މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ޔަޒްމީދު މުހައްމަދު އައްޔަނުކުރައްވައިފި އެވެ.

ޕެންޝަން އޮފީހުން ބުދަ ދުވަހު ބުނެފައިވަނީ އެ އޮފީހުގެ ސީއީއޯގެ މަގާމަށް ޔަޒްމީދު މުހައްމަދު 23 އޮގަސްޓު 2026 ވަނަ ދުވަހުން ފެށިގެން އައްޔަނުކުރައްވާފައިވާ ކަމަށެވެ. އަދި ޔަޒްމީދު މި މަޤާމަށް އައްޔަނުކުރައްވާފައިވަނީ، ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. 

ޔަޒްމީދު އެންމެ ފަހުން ހުންނެވީ ޖިޑީޝަލް ސަރވިސް ކޮމިޝަނަށް ރައީސް އައްޔަނުކުރައްވާ މެންބަރެއް ގޮތުގައި އެވެ. ނަމަވެސް ނިމިދިޔަ މެއި މަހު އޭނާ ވަނީ ޖޭއެސްސީގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވާފަ އެވެ. 

ޔަޒްމީދު ވަނީ 2024 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ކަމަށް ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާފަ އެވެ.

މީގެއިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރު ކަމާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އޮޑިޓް މެނޭޖަރުކަން ކުރައްވާފައިވާއިރު، ޔަޒްމީދު އަކީ އެސޯސިއޭޝަން އޮފް ޗާޓަރޑް ސަރޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) ފުރިހަމަކޮށްފައިވާ ސަރޓިފައިޑް ޗާޓަރޑް އެކައުންޓެންޓެކެވެ. އަދި އޯޕަން ޔުނިވަރސިޓީ މެލޭޝިޔާއިން ހިންގުމުގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވުމުގެ އިތުރުން އޮކްސްފޯރޑް ބްރޫކްސް ޔުނިވަރސިޓީއިން އެކައުންޓިންގ ދާއިރާއިން ފަސްޓް-ކްލާސް އޮނަރސް ޑިގްރީ ހާސިލުކުރައްވާފައިވެ އެވެ.

ޕެންޝަން އޮފީހުގެ ސީއީއޯ މަގާމު ހުސްވީ އެ މަގާމުގައި އަދާކުރެއްވި ސުޖާތާ ހަލީމް ފެބްރުއަރީ 4 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ސުޖާތާގެ އިތުރުން ސަރުކާރުން ބޮންޑު ގަތުމުގެ މުއާމަލާތާ ގުޅިގެން ހިޔާލު ތަފާތުވުން އުފެދިފައިވާ ދަނޑިވަޅެއްގައި ޕެންޝަން އޮފީހުގެ ހެޑް އޮފް އިންވެސްޓްމަންޓްގެ މަގާމުގައި ހުންނެވި ހައިފާ އަހުމަދު ވެސް ވަނީ ޖުލައި މަހުގެ ތެރޭގައި އިސްތިއުފާ ދެއްވާފައި އެވެ. 

ޕެންޝަން ފަންޑުން ގަނެފައިވާ 2.4 ބިލިއަން ރުފިޔާގެ ޓީ-ބިލުތަކެއް ވިއްކާލައިގެން ލިބޭ ފައިސާ ސަރުކާރުން ވިއްކާ، ދިގު މުއްދަތުގެ ބޮންޑަކަށް އިންވެސްޓުކުރަން އެ ފަންޑުން މިދިޔަ އަހަރުގެ ތެރޭގައި ހިންގަން އުޅުނު މުއާމަލާތް ކުރިއަށް ގެންދަން އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައި އެވެ.