ދުނިޔޭގެ އެކި ގައުމުތަކުގެ އަޑުފަށްގަނޑު ގެ މިންވަރު ބަލައި "ގޯ2އެފްރިކާ" އިން ކުރިއަށްގެންދިޔަ ދިރާސާއެއްގައި، ދުނިޔޭގެ އެންމެ އަޑުފަށްގަނޑު ގަދަ ގައުމުތަކުގެ ތެރޭގައި ސިންގަޕޫރާއި ދިވެހިރާއްޖެ ހިމެނިއްޖެ އެވެ.

"ނޮއިސް-ފްރީ ނޭޝަންސް އިންޑެކްސް" ގައި ބަޔާންކޮށްފައިވާ ގޮތުގައި، 100 އަކުން މާކްސް ދީގެން ތައްޔާރުކުރި "ކުއައިޓް ސްކޯ" ނުވަތަ ހިމޭންކަމުގެ މިންގަނޑުން 6.78 އާއި 18.13 އާ ދެމެދުގެ ދަށް ނަތީޖާއެއް ލިބިފައިވަނީ ދުނިޔޭގެ އެންމެ އަޑުގަދަ ފަސް ގައުމަށެވެ. މި މިންގަނޑުގައި ސްކޯ ދަށްވާ ވަރަކަށް އެއީ އަޑުގަދަ ގައުމެއްގެ ގޮތުގައި ބަލާއިރު، ސްކޯ މަތިވާ ވަރަކަށް އެއީ ހިމޭން އަދި އަމާން މާހައުލެއް އޮތް ގައުމެއްގެ ގޮތުގައި ބެލެވެ އެވެ.

މި ދިރާސާގައި 6.78 ގެ ސްކޯއަކާއެކު ދުނިޔޭގެ އެންމެ އަޑުފަށްގަނޑު ގަދަ ގައުމުގެ ގޮތުގައި ސިންގަޕޫރު ލިސްޓުގެ އެއްވަނައިގައި އޮތްއިރު، 8.48 ގެ ސްކޯއަކާއެކު ދެވަނައިގައި އޮތީ ދިވެހިރާއްޖެ އެވެ.

ޓްރެވަލް އެޖެންސީއެއް ކަމަށްވާ "ގޯ2އެފްރިކާ" އިން އެކުލަވައިލި މި އިންޑެކްސްގައި ގައުމުތައް ރޭންކުކޮށްފައިވަނީ އަޑުގަދަވުމާ ގުޅުންހުރި އެކި ކަންކަމަށް ބަލައިގެންނެވެ. އޭގެ ތެރޭގައި އާބާދީގެ ތޮއްޖެހުމާއި، ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރާއި، އަވަށްތަކާއި ހުސްބިންތައް ހުރި މިންވަރާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ އިތުރުން، އެއްގަމު އުޅަނދުފަހަރު ގެންގުޅޭ މިންވަރާއި ޓްރެފިކްގެ ހާލަތު ހިމެނެ އެވެ.

މި އިންޑެކްސްގައި ކޮންމެ ގައުމަކަށް ވެސް 100 އަކުން ސްކޯއެއް ދީފައިވާއިރު، މަތީ ސްކޯއެއް ލިބިފައިވާ ގައުމުތަކަކީ ހިމޭން އަދި އަމާން މަންޒިލްތަކެވެ.

ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ސިންގަޕޫރު މި ލިސްޓުގެ ކުރީގައި އުޅެނީ އެ ގައުމުގެ ބިމުގެ ނިސްބަތުން އަވަށްތަކާއި ހުސްބިންތައް މަދުވުމުގެ ސަބަބުންނެވެ. އެގޮތުން ސިންގަޕޫރުގެ މުޅި ބިމުގެ އެންމެ 30 އިންސައްތައަކީ ހުސްބިންތައް ކަމަށްވުމުން، ހިމޭން މާހައުލެއް ހޯދުމަކީ އެ ގައުމުގައި ދަތި ކަމެކެވެ. މީގެ އިތުރުން، އެ ގައުމުގެ ދަތުރުފަތުރުގެ ނިޒާމު ވަރަށް ބޮޑަށް ތަރައްގީވެފައިވުމާއި، އުޅަނދުފަހަރު ގިނަވުމާއި، އެއާޕޯޓްގެ ޓްރެފިކާއި ރޭލު ދަތުރުތައް ގިނަވުމަކީ ވެސް އެ ގައުމު އަޑުގަދަވުމަށް ދިމާވާ ސަބަބުތަކެވެ.

ދިވެހިރާއްޖެއަށް 8.48 ގެ ސްކޯއެއް ލިބި، ހީނުކުރާ ފަދަ ދަށް ރޭންކެއްގައި އޮތީ މައިގަނޑު ގޮތެއްގައި ވެރިރަށް މާލޭގެ އާބާދީ އިންތިހާއަށް ތޮއްޖެހިފައިވުމުގެ ސަބަބުންނެވެ. ރާއްޖޭގެ އެކަހެރި ރަށްތަކުގައި ހިމޭންކަން އޮތް ނަމަވެސް، މާލޭގެ ތޮއްޖެހުމުގެ ސަބަބުން މުޅި ރާއްޖޭގެ ރޭންކިންއަށް ވަނީ އޭގެ ނޭދެވޭ އަސަރުކޮށްފަ އެވެ.

އެންމެ އަޑުގަދަ ފަސް ގައުމުގެ ތެރެއިން ތިންވަނައިގައި 10.12 ގެ ސްކޯއަކާއެކު ބާބަޑޯސް އޮތްއިރު، ހަތަރުވަނައިގައި 15.45 ގެ ސްކޯއަކާއެކު އޮތީ ގަތަރެވެ. އަދި 18.13 ގެ ސްކޯއަކާއެކު ފަސްވަނައިގައި އޮތީ ލުބުނާން އެވެ.

ދުނިޔޭގެ އެންމެ ހިމޭން ގައުމުތަކުގެ ލިސްޓަށް ބަލާއިރު، މި ލިސްޓުގެ ކުރީގައި އުޅެނީ އޭޝިއާގެ ގައުމުތަކެވެ.

މިގޮތުން 89.44 ގެ މަތީ ސްކޯއަކާއެކު ދުނިޔޭގެ އެންމެ ހިމޭން ގައުމުގެ މަގާމު ހޯދާފައިވަނީ ބޫޓާނެވެ. ބޫޓާނަށް މި މަގާމު ލިބުނީ އެ ގައުމުގައި އޮތް ގުދުރަތީ މާހައުލާއި، ޖަންގަލިތަކުން ފުރިފައިވާ ފަރުބަދަތަކާއި ވާދީތައް ހިމެނޭ 39,000 އަކަ ކިލޯމީޓަރުގެ ބޮޑު ސަރަހައްދެއްގެ ސަބަބުންނެވެ.

މީގެ އިތުރުން، ބޫޓާނުން ފަތުރުވެރިންގެ އަތުން "ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ފީ" އެއް ނަގައިގެން ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު ކޮންޓްރޯލް ކުރެ އެވެ. މީގެ ސަބަބުން ތިމާވެށި ހިމާޔަތްކުރުމަށާއި އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށް މަގުފަހިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

"ބޫޓާނުގެ ބޮޑު ސަރަހައްދެއްގައި ޖަންގަލިތަކާއި، ފަރުބަދަތަކާއި، ދަނޑުބިންތަކުގެ އިތުރުން މީހުން މަދުން ދިރިއުޅޭ އުސްބިންތައް ހުރުމާއި، ގިނަ ސަރަހައްދުތަކަކީ ހިމާޔަތްކޮށްފައިވާ ތަންތަނަށް ވުމުން އެ ގައުމަށް ވަނީ ވަރަށް މަތީ ރޭންކެއް ލިބިފައި،" ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.

މި ލިސްޓުގެ ދެވަނައިގައި 86.69 ގެ ސްކޯއަކާއެކު އޮތީ ނެމީބިއާ އެވެ. އެ ގައުމުގެ ކޮންމެ އަކަ ކިލޯމީޓަރަކަށް ޖެހެނީ އެންމެ 3.83 ރައްޔިތުންނާއި 0.67 ފަތުރުވެރިން ކަމަށްވުމުން، އެއީ އާބާދީއާއި ފަތުރުވެރިން އެންމެ މަދުން ތޮއްޖެހިފައިވާ އެއް ގައުމެވެ. އަދި ދުނިޔޭގެ އެންމެ ދުވަސްވީ އެއް ސަހަރާ ކަމަށްވާ ނެމީބް ސަހަރާ އޮންނަނީ ވެސް އެ ގައުމުގަ އެވެ.

"ނޮއިސް-ފްރީ ނޭޝަންސް އިންޑެކްސް" ދައްކާގޮތުން ޔޫރަޕްގެ އެންމެ ހިމޭން ގައުމަކީ އެސްޓޯނިއާ އެވެ. ނަމަވެސް ދުނިޔޭގެ ފެންވަރުގައި އެސްޓޯނިއާ އޮތީ 34 ވަނައިގަ އެވެ.