އެކަހެރިކޮށް އޮންނަ ހދ. މަކުނުދޫގައި އަޅަން ފެށި އެއަރޕޯޓުގެ އަމަލީ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައިވާތީ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު ރާއީ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ރާއްޖެޓީވީގެ "ވައުދުނާމާ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރާއީ ވިދާޅުވީ، މަކުނުދުއަކީ އެކަހެރިކޮށް އޮންނަ، ދަތުރުފަތުރު ކުރުމުގައި ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާންޖެހޭ ރަށެއް ކަމަށެވެ.

އެހެންކަމުން އެ ރަށުގައި އެއަރޕޯޓެއް އެޅުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށާއި، ނިމިދިޔަ އެމްޑީޕީ ސަރުކާރު ނިމުނުއިރު އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި އެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދެވުނު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ރާއީ ވިދާޅުވީ ސަރުކާރު ބަދަލުވުމަށްފަހު އެ މަޝްރޫއު ކުރިއަށް ނުގޮސް ހުއްޓިފައިވާ ކަމަށެވެ.

އެއަށްފަހު އެ އޮތީ ޕްރޮޖެކްޓް ހުއްޓިފައި. އެ ޕްރޮޖެކްޓުގެ މަސައްކަތެއް ނުދޭ ކުރިއަކަށް. ދޭތެރެއަކުން ހާވާލާނެ. އަނެއްކާވެސް އެހެން އޮންނާނެ. ރައްޔިތުން ކަންބޮޑުވުން ކުޑަކޮށް ފާޅުކޮށްލީމާ ކޮންމެވެސް ވަރަކަށް ކުރާނެ
މުހައްމަދު ރާއީ

މީގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތެރޭގައި އެއާޕޯޓުގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އެ މަސައްކަތް ކުރިއަށް ނުދާކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކްރޮސް ސަބްސިޑީ އުސޫލުން ހަވާލުކުރީ މަސް ބޭރުކުރުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ބިގް ފިޝް ކުންފުންޏާ އެވެ. ބިން ހިއްކާފައިވަނީ އެ ރަށުގެ ދެކުނު ބިތުން ފެށިގެން އެއް ފަޅެއްގެ ތެރޭގައި އޮންނަ ހުރައާ ދެމެދު އެވެ.

އެމްޓީސީސީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 1،800 މީޓަރުގެ ދިގު ރަންވޭއެއް އެޅޭ މިންވަރަށް ބިން ހިއްކުމުގެ އިތުރުން، އިޖުތިމާއީ ބޭނުންތަކަށް އިތުރު 22 ހެކްޓަރުގެ ބިން ހިއްކާފައިވެ އެވެ. މަކުނުދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާފައިވާއިރު، ޝޯރ ޕްރޮޓެކްޝަންގެ މަސައްކަތް އެމްޓީސީސީން ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އެއާޕޯޓް ނިމުމުން އެތަން ހިންގުން ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އެމްއޭސީއެލްއާ އެވެ.