ޓައުންޝިޕް މަޝްރޫއަކީ އެތައް މިލިއަން ޑޮލަރަކާއި ރައްޔިތުންގެ
އަގުބޮޑު އެސެޓުތަކެއް ގެއްލި، ވަކި ބަޔަކަށް ކުއްލި މުއްސަނދިކަން ލިބިދޭ ގޮތަށް ރޭވިފައިވާ
ކަމެއްކަމަށް ބުނެ، އެ މަޝްރޫއު ހުއްޓުވައިދޭން އެންޓި ކޮރަޕްޝަން ކޮމިޝަން
(އޭސީސީ) ގައި އެދިއްޖެ އެވެ.
އެ މަޝްރޫއު ވަގުތުން ހުއްޓުވައި ތަހުގީގު ކޮށްދިނުމަށް
އެދި އޭސީސީއަށް މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން މި މައްސަލަ އޭސީސީގެ
ރައީސް އަލްއުސްތާޛު އާދަމް ޝާމިލަށް އެޑްރެސް ކުރައްވައި ސިޓީއަކުން ހުށަހަޅުއްވާފައިވަނީ
އަމިއްލަ ފަރާތެއް ކަމަށްވާ އަހުމަދު ސަލީމް (މާޒް ސަލީމް) އެވެ.
އޭސީސީއަށް ފޮނުއްވި ސިޓީގައި ސަލީމް ވިދާޅުވެފައިވަނީ،
އެސްއީޒެޑް ޓައުންޝިޕް މަޝްރޫއަކީ އެތައް މިލިއަން ޑޮލަރަކާއި ރައްޔިތުންގެ އަގުބޮޑު
އެސެޓުތަކެއް ގެއްލި، ވަކި ބަޔަކަށް ކުއްލި މުއްސަނދިކަން ލިބިދޭ ގޮތަށް ރޭވިފައިވާ
ކަމެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި މިފަދަ މަޝްރޫއުތަކުގެ ދަށުން ބޭރުގެ
ފަރާތްތަކަށް ގެދޮރު މިލްކުކުރެވޭ ގޮތަށް ޕްރޮގްރާމްތައް ހިންގައިގެން، އެ ގައުމެއްގެ
ރައްޔިތުންނަށް ދިގުމުއްދަތުގެ ފައިދާއެއް ލިބިފައިވާ ތަނެއް ދުނިޔޭގެ އެއްވެސް ގައުމަކުން
ފެންނަން ނެތް ކަމަށް ވެސް އޭނާ ފާހަގަކުރައްވާފައިވެ އެވެ.
މި މަޝްރޫއުގެ ސަބަބުން ދިވެހިންގެ އެންމެ އަގުހުރި
އެސެޓުތަކާއި ދައުލަތަށް ލިބެން އޮތް ބިލިއަން ޑޮލަރު ގެއްލިގެންދާނެ ކަމަށް ސަލީމް
ވިދާޅުވި އެވެ.
މީގެ އިތުރުން، ދައުލަތުގެ މުދަލާއި ފައިސާއަށް ސަރުކާރުގެ
މުއައްސަސާތަކުން ފާޅުކަން ބޮޑުކޮށް ޚިޔާނާތްތެރިވަމުންދަނީ އޭސީސީ ފަދަ މުއައްސަސާތަކަށް
ގާނޫނުން މަތިކޮށްފައިވާ ޒިންމާ ފުރިހަމައަށް އަދާނުކުރާތީ ކަމަށް ރައްޔިތުން ގަބޫލުކުރާ
ކަމަށް ވެސް އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.
ހަމައެއާއެކު، ސަރުކާރުގެ ތެރޭގައި ހިންގާ ބޮޑެތި ކޮރަޕްޝަންތައް
ހުއްޓުވުމަށް ފިޔަވަޅު އެޅުމުގައި އޭސީސީ ފެއިލްވެފައިވާ ކަމަށް ވެސް އޭނާ ތުހުމަތު
ކުރެއްވި އެވެ.
ސަލީމް ހުށަހެޅުއްވި މައްސަލައިގައި ވަކިން ހާއްސަކޮށް
ފާހަގަކޮށްފައިވަނީ، ނ. އަތޮޅު ދިގުފަރާއި ދެކުނުފަރުގައި 262 ކޮޓަރީގެ "އަލްޓްރާ
ލަގްޒަރީ" ރިސޯޓެއްގެ ގޮތުގައި "ޕްރޮޖެކްޓް އައިލާ" ގެ ނަމުގައި ބިން
ހިއްކުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ކުއްލިއަކަށް އެ މަޝްރޫއު އެސްއީޒެޑްގެ ދަށަށް
ބަދަލުކުރި މައްސަލައެވެ.
މީގެ އިތުރުން، ރާއްޖެއިން ބޭރު މީހުންނަށް ރަށްވެހިކަން
ލިބޭ ވިސާ ޕްރޮގްރާމް ހިންގުމަށް "ހެންލީ އެންޑް ޕާޓްނާސް" ހޮވި ގޮތާ މެދު ވެސް
ވަނީ ސުވާލު އުފައްދާފަ އެވެ.
މި މަޝްރޫއު އެސްއީޒެޑް ޓައުންޝިޕަކަށް ބަދަލުކުރުމުން
ދައުލަތަށް ލިބޭ އާމްދަނީ މަދުވާކަން ފާހަގަކޮށް، މިކަމުގެ ފަހަތުގައި ހިނގާފައިވާ
ވައްކަމާއި ކޮރަޕްޝަންގެ މިންވަރު ބަލައިދިނުމަށް ސަލީމް ވަނީ އެދިވަޑައިގެންފައެވެ.
އަދި އޭސީސީން ވަގުތީ އަމުރެއް ނެރެގެން މި މަޝްރޫއު ހުއްޓުވައި، އަވަސް މައްސަލައެއްގެ
ގޮތުގައި ތަހުގީގު ކޮށްދިނުމަށް އޭނާ ގޮވާލެއްވި އެވެ.
މި މައްސަލަ ހުއްޓުވުމަށް ކަމާގުޅޭ އެހެން މުއައްސަސާތަކުގައި
ދެންނެވުމަކީ އޭސީސީގެ ގާނޫނީ ޒިންމާއެއްކަން ހަނދާންކޮށްދެއްވަމުން ސަލީމް ވިދާޅުވީ،
މި މަސައްކަތް ނުހުއްޓުވައިފިނަމަ ދައުލަތުގެ މާލިއްޔަތަށް ބިލިއަން ޑޮލަރުގެ ގެއްލުންވެ،
ގައުމުގެ ސިޔާދަތާއި ގައުމީ ސަލާމަތަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރު
އެބައޮތް ކަމަށެވެ. މިކަމަކީ މިއަދު ދިވެހި ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެއްގެ
ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.