ސަރުކާރުން ހިންގާ ޓައުންޝިޕް މަޝްރޫއުގައި ކޮރަޕްޝަން
އެކުލެވޭކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލްއަށް
އެޑްރެސްކުރައްވައި އަމިއްލަ ފަރާތެއްކަމަށްވާ އަހުމަދު ސަލީމް ސިޓީއެއް ފޮނުއްވައިފި
އެވެ.

ނ.އަތޮޅު ދިގުފަރާއި ދެކުނުފަރު 262 ކޮޓަރީގެ އަލްޓްރާ
ލަގްޒަރީ ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ޕްރޮޖެކްޓު އައިލާ ނަމުގައި ތަރައްޤީކުރުމަށް
ކުއްޔަށް ދޫކޮށްފައިވާއިރު، ރިސޯޓު ހެދުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ކުރިޔަށް
ދަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެސްއީޒެޑުގެ ޤާނޫނަށް ކުއްލިޔަކަށް
ބަދަލުގެނެސް ސަސްޓެއިނަބަލް ޓައުންޝިޕް ނަމުގައި އައު ގިންތިއެއް ތައާރަފްކޮށް މި ރިސޯޓު
ޕްރޮޖެކްޓަށް އެސްއީޒެޑްގެ ދަރަޖަ ދީފައިވާކަމަށް ސިޓީގައި ބުނެފައިވެ އެވެ.

ޤާނޫނަށް ގެނެވުނު އިސްލާހަށް އަމަލުކުރަން ފެށިތާ އެއްމަސް
ދުވަސް ނުވަނީސް، ކުރިން ހިނގަމުން ދިޔަ ރިސޯޓު ޕްރޮޖެކްޓު ކަމަށްވާ އައިލާ ޕްރޮޖެކްޓަށް
އެސްއީޒެޑްގެ ދަރަޖަ ދީ އެ މަޝްރޫއު ސަސްޓެއިނަބަލް ޓައުންޝިޕަކަށް ބަދަލުކުރުމަކީ
އެތައް ސުވާލެއް އުފެދޭ ކަމެއްކަމަށް ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

262 ކޮޓަރީގެ އަލްޓްރާ ލަގްޒަރީ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކޮށްފިނަމަ
މިފަދަ ރިސޯޓަކުން ބިމުކުއްޔާއި ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި އިންކަމް ޓެކްސްގެ
ގޮތުގައި ސަރުކާރަށް ސީދާ އާމްދަނީގެ ގޮތުގައި އަހަރަކު 70 މިލިއަން ދިވެހި ރުފިޔާ
ނުވަތަ އެއަށްވުރެ ގިނައިން ލިބުމުގެ ފުރުސަތު އޮތްކަމަށް ސިޓީގައި ބުނެފައިވެއެވެ.

އެހެންނަމަވެސް އެސްއީޒެޑްގެ ދަށުން ކުޑަވެގެންދާ ޓެކްސް
އަދި ކަސްޓަމްސް ޑިއުޓީން ލިބިދޭ ބޮޑެތި ލުއިތަކުގެ ސަބަބުން، ރިސޯޓެއްގެ ގޮތުގައި
ލިބިދޭ އާމްދަނީގެ ވަރަށް ކުޑަ މިންވަރެއް ނޫނީ ދައުލަތަށް ނުލިބޭނެކަމަށް ވެސް ބުނެފައިވެއެވެ.

ރާއްޖޭގެ އާންމު ބާޒާރުން ދިވެއްސަކު ގޯތި ގެދޮރު ގަންނައިރު
8 ޕަސެންޓުގެ ޖީއެސްޓީއެއް ސަރުކާރަށް ދައްކަންޖެހޭއިރު، މި ޓައުންޝިޕްތަކުގެ ތެރޭގައި
ހިންގާ މުއާމަލާތްތަކުން ނަގާ ޓެކްސް 1 ޕަސެންޓާއި ގާތްކުރާ މިންވަރަކަށް ކުޑަވުމުގެ
ފުރުސަތު އޮތްކަމަށް ވެސް މި ސިޓީގައި ބުނެފައިވެއެވެ.

އެހެންކަމުން ދިވެހިރާއްޖެއިން ގެދޮރު ގަންނަ ދިވެހި
ރައްޔިތަކަށްވުރެ، މި ޕްރޮޖެކްޓު އެސްއީޒެޑްގެ ޕްރޮޖެކްޓަކަށް ކުއްލިޔަކަށް ބަދަލުކޮށް
މި ޕްރޮޖެކްޓުގެ ތެރެއިން ލަގްޒަރީ ޕްރޮޕަޓީ ގަންނަ ބޭރުގެ މުއްސަނދިންނަށް ލުއި ގޮތްތަކެއް
ހަމަޖައްސައިދިނުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުރުމަށް ރޭވިފައިވާ ކަމެއްކަމަށް
ތުހުމަތުކުރެވޭކަމަށް ސިޓީގައި ވަނީ ބަޔާންކޮށްފަ އެވެ.

ސިޓީގައި އިތުރަށް ބުނެފައިވަނީ، ރާއްޖެއިން ބޭރުގެ
މީހުންނަށް ރަށްވެހިކަން ލިބިދޭ ވިސާ ޕްރޮގްރާމް އެވޯޑުކުރެވުނު ހެންލީ އެންޑް ޕާޓްނާސް
އަކީ މިފަދަ އިންވެސްޓްމަންޓު މައިގްރޭޝަން ޕްރޮގްރާމްތަކާއި ގުޅިގެން ބައިނަލްއަޤުވާމީ
ދުނިޔޭގައި ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ކުންފުންޏަކަށްވާއިރު،
މި ކުންފުންޏަށް މި ޕްރޮޖެކްޓް އެވޯޑުކުރެވުނީ ކޮންގޮތަކުންތޯ ބަލާން ޖެހޭކަމަށެވެ.

އެހެންކަމުން މި މައްސަލައިގައި ވަގުތީ އަމުރެއް ނެރިގެން
މި ޕްރޮޖެކްޓު ހުއްޓުވައި، އަވަސް މަސްއަލައެއްގެ ގޮތުގައި ތަހުޤީޤުކޮށްދެއްވުމަށް
ސިޓީގައި ވަނީ އެދިފަ އެވެ.

މިކަމުގެ ފަހަތުން ފެނިގެން މިދަނީ މީހުން ދިރިއުޅޭ
ރަށްތަކެއްގެ ތެރޭގައި އޮންނަ ސަރަހައްދެއް، ބޭރުގެ ފަރާތްތަކަކަށް ވިއްކާލުމުން
އެބަޔަކަށް އެތަންތަން މިލްކުވެ އަދި އެތަނުގައި އެބަޔަކު ބޭނުންދީނަކަށް އުޅުމުގެ
ފުރުސަތުލިބިދީ، ޖުވާކުޅުމާއި، ކެސިނޯ ހިންގުމާ އަދި އެއްޖިއްސުން މީހުނާ އިނުމަށް
ވެސް ފުރުސަތު ލިބި މިއިން އެއްވެސް ކަމަކަށް މިސަރުކާރުން ބަހެއްކިޔާ އަމުރު
މަޢުރޫފެއް ނުހިންގޭގޮތަށް އެ ބަޔަކަށް އެތަންތަން މުޅިން ހިބަކޮށް ލިބުން.
މިކަމަކީ ދިވެހި ރައްޔިތުން ޤަބޫލުވެ ރުހޭނޭ ކަމެއްނޫން. ފާފު އަތޮޅުގެ
މައްސަލައިގައި އޭރު ވެސް ރައްޔިތުންގެ ކަންބޮޑުވުން ފާޅުކޮށް ބުނަމުން ދިޔައީ،
ބޭރުގެ ފަރާތްތަކަށް މިފަދައިން ބޮޑެތި ސަރަހައްދުތައް ދޫކުރުމަކީ ދިވެހި ރައްޔިތުން
ރުހޭ އަދި ޤަބޫލުކަމެއް ނޫންކަމަށް. މީގެ އިތުރުން މިކަމުގައި އޮތް އެންމެ
ހައްސާސް ކަމަކީ މިކަމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތާ ޤައުމީ ސަލާމަތަށް އޮތް
ނުރައްކާ
މާޒް ސަލީމް އޭސީސީއަށް ފޮނުއްވި ސިޓީ

ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި މިދިޔަ
އަހަރުގެ ޖުލައި މަހު ސިންގަޕޫރުގައި ބޭއްވި މޯލްޑިވްސް-ސިންގަޕޫރު ބިޒްނަސް
ފޯރަމްގެ ތެރެއިން، ރާއްޖޭގައި 'ރެސިޑެންސް ބައި އިންވެސްޓްމަންޓް' ޕްރޮގްރާމެއް
ތައާރަފުކުރުމަށްޓަކައި ހެންލީ އެންޑް ޕާޓްނާސްއާއެކު ސަރުކާރުން ވަނީ
އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެހެން ނަމަވެސް ސަރުކާރުން އޭރު ވެސް އެ
ކުންފުނި މިކަމަށް ނޮމިނޭޓުވީ ގޮތެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި މިކަމުގައި
އެކުލެވޭ ވިޔަފާރީގެ މުއާމަލާތްތަކުގެ ތަފްސީލު ވެސް ހާމަކޮށްފައެއް ނުވެ އެވެ.

މިކަމަކީ ދައުލަތަށް ބޮޑުފައިދާއެއްވާން އޮތްކަމެއްގައި
ބާރާއި ނުފޫޒު ބޭނުންކޮށްގެން ދައުލަތަށް ގެއްލުންވަމުންދާނެ ޕުރޮޖެކުޓަކަށްވާތީވެ،
މިމައްސަލާގައި އޭސީސީން ވަގުތީ އަމުރެއް ނެރިގެން މިމަސައްކަތް
ނުހުއްޓުވައިފިނަމަ، ދިވެހި ދައުލަތުގެ މާލިއްޔަތަށް އެތައް ބިލިއަން ޑޮލަރެއްގެ
ބޮޑު ގެއްލުމެއް ލިބި މިޤަމުގެ ސިޔާދަތާއި އަދި ޤައުމީ ސަލާމަތަށް ބޮޑު
ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ ކަންބޮޑުވުން އޮތްކަމަށް ވެސް ސިޓީގައި ވަނީ ބުނެފަ
އެވެ.