ސިނަމާލެ ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ލަމްބޮގިނީ ކާރެއް ކޮންޓްރޯލުން ނެއްޓި އެތަނުގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރުގައި ތިބި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް ފުލުހުން ބުނެފި އެވެ.

ހުކުރު ދުވަހު ފުލުހުން ބުނީ، ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު 2026 އޯގަސްޓް 21 ވަނަ ދުވަހުގެ ހެނދުނު 08:42 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. 

މި އެކްސިޑެންޓުގައި ހޮޅިދަނޑިތަކުގައި ޖެހި ކާރު ފުރޮޅާލައިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި ހާދިސާ ހިނގި ވަގުތު ކާރުގައި ބޮޑު މީހަކާއި ކުޑަކުއްޖަކު ތިބި އިރު، އެ ދެ މީހުންނަށް މިހާރު ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަން ފާހަގަކޮށް ފުލުހުން ބުނީ، މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. 

މީސްމިޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ކާރު ފުރޮޅާލާފައި އޮތްއިރު، ކާރުގެ ބައިތައް ވެސް ވަނީ ދުރަށް ބުރައިގެން ގޮސްފަ އެވެ. މީގެ އިތުރުން ސޯލާ ޕެނަލްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.