ސިނަމާލެ ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ލަމްބޮގިނީ ކާރެއް ކޮންޓްރޯލުން ނެއްޓި އެތަނުގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަދި އެއްވެސް މީހަކަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ. 

ބާރު ސްޕީޑްގައި ދުއްވާފަ ދިޔަ ލަމްބޯގިނީ ކާރެއް ކޮންޓްރޯލުން ނެއްޓި ހިނގި އެކްސިޑެންޓާއި ގުޅިގެން އެއްވެސް މީހަކަށް ފިޔަވަޅު އަޅާފައި ވާނެތޯ ރާއްޖެއެމްވީން ފުލުހުންނާ ސުވާލު ކުރުމުން ބުނެފައިވަނީ އަދި އެއްވެސް މީހަކަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ. 

ފުލުހުން ބުނީ މި އެކްސިޑެންޓާ ގުޅިގެން މިވަގުތު އެއްވެސް އަޕްޑޭޓްއެއް ނެތް ކަމަށެވެ. 

މި ހާދިސާއަކީ 21 އޮގަސްޓް 2026 ވީ ހުކުރު ދުވަހު ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހި ހިނގާފައިވާ އެކްސިޑެންޓެކެވެ. މި އެކްސިޑެންޓުގައި ހޮޅިދަނޑިތަކުގައި ޖެހި ކާރު ވަނީ ފުރޮޅާލާފަ އެވެ. 

ކާރުގައި ބޮޑު މީހަކާއި ކުޑަކުއްޖަކު ތިބި އިރު، އެ ދެ މީހުންނަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދީފައިވެ އެވެ. ފުލުހުން ބުނީ، މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ކާރަށާއި ސޯލާ ޕެނަލްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.