ވިލިމާލޭގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ސާފުތާހިރުކަން ކުޑަކޮށް، ބިންމަތީގައި ސަތަރި އަޅައިގެން ވަޅޯމަސް ހިއްކަމުންދިޔަ މައްސަލައެއް ބަލައި، އެކަންކަން އިސްލާހުކުރުމަށް މާލޭ ސިޓީ ކައުންސިލް އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގުޅިގެން އަންގައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނި ގޮތުގައި، މި މައްސަލަ ފާހަގަކުރެވުނީ އެ ކައުންސިލުގެ ވިލިމާލެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ މުވައްޒަފުން ރަށުތެރެ ޕެޓްރޯލްކޮށް ބަލަހައްޓަމުން ދިއުމުގެ ތެރޭގަ އެވެ.
އެގޮތުން، ވިލިމާލޭ އިންޑަސްޓްރިއަލް ޒޯނުގައި ވަޅޯމަސް ތައްޔާރުކުރާ ބައެއް ފަރާތްތަކުން ސާފުތާހިރުކަން ކުޑަކޮށް، ބިންމަތީގައި ސަތަރިއަޅައިގެން އެ މަތީގައި މަސް ހިއްކަން ބަހައްޓާފައިވާކަން މުވައްޒަފުންނަށް ފާހަގަކުރެވުނު ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މި މައްސަލަ ފާހަގަވުމުން، އެކަން އެމްއެފްޑީއޭ އަށް ރަސްމީކޮށް ހުށަހެޅި ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ. އަދި އެމްއެފްޑީއޭ އާއި ވިލިމާލެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓް ގުޅިގެން ވަނީ އެ ސަރަހައްދުގައި އެގޮތަށް ހުރި ތަންތަން އިންސްޕެކްޓްކޮށް، އެކަންކަން އިސްލާހުކުރުމަށް އެ ފަރާތްތަކަށް އަންގާފަ އެވެ.
ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރުކޮށް ގެންގުޅުމަކީ މަނާކަމެއްކަމަށް ވާތީ، ވިލިމާލޭގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ވަޅޯމަސް ތައްޔާރުކުރާ ފަރާތްތަކުން މިކަން މިގޮތަށް ނުކުރުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.