ހދ. ކުރިނބީއަށް ސަރުކާރުން ގިނަ ވައުދުތަކެއް ވެފައިވީ ނަމަވެސް، އެ ރަށުގެ މުހިންމު ގިނަ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ 'ވައުދުނާމާ' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެންބަރު ޒިޔާދު ވިދާޅުވީ، ކުރިނބީގައި މިހާރު ކުރިއަށްދަނީ މުޅި ރާއްޖޭގައި އަޅާ އެއް ޑިޒައިނެއްގެ ޒުވާނުންގެ މަރުކަޒުގެ ދަގަނޑުތައް ރޭވުމުގެ މަސައްކަތް އެކަނި ކަމަށެވެ.
ނަމަވެސް، ރަށުގެ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އިންތިޚާބާ ދިމާކޮށް ތަނބުތައް ޖެހި ގޮތަށް އެއްވެސް ވަރަކަށް ކުރިއަށް ނުގޮސް މިހާރު ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން، ރަށުގެ ކުޅިވަރުގެ ވަސީލަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މެންބަރު ޒިޔާދު ވިދާޅުވީ، މިހާރު އޮތް ފުޓްސަލް ދަނޑު ހަލާކުވެފައިވާއިރު އޭގެ ޓާފް ބަދަލުކުރުމުގެ މަސައްކަތް ވެސް އަދި އައު ދަނޑެއް އެޅުމުގެ މަސައްކަތް ވެސް ކުރިއަށްނުދާ ކަމަށެވެ. އަދި ބޮޑު ފުޓްބޯޅަ ދަނޑުގެ ވަށާފާރާއި ފެންސް ޖަހައި ނިންމާފައިވީ ނަމަވެސް، ދަނޑުގެ ސަބްބޭސް ހެދުމުގެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ކުރިނބީގެ ފެނާއި ނަރުދަމާ ނިޒާމުގެ ހާލަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ، މަސައްކަތުގެ 90 އިންސައްތަ ނިމިފައިވީ ނަމަވެސް، ފާއިތުވި 3 އަހަރު މި މަޝްރޫއު ނިންމާ، ޚިދުމަތް ދެވެން ނުފެށޭ ކަމަށެވެ.
ކުރިނބީގެ އެންމެ ދެރަވާ ކަމަކީ ފެނާއި ނަރުދަމާ 90 ޕަސެންޓް ނިމިފައި. އިހައްދުވަހަކު ވަޒީރު ވެސް މަޖިލީހުގައި ވިދާޅުވި ވަރަށް ބޮޑަށް ނިމިފައި އޮތީމާ ތިމަންނަމެން އެ މީހުން ލައްވާ ކުރުވަނީއޭ. މި ތިން އަހަރުވީއިރު ކުރިނބީއަކީ ފެނުގެ ހާލަތު އެންމެ ދަށް އެއް ރަށް ދާއިރާގައި. މިއަދާ ހަމައަށް އެ ހުރީ އިސްކުރާ އެއްޗެހި ލާ ހުރިހާކަމެއް ނިމިފައި ހުރި ތަންތަން. އެ މަސައްކަތުގެ އެއްވެސްކަމެއް މިއަދާ ހަމައަށް ކުރިއަކަށް ނުދޭހުސައިން ޒިޔާދު
މެންބަރު ޒިޔާދު ވިދާޅުވީ މި ސަރުކާރުގައި ރަށުގެ ތަރައްގީއަށް އަދި ދާއިރާގެ ތަރައްގީއަށް މާ ބޮޑު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދު ނުކުރައްވާ ކަމަށެވެ.