ދ. ކުޑަހުވަދޫ މަގު ހެދުމުގެ މަސައްކަތް ހުއްޓި، އެތަނުގައި ހުރި 7 އިންޗި އުސްމިނުގެ ޖަންކްޝަންތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައި ވާތީ އެކަމުގެ ކަންބޮޑުވުން ކުޑަހުވަދޫ ކައުންސިލުން ފާޅުކޮށްފި އެވެ. 

ކުޑަހުވަދޫ ކައުންސިލްގެ ރައީސް މުހައްމަދު ސަލީމް ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މަގުހެދުމުގެ މަޝްރޫއުއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު 2023 ވަނަ އަހަރު ޑިސެންބަރު މަހުގެ ތެރޭގައި އަލުން މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން ކުޑަހުވަދޫގައި ވެސް ފަށާފައިވާ މަޝްރޫއުއެއް ކަމަށެވެ. އަދި އޭރު މަޝްރޫއު ފެށިގޮތަށް މަސައްކަތް ކުރިއަށް ދިޔަކަމަށް މުހައްމަދު ސަލީމް ވިދާޅުވި އެވެ. 

ނަމަވެސް މިދިޔަ މާރޗް މަހުގެ ތެރޭގައި އޭބީސީ ލޭޔާރ އެޅުމަށް މަގުތައް ކޮނެ، ވެލިގަނޑު ނެގުމަަށް ފަހު، އިތުރަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް މުހައްމަދު ސަލީމް ވިދާޅުވި އެވެ. މިކަމުުގެ ސަބަބުން ކާނުތަކާއި ޖަންކްޝަންތައް އުސްކޮށް ހުރުމުން، އެމްބިއުލާންސަށް އެ މަގުތަކުން ނުދެވި، އާންމު ރައްޔިތުންނަށް ތަކުލީފާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މި ކާނު މިހެން ހުންނާތީ އެމްބިއުލާންސް ވެސް ނުވަދެވޭ ބައިވަރު މަގުތައް އެބަހުރި، މީހުންގެ ސައިކަލު އެއްޗެހީގައި މީގެ ކައިރީގައި އަޅައިގަނެގެން މީހުންގެ ސައިކަލު އެއްޗެހި ފުރޮޅު ފަޅައިގެން ދޭ، ކާރު ފުރޮޅު ފަޅައިގެން ދޭ، ކާރުގެ ބޮނެޓު ނެއްޓިގެން އެބަ ދޭ މިކަހަލަ ބައިވަރު ގެއްލުންތައް ވެފަ ހުރީ. އަދި އޭގެ އިތުރަށް ވިއްސާރަ މޫސުމުގައި މިމަގުތަކުގައި ފެން ހެދިގެން ގޮސް މިކާނުތަކުގެ މައްޗައް ފެން ހެދި، ބައެއް މީހުންނަށް އަނިޔާވެފައި އެބަހުރި 
މުހައްމަދު ސަލީމް

މަގުތައް މިފަދަ ހާލެއްގައި އޮތްއިރު މިއަދާ ހަމައަށް ވެސް، ކުޑަހުވަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ހުސައިން ހަމީދުގެ ގެ ހުންނަ މަގު ނޫން އެހެން މަގެއްގައި އޭބީސީ ލޭޔާރ އަޅާފައި ނުވާ ކަމަށް މުހައްމަދު ސަލީމް ވިދާޅުވި އެވެ. އަދި އެއްވެސް މަގެއްގައި ތާރުއެޅުމުގެ މަސައްކަތް ހަތަރު މަހަށް ވުރެ ގިނަ ދުވަސްވީއިރު ފަށާފައިނުވާ ކަމަށް ވިދާޅުވި އެވެ. 

މި މަޝްރޫއުއަކީ ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ސަބް ކޮންޓްރެކްޓަރަކާއި ހަވާލުކޮށްގެން ހިންގާ މަޝްރޫއުއެކެވެ. 

މި މަޝްރޫއު ހުއްޓިފައިވާތީ ކުޑަހުވަދޫ ކައުންސިލުން އާރުޑީސީއާ ވާހަކަ ދައްކާފައި ވާނެ ކަމަށް ކައުންސިލްގެ ރައީސް މުހައްމަދު ސަލީމް ވިދާޅުވި އެވެ. 

މި ޕްރޮޖެކްޓް ހިނގާ ކަމަށް އެބޭފުޅުން އެބަ ވިދާޅުވޭ، ބޭނުންވާ ތަކެތި ލިބުމުގައި ލަސްކަމެއް އުޅޭ ކަމަށް އެބޭފުޅުން އެބަ ވިދާޅުވޭ، އެކަމަކު ނުރަސްމީކޮށް ވާހަކަ ދައްކާލީމަ ބައެއް ބޭފުޅުން އެބަ ވިދާޅުވޭ މި ޕްރޮޖެކްޓްއަށް ވާ ފައިސާ ސަރުކާރުން ނުލިބިގެންނޭ ކޮންޓްރެކްޓަރު މަސައްކަތް ނުކޮށް ބާއްވާފައި މި އޮންނަނީ 
މުހައްމަދު ސަލީމް

ކުޑަހުވަދޫ މަގުހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އާރްޑީސީއާއެކު  ސޮއިކޮށްފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.  މި އެއްބަސްވުމުގެ ދަށުން ކުޑަހުވަދޫގެ 5.85 މަގުގައި ތާރުއެޅުމާއެކު މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމްކޮށް، މަގު ބައްތި ހަރުކުރުމަށް ވަނީ ނިންމާފަ އެވެ.