ކަޅު ބާޒާރުގައި ޑޮލަރުގެ އަގުތަކުގެ ވާހަކަދައްކާ މީހުން ޖޫރިމަނާކޮށް އަދަބު ދިނުމަކީ އެ މައްސަލައަށް އޮތް ހައްލެއް ނޫން ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.  

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ ޑޮޮލަރުގެ ރޭޓަށް ނުވަތަ އިގުތިސާދަށް އަންނަ ބަދަލުތަކާއި ގުޅިގެން ރައްޔިތުންނަށް އަދަބު ލިބޭ ގޮތަށް، ގާނޫނޫ ފާސްކުރުމަކީ އާންމުކޮށް ގައުމުތަކުގައި ކޮށް އުޅޭ ކަންކަމެއް ނޫން ކަމަށާއި މި މައްސަލައަކީ ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅިފައި އޮތް މައްސަލައެއް ކަމަށެވެ. 

އާންމު ދިރިއުޅުމާއި ތަކެތީގެ އަގު ގުޅިފައި ވަނީ ޑޮލަރުގެ ރޭޓަށް ކަމަށް އަމްރު ވިދާޅުވި އެވެ. އެހެންކަމުން ޑޮލަރުގެ ރޭޓަށް އަންނަ ކޮންމެ ބަދަލަކުން ރައްޔިތުންގެ ޖީބުން އިތުރަށް ފައިސާ ހަރަދު ކުރަން ޖެހޭ ކަމަށް އަމްރު ވިދާޅުވި އެވެ. އަދި ޑޮލަރުގެ އަގު މައްޗަށް ދާ ސަބަބު ސަރުކާރަށް އެނގޭނެ ކަމަށާއި، އެކަމަށް ހައްލު ނުހޯދައި، ޑޮލަރުގެ އަގު މައްޗަށް ދާ ވާހަކަ ދައްކާ މީހުންނަށް އަދަބު ދިނުމަކީ ހައްލެއް ނޫން ކަމަށް އަމްރު ވިދާޅުވި އެވެ. 

މިކަހަލަ ކަންތައްތަކުގައި އަޅުގަނޑަށް ސިފަ ވަނީ މޫސުން ކަމުނުދިޔާމައި މޫސުން ރިޕޯޓުކުރުން މަނާކުރުން. ބަރުދަން ކަމު ނުދިޔާމާއި ކައްޓާ އެއްލާލުން. ނޫނީއާ ހުން އައިމަ ތަރމޯ މީޓަރުގައި އަތް އަޅާ އެ ފޮރުވުން. އަލިފާން ރަނގަބިލު މިސާލަކަށް އަޅަން ފެށީމައި، އޭގެ ބެޓެރީ ނަގާފައި އެއްލާލުން. މިހާރު އެޔަކުން ހައްލެއް ނުލިބި، މައްސަލަ އޮތްގޮތަށް އެބައޮތް، އަމިއްލަ ނަފްސަށް އޮޅުވާލަން އެ ފޮރުވެނީ 
ހުސައިން އަމްރު

ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމަކީ މަނާ ކަމެއް ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އެސްއޯއީތައް ކަޅު ބާޒާރުން ޑޮލަރު ބައްލަވައިގަންނަވާ ކަމަށް ވިދާޅުވެފައިވާކަން ފާހަގަކުރައްވައި އަމްރު ވިދާޅުވީ، ރައްޔިތުން ބޮޑެތި އަގުތަކުން ޖޫރިމަނާކޮށް ޑޮލަރު އަގުގެ ވާހަކަ ދެއްކުން މަނާކުރުމުން، ދެން ކަޅު ބާޒާރުގެ ވިޔަފާރި ދާނީ "އަންޑަރގްރައުންޑް" އަށް ކަމަށެވެ. މީގެ ސަބަބުން ކުރިއަށް ވުރެ ޑޮލަރުގެ އަގު ބޮޑުވެގެން ދާނެ ކަމަށް އަމްރު ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އިން ވަނީ، ބޭރު ފައިސާއާ ބެހޭ ބިލަށް، އެއްވެސް ފަރާތަކުން ބޭރު ފައިސާ ގަނެވިއްކުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރޭޓުގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ އަގެއްގައި ބޭރު ފައިސާ ގަނެ ވިއްކުން އިސްތިހާރުކޮށް ނުވަތަ އެކަމަށް ހިތްވަރު ދީ، ފެތުުރުމަށް ޑިޖިޓަލް ވަސީލަތްތައް ނުވަތަ އެ ނޫން ވެސް އެހެން ގޮތަކުން އާންމުކޮށް އެނގޭނެ ގޮތަކަށް އެފަދަ މައުލޫމާތު ހާމަކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް އިސްލަހު ހުށަހަޅާފައި އެވެ.