އެސްއީޒެޑްގެ މަޝްރޫއުން ދައުލަތައް ފައިދާގެ ގޮތުގައި ލިބިގެންދާނީ
އެންމެ އިންސައްތައެއް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު
އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.

އޭސީސީ ކައިރީގައި ހުންނަވައި ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިޔުގައި މާޒް ސަލީމް ވިދާޅުވީ ސަރުކާރުން އެސްއީޒެޑްގެ
މަޝްރޫއުގެ ސަބަބުން ދައުލަތަށް ފައިސާ
އަދި ޑޮލަރު ލިބޭނެ ކަމަށް ބުނި ނަމަވެސް، ލިބޭ ފައިދާގެ ބޮޑު އިންސައްތައެއް
ލިބިގެންދާނީ ބިންތަކާއި އިމާރާތްތައް ތަރައްގީ ކުރާ ކުންފުނިތަކަށް ކަމަށެވެ.

މާޒް ސަލީމް ވިދާޅުވީ އާންމު ރައްޔިތުން ގޯތި ގެދޮރު ގަންނަ ނަމަ، ދައުލަތަށް އަށް އިންސައްތައިގެ ޓެކްސްއެއް ދޭންޖެހޭ ކަމަށާއި، ނަމަވެސް އެސްއީޒެޑްގެ
ދަށުން ގެދޮރު ނަގާ މީހުން ދައުލަތަށް ދޭން ހަމަޖެހިފައިވަނީ ހަމައެކަނި އެއް
އިންސައްތައިގެ ޓެކްސްއެއް ކަމަށެވެ.

ދައުލަތުން ވަރަށް ބާރު ލާފައި އެބަ ބުނަމުންދޭ މި މަޝްރޫއުން ވަރަށް ގިނަ ފައިސާ ވަރަށް ގިނަ ޑޮލަރު އެބަ ލިބެޔޭ މި ޕްރޮޖެކްތައް މިހެން ބަދަލުކުރީމަ، ހަގީގަތަކީ މިތަން ތައްޔާރު ކުރާ ކުންފުނަޏައް މި ފައިދާ ލިބެނީ. ތަރައްގީ ކުރާ ކުންފުނި އަތުން ބޭރުގެ ފަރާތްތަކުން އައިސް މިތަން ތަން މި ގަންނަނީ، ގަތުމަށް ފަހު ދައުލަތަށް މި ލިބިގެންދަނީ އެއް ޕަސެންޓު
އަހުމަދު ސަލީމް (މާޒް ސަލީމް)

ނިމިދިޔަ ސަރުކާރުން ޓޫރިސްޓު ރިސޯޓު ތަކެއް ތަރައްގީ ކުރުމަށް،
ބިންހިއްކުމުގެ މަސައްކަތް ނިމުމާ ގާތްވެފައި ވަނިކޮށް މި ސަރުކާރުން އެސްއީޒެޑްގެ ދަށަށް ކުއްލި ގޮތަކަށް މި މަޝްރޫއުތައް ބަދަލުކޮށް ސަސްޓެއިނަބަލް
ޓައުންޝިޕްގެ ނަމުގައި އައު ގިންތިއެއް ތައާރަފު ކުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެއްކަމަށް
މާޒް ސަލީމް ވަނީ ފާހަގަކުރައްވާފަ އެވެ.

ގައުމުގެ އިސްތިގުލާލާއި މިނިވަންކަމަށް ބުރޫ އަރާ ކަންކަން މިކަމުގައިވާ ކަމަށް ފާހަގަ ކުރައްވާ މާޒް ސަލީމް ވިދާޅުވީ، މި ގާނޫނުގެ ސަބަބުން ކަސްޓަމްސް އަށް އެސްއީޒެޑްގެ ފަރާތުން ރާއްޖެ އަންނަ މީހުން އެތެރެކުރާ ތަކެތި ބެލުމުގެ
ހުއްދައެއް، އަދި ވިޔަފާރި ކުރާ ގުދަންތައް ބެލުމުގެ ހުއްދައެއް ލިބިފައި ނުވާ
ކަމަށެވެ. އަދި ދިވެހީން އަމަލު ކުރަން ޖެހިފައިވާ ގާނޫނުތަކަށް އެ މީހުން އަމަލު
ކުރަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމައެއާއެކު ގާނޫނުތައް ފާސްކޮށްފައި ހުރި ގޮތުން އެސްއީޒެޑްގެ ދަށުން
ރާއްޖެ އެތެރެވާ ބޭރު މީހުންނަށް ކެސީނޯ ހިންގައި، ޖުވާ ކުޅުމުގެ ފުރުސަތު
ފަހިވެގެންދާނެ ކަމަށް މާޒް ސަލީމް ވިދާޅުވި އެވެ.

މާޒް ސަލީމް ވިދާޅުވީ އެހެން ގައުމުތަކުގައި ބޭރު ފަރާތްތަކަށް ވިސާ
ލިބިގެންދަނީ ވަކި މުއްދަތަކަށް އެ ގައުމުގައި ދިރިއުޅުމަށް ފަހު ކަމަށާއި،
ނަމަވެސް ދައުލަތުން މިހާރު ނިންމާފައިވާ ގޮތުން އެސްއީޒެޑްގެ ފަރާތުން ރާއްޖެ
އެތެރެވާ މީހުންނަށް ވަގުތުން ވިސާ ދޭގޮތަށް ވަނީ ހަމަޖެހިފަ ކަމަށެވެ.

މާޒް ސަލީމް ވިދާޅުވީ އެސްއީޒެޑްގެ ފަރާތުން ރާއްޖެ އަންނަ މީހުންނަށް ވިސާ
ހަމަޖެއްސުމަށް ހަވާލުކޮށްފައިވާ ހެންލީ އެންޑް ޕާޓްނާރޒް އަކީ ބައިނަލްއަގުވާމީ
ގޮތުން އެތައް ބައެއްގެ ފާޑު ކިޔުން އަމާޒު ވެފައިވާ ކުންފުންޏެއް ކަމަށެވެ. އަދި
މި މަސައްކަތް މި ކުންފުންޏަށް ހަވާލުކުރެވުނީ ކިހިނެއްތޯ ދައުލަތުން
ރައްޔިތުންނަށް ހާމަ ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަޝްރޫއު
ވަގުތުން ހުއްޓުވައި ތަހުގީގު ކޮށްދިނުމަށް އޭސީސީގެ ރައީސް އަލްއުސްތާޛު އާދަމް
ޝާމިލަށް އެޑްރެސް ކުރައްވައި ބުރާސްފަތި ދުވަހު މާޒް ސަލީމް ވަނީ އޭސީސީއަށް
ސިޓީއެއް ފޮނުވާފަ އެވެ.