ބައެއް ވަނީ މިހާރު ގިރައިގެން ގޮސްފަ އެވެ.