ފެނަކަ ކޯޕަރޭޝަންގެ ށ. ފޯކައިދޫ ބްރާންޗުގައި ގާތްގަނޑަކަށް 10 އަހަރު ވަންދެން ޚިދުމަތްކުރި މުވައްޒަފެއް އިދިކޮޅު އެމްޑީޕީއަށް ސޮއިކުރި މައްސަލައިގައި ވަޒީފާއިން ވަކިކޮށްފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ ށ. ފޯކައިދޫ ބްރާންޗުގައި މަސައްކަތް ކުރި އަހުމަދު ޖައިލަމް ވަޒީފައިން ވަކިކުރިކަމުގެ ޗިޓު.
ފެނަކަ ކޯޕަރޭޝަންގެ ށ. ފޯކައިދޫ ބްރާންޗުގައި މަސައްކަތް ކުރި އަހުމަދު ޖައިލަމް ވަޒީފައިން ވަކިކުރިކަމުގެ ޗިޓު.

13 ނޮވެންބަރު 2016 ގައި ފެނަކައިގެ ވަޒީފާއާ ގުޅުނު އަހުމަދު ޖައިލަމް ވަޒީފާއިން ވަކިކޮށްފައިވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ޖައިލަމް ބުނީ، މިއަހަރުގެ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް އޭނާ އެމްޑީޕީއަށް ސޮއިކުރުމާ ގުޅިގެން ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތިކުރުވި ކަމަށެވެ.

އެގޮތުން ޓެކްނީޝަނެއްގެ މަގާމުގައި ހުއްޓާ ލޭބަރަކަށް ބަދަލުކުރި ކަމަށާއި، ފަހުން އެ މައްސަލަ ފެނަކަ ހެޑް އޮފީހަށް ހުށަހެޅުމުން އުސޫލުން ބޭރުން އެކަން ނުކުރެވޭނެ ކަމަށް އަންގައި އަލުން ޓެކްނީޝަންގެ މަގާމު ދިން ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް، އެއްވެސް އެންގުމެއް ނެތި ސިސްޓަމުން ފިންގަރޕްރިންޓް ރިމޫވްކޮށް، ވަޒީފާއިން ވަކިކުރީ ކަމަށް ޖައިލަމް ފާހަގަކުރި އެވެ.

ފެނަކަ ކޯޕަރޭޝަންގެ ށ. ފޯކައިދޫ ބްރާންޗުގައި މަސައްކަތް ކުރި އަހުމަދު ޖައިލަމް ވަޒީފައިން ވަކިކުރިކަމުގެ ޗިޓު.

ފެނަކަ ކޯޕަރޭޝަންގެ ށ. ފޯކައިދޫ ބްރާންޗުގައި މަސައްކަތް ކުރި އަހުމަދު ޖައިލަމް ވަޒީފައިން ވަކިކުރިކަމުގެ ޗިޓު.|ރާއްޖެއެމްވީ

ޖައިލަމް ބުނި ގޮތުގައި އޭނާއަކީ ދުވަހަކުވެސް އޮފީހަށް ގަޑިޖެހި، ސަލާމްބުނެ ނުވަތަ މަސައްކަތަށް ފަރުވާކުޑަކުރި މީހެއް ނޫނެވެ. ވަޒީފާއިން ވަކިކުރީ އިސްލާހީ 3 ފިޔަވަޅު އެޅުމަށްފަހު ކަމަށް ބުނި ނަމަވެސް، އެޅި ކަމަށް ބުނާ ދެ ފިޔަވަޅެއްގެ މައުލޫމާތު އޭނާއާ ހިއްސާކޮށްފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ، މިއީ އޭނާ ގެ އާއިލާއަށް ދިން ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށެވެ. 

އަޅުގަނޑަކީ އަންބަކާއި، ކުޑަ 3 ކުދިން ބަލަހައްޓަމުންދާ މީހެއް. ސިޔާސީ ގޮތުން އާއިލާ ނިކަމެތިކޮށްލީ. އަޅުގަނޑުގެ އެއް ކުއްޖަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށްވާތީ ފަރުވާ އަށް ވަރަށް ގިނައިން މާލެއަށާއި ރާއްޖެއިން ބޭރަށް ދާން ޖެހޭ
އަހުމަދު ޖައިލަމް 

މި މައްސަލައާ ގުޅިގެން ފޯކައިދޫ ފެނަކަ ބްރާންޗްގެ މެނޭޖަރު އަބްދުﷲ މާހިދު ވިދާޅުވީ، ޖައިލަމް ވަޒީފާއިން ވަކިކޮށްފައިވަނީ އުސޫލުގެ ތެރެއިން ކަމަށެވެ. ނަމަވެސް ވަޒީފާއިން ވަކިކުރި ސީދާ ސަބަބެއް އަދި އެޅި އިސްލާހީ ފިޔަވަޅުތަކުގެ ތަފްސީލު ހާމަކޮށްފައިނުވެ އެވެ. އަދި ވިދާޅުވީ މުވައްޒަފުންގެ އެފަދަ މައުލޫމާތުތަކަކީ ހާމަ ކުރާ މައުލޫމާތުތަކެއް ނޫން ކަމަށެވެ. 

ސިޔާސީ ގޮތުން އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ނަމަވެސް، ސަރުކާރަށް ތާއީދު ނުކުރާ ފަރާތްތަކަށް އެކި ކަހަލަ ފިއްތުންތައް ކުރިމަތިކުރުވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުން މުވައްޒަފުން ނުހައްގުން ވަޒީފާއިން ވަކިކުރަމުންދާ ކަމުގެ ޝަކުވާތައް ދަނީ އިތުރުވަމުންނެވެ.