ޓައުންޝިޕް މަޝްރޫއުގެ ސަބަބުން ބޭރުގެ ނުފޫޒުގަދަ ގައުމުތަކަށް
ދިވެހިރާއްޖެ ފަދަ ކުޑަ ގައުމަކަށް ބޭނުން ގޮތަކަށް ނުފޫޒު ފޯރުވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ
ދާއިރާގެ ކުރީގެ މެންބަރު އަލްއުސްތާޛު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން
ވިދާޅުވީ، ޓައުންޝިޕް މަޝްރޫއު ކުރިޔަށް ގެންދާނީ ދުނިޔޭގެ އެންމެ ނަން މަޝްހޫރު
އެންމެ ނުފޫޒު ގަދަ މީހުންނާއި ގައުމުތަކުން ކަމަށެވެ. މިގޮތުން އެމެރިކާ ފަދަ
ބޮޑެތި ގައުމުތަކުން މި މަޝްރޫއު ހިންގާނަމަ ރާއްޖެއަށް ސިޔާސީ ގޮތުން ނުފޫޒު
ފޯރުވުމަކީ އެމީހުންނަށް އެއްވެސް ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ޓައުންޝިޕް ބިލްޑު ކުރާނީ ދުނިޔޭގެ ނިސްބަތުން އެންމެ ޓޮޕް ލެވެލް
އެންމެ ފައިސާ ގިނަ ނުފޫޒު ގަދަ މީހުން. ވަކިން ހާއްސަކޮށް އެމެރިކާ ފަދަ ބޮޑެތި
ގައުމުތަކުން ދިވެހިރާއްޖެ ކަހަލަ ކުޑަކުޑަ ގައުމަކަށް އެމީހުންނަށް ނުފޫޒު
ފޯރުވާލާކަށް އެއްވެސް ކަމެއް ނޫން. ބޭނުން ކަމެއް ސިޔާސީ ގޮތުން އެމީހުންނަށް
ކުރެވޭނެ
އަލީ ހުސެއިން

ޓައުންޝިޕްގެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް އެއްވެސް މަންފާ
އެއް ނުވާނެކަމަށް ފާހަގަކުރައްވާ އަލީ ހުސެއިން ވިދާޅުވީ ޓައުންޝިޕް މަޝްރޫއަށް
ބޭނުންވާ ހުރިހާ އިންވެސްޓްމެންޓެއް އަންނަނީ ބޭރުގެ ފަރާތްތަކުން ކަމަށެވެ. ހަމައެއާއެކު
މި މަޝްރޫއުގެ ސަބަބުން ދިވެހި ރައްޔިތުންގެ ގައުމީވަންތަ ސިފަތަކާއި
އާދަކާދަތަށް އަދި މިނިވަންކަން ގެއްލިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ހުސެއިން ވިދާޅުވީ އެސްއީޒެޑްގެ ގާނޫނުގައި ދައުލަތުން ޓައުންޝިޕްގައި
ދިރިއުޅޭ ބޭރު މީހުންގެ އަތުން ޓެކްސް ނެގުމަށް ހަމަޖެހިފައިވަނީ އަށް އަހަރާއި
ދިހަ އަހަރަށް ފަހު ކަމަށެވެ. އަދި މި މަޝްރޫއަށް ބޭނުންވާ ތަކެތި އެތެރެކުރާ އިރު
ކުންފުނިތަކުން އިންޕޯޓް ޓެކްސް ދައްކަން ނުޖެހޭ ކަމަށް އަލީ ހުސެއިން ވިދާޅުވި
އެވެ.

އެސްއީޒެޑްގެ ގާނުނަށް އަދި ޓުއަރިޒަމް ގާނޫނަށް ބެލިޔަސް ތަނެއް
އިމާރާތްކުރާ އިރުގައި އެ ތަނަށް ގެންނަ ހުރިހާ މެޓީރިއަލް އެއް މި ގެންނަނީ
އިންޕޯޓް ޑިއުޓީ ފްރީކޮށް. އަޅުގަނޑުމެން ގެސްޓް ހައުސް އަޅާ އިރު ގެސްޓް ހައުސް
އަޅާ ހުރިހާ އެއްޗަކުން ދައުލަތުށް 25 ޕަސެންޓް ޓެކްސް ދައްކައިގެން. ފުރަތަމަ
އެސްއީޒެޑް ގަނޫނު އޮތްގޮތުން އަށެއް ނުވަތަ ދިހަ އަހަރު ދުވަސް ވަންދެން ޖީއެސްޓީ
އަދި ޓީޖީއެސްޓީ ދައްކާކަށް ނުޖެހޭ
އަލީ ހުސެއިން

މިހެންކަމުން މި ބިލާ ދެކޮޅަށް ރައްޔިތުން އަޑުއުފުލަން އަލީ ހުސެއިން ވަނީ
ގޮވާލައްވާފަ އެވެ. އަދި މި ބިލު މިގޮތަށް ފާސް ވެއްޖެނަމަ ވިއްކާލާފައިވާ ބިންތަށް
ރައްޔިތުންނަށް އަނބުރާ ހޯދޭނެ އެއްވެސް ގޮތެއް ނޯންނާނެކަމުގެ ކަންބޮޑުވުން އޭނާ
ވަނީ ފާޅުކުރައްވާފަ އެވެ.

ނ. އަތޮޅު
ދިގުފަރާއި ދެކުނުފަރު 262 ކޮޓަރީގެ އަލްޓްރާ ލަގްޒަރީ ޓޫރިސްޓު ރިސޯޓެއްގެ
ގޮތުގައި ޕްރޮޖެކްޓު އައިލާގެ ނަމުގައި ތަރައްޤީ ކުރުމަށް ކުއްޔަށް
ދޫކޮށްފައިވާއިރު، ރިސޯޓު ހެދުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ކުރިޔަށް
ދަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެސްއީޒެޑުގެ ޤާނޫނަށް
ކުއްލިޔަކަށް ބަދަލު ގެނެސް ސަސްޓެއިނަބަލް ޓައުންޝިޕް ނަމުގައި އައު ގިންތިއެއް
ތައާރަފްކޮށް މި ރިސޯޓު ޕްރޮޖެކްޓަށް އެސްއީޒެޑްގެ ދަރަޖަ ވަނީ ދީފައި އެވެ.
މިކަމުގެ ސަބަބުން އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް
ފާޑުކިޔަމުންނެވެ.